ސްވިމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ”އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް“ މި އަހަރުގެ ދެވަނަ މުބާރާތް ކ. ގުރައިދޫގައި ކުރިއަށް ގެންދަން ހަމަޖެހިއްޖެއެވެ.
”އޮޑިން ރަށަށް“ ފެތުމުގެ މުބާރާތް ރާވާފައިވަނީ ރަށާ 500 މީޓަރު ބޭރުން އަޅާފައި އޮންނަ އޮޑިއަކުން ފެތުންތެރިން ފުންމާލައިގެން، ރަށުގެ ގޮނޑުދޮށަށް ފަތާފައި އަރަންޖެހޭ ގޮތަށެވެ.
އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް އޯޕަން ވޯޓަރ ފެތުމުގެ މުބާރާތުގެގެ ފުރަތަމަ އިވެންޓު އޮތީ ވިލިމާލޭގައި މިދިޔަ އޮކްޓޯބަރު ތިންވަނަ ދުވަހުއެވެ. 100 ފެތުންތެރިން ބައިވެރި އެ މުބާރާތުގެ ކާމިޔާބީއާއެކު، މި މަހުގެ 27 ވަނަ ދުވަހު ކ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ.
އެގޮތުން އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި، ކ. ގުރައިދޫގައި އަމިއްލަ ކެޓަގަރީގައި އެ ރަށުން 25 ފެތުންތެރިންނާއި ރަށުން ބޭރުން 100 ފެތުންތެރިން ބައިވެރިވާނެއެވެ. ޓީމް ރީލޭގައި 25 ޓީމުގައި، ކޮންމެ ޓީމެއްގައި ދެ ފެތުންތެރިންނާއެކު 50 ފެތުންތެރިން ބައިވެރިވާނެއެވެ. އެ މުބާރާތުގައި 6 އަހަރާއި 70 އަހަރުގެ ދެމެދުގެ އުމުރުފުރައިގެ 150 ފެތުންތެރިން ބައިވެރިވެއެވެ.
އިވެންޓްގެ ކުރިން މުބާރާތުގެ އެކްސްޕޯ 26 ނޮވެމްބަރުގައި މެންދުރު 1 އަކުން ހަވީރު 5 ކ. ގުރައިދޫގައި ކުރިއަށްދާނެއެވެ. އެ އެކްސްޕޯގައި އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ، އަތޮޅުތެރޭގައި ބާއްވާ އެފަދަ މުބާރާތުގެ ސަބަބުން، ރަށްރަށުގެ އިގްތިސާދަށް ކުރިއެރުން ލިބި، ކުދި ވިޔަފާރިތައް ކުރިއަރައިގެން ދިޔުމާއި މުޖުތަމައުގައި އޮންނަ ގުޅުންތައް ހަރުދަނާވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެ މުބާރާތާ ގުޅުވައިގެން އެސްއެމްއީ ޑިޖިޓަލްއިން ސީއެސްއާރު ހަރަކާތެއް ކ. ގުރައިދޫގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހަދިޔާކުރުމަށް ވަނީ ނިންމާފައިއެވެ.
ސްވިމް މޯލްޑިވްސްއިން ބުނާ ގޮތުގައި ”އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް“ ހަރަކާތުގެ މަގްސަދަކީ އެ ހަރަކާތުގެ ޒަރީއާއިން، ދިވެހީންގެ މާޒީއާއި ރަށްފުށުގެ ސަގާފަތާއި މިހާރުގެ ޖީލު އަލުން ގުޅުވައިދިނުމެވެ. ސްވިމް މޯލްޑިވްސްއިން ވަނީ އަންނަ އަހަރު ރާއްޖޭގެ އިތުރު ރަށްތަކުގައި އޮޑިން ރަށަށް މުބާރާތް ފުޅާކުރުމަށް ނިންމައިފައެވެ.

