އަލުން ގެސްޓް ހައުސްތައް ހުޅުވައި ހިދުމަތްދޭ ރަށްތަކުގައި ކަރަންޓީނު ފެސިލިޓީއެއް ހުންނަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި ހުރި ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޫކުރަން ވަނީ ނިންމާފައެވެ.
ގެސްޓް ހައުސް ހުޅުވުމާއި ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ހިންގާ ރަށްތަކުގައި އެރަށްތަކުގެ ރައްޔިތުންގެ ސަލާމަތީ ކަންކަމަށް އިސްކަމެއް ދޭން ޖެހޭ ކަމަށާއި އެރަށްރަށުގައި އެ ވިޔަފާރި ހިންގޭނީ ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.
އެގޮތުން އައްސަދު ވިދާޅުވީ، އެރަށަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިއްޖެ ހާލަތެއްގައި ކަރަންޓީނު ކުރެވޭނެހެން ފެސިލިޓީއެއް ގާއިމު ކުރެވިފައި ހުންނަ ޖެހޭނެ ކަމަށާއި ރަށުގައި ޓާސްކު ފޯހެއް އެކުލަވާލައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ.
އަދި ފަތުރުވެރިން ގޮވައިގެން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުވެސް ހަމަ ޖައްސާފައިވާން ޖެހޭ ކަމަށް އައްސަދު ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ ކަރަންޓީނު ފެސިލިޓީގެ އިތުރުން ސިއްހީ މަރުކަޒުތަކުގައިވެސް ކުއްލި ހާލަތެއްގައި އައިސޮލޭޓް ކުރެވޭނެ އިންތިޒާމުވެސް ހުންނަ ޖެހޭނެ ކަމަށާއި ގެސްޓް ހައުސްތަކުގައި އިޖުތިމާއީ ގައިދުރުކަން އަދި ރެސްޓޯރެންޓްގައި ތިބެން ޖެހޭ ގޮތްވެސް ހަމަޖައްސާފައި ހުންނަ ޖެހޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

