ގދ.ތިނަދޫން ކޮވިޑަށް ޕޮޒިޓިވް ވި ބަލިމީހާ، އެ ސަރަޙައްދުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ވިލިނގިއްޔަށް ގެންދިޔުމުން އެ ރަށަށް ނާރުވާ ފޮނުވާލި މައްސަލައިގައި މަޖިލީހުގެ ހުވަދޫ މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ކޮށްފިއެވެ.
ހުވަދޫއަށް ނިސްބަތްވާ ގިނަ މެންބަރުން ކޮފީ މޭޒުގައި ތިއްބަވައިގެން ވާހަކަ ދައްކަވަމުން ދާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ ބަލިމީހާ ވިލިގިއްޔަށް ގެންދިޔަ ގެންދިޔުން ގޯސްކޮށްފައެވެ. ސައުދު ވިދާޅުވީ، ކޮވިޑް ބަލިމީހެއް ތިނަދޫއިން ބޭލުމަކީ ގޯހެއް ކަމަށް ވިދާޅުވެ، ވިލިނގިލިން އިހުތިޖާޖު ކުރި ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައެވެ.
އެކަމަށް ރައްދު ދެއްވަމުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ، ކޮވިޑް ފެސިލިޓީއެއް ތިނަދޫގައި އެޅީ އެއީ ތިނަދޫ މީހުންގެ ތަނަކަށް ހަދަން ނޫންކަމަށެވެ. އެއީ މުޅި އަތޮޅުގެ ރައްޔިތުންގެ ތަނެއްކަމަށްވެސް ސަނީފު ވިދާޅުވިއެވެ. އަދި ކޮވިޑް ފެސިލިޓީ ވިލިގިއްޔަށް ގެންދިޔައީ ވަގަށް ކަމަށްވެސް ސަނީފު ވަނީ ތުހުމަތު ކުރައްވާފައެވެ.
Isn’t smoking prohibited in the parliament premises under the Tobacco Control Act?! https://t.co/IbYfFyek8I
— Jamsheed (@ahmedjamsheed) August 31, 2020
ސައުދަށް ރައްދު ދެއްވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން (ފިއްރަ) ވިދާޅުވީ، ”މަންމަން“ ވާހަކަ ނުދެއްކުމަށެވެ. އަދި ބަލިމީހާ ވިލިނގިލީގައި ހުންނަ ފެސިލީޓީއަށް ގެންދެވެން ޖެހޭނެކަމަށްވެސް ފިއްރަ ވިދާޅުވިއެވެ.
ހުވަދޫ ބަހުން ކުރިޔަށް ދިޔަ މި ޒުވާބުގައި ދާންދޫ ދާއިރާގެ މެންބަރުވެސް ހުންނެވިއެވެ. ނަމަވެސް ވީޑިއޯގައޮ ޔައުޤޫބު އެއްޗެސް ވިދާޅުވާ މަންޒަރެއް ނުފެނެއެވެ.
ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު މެންދުރު 11:30 އެހާކަންހާއިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔައެވެ. ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވި ދެ ގަޑިއެއްހާއިރު މަޑުކުރުމަށްފަހު އަލުން އަބުރާ ތިނަދުއަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

