ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިންގ ހިދުމަތްތައް އިތުރުކުރުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ”ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ“ އެސްއެމްއީ ޑިޖިޓަލްއިން މިއަދު ތައާރަފްކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ، އެ ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއެކު އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކޮށްފައިވާ އެ ފެސިލިޓީއަށް ކަނޑައެޅިފައިވަނީ %7.5 ގެ ކުޑަ ފައިދާ ރޭޓެއް ކަމަށާއި އެއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިންގ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ފައިނޭންސިންގ ސްކީމްގެ ދަށުން ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެ ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބެއެވެ.
އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް އެ ފައިނޭންސިންގ ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޔޫއެސްޑީ ރީޕެއަބަލް ގެސްޓްހައުސް ފައިނޭންސިންގ ތައާރަފުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް އެ ފެސިލިޓީގެ ސަބަބުން، ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު، ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެއީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް، ފުޅާކޮށް ނުވަތަ އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފައިނޭންސިންގ ފުރުސަތެއް ކަމަށާއި ބޭނުމަކީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށް ވިދާޅުވިއެވެ.
ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި އެ ފުރުސަތަކީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދީ، ލޯކަލް ޓުއަރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލްއިން ދޭ މާލީ ހިދުމަތްތައް އިތުރުކުރެވިގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

