ރެޕަޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން އެދިފައިތިބި މީހުންނަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމަށް އެމީހުންނާ ބެހޭ މައުލޫމާތު އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށް ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ ”ވޮލަންޓްރީ ރެޕަޓްރިއޭޝަން“ ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅަމުންދާ ކަމަށެވެ.
މި ފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބުނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ވަނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލެއްގައި ތިބި ނަމަވެސް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، ”ވޮލަންޓްރީ ރެޕަޓްރިއޭޝަން“ ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންނާ ބެހޭ މައުލޫމާތު އާންމުކޮށްފައެވެ.
މިނިސްްރީ އިން އާންމުކުރި ލިސްޓްގައި ހިމެނޭ ބިދޭސީންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތައް ނަމަ އެކަން ބަޔާންކޮށް 15 ސެޕްޓެމްބަރުގެ ކުރިން repatriation@trade.gov.mv އަށް އީމެލް މެދުވެރިކޮށް އެކަން ހިއްސާކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ. އީމެއިލްގައި ބިދޭސީގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

