ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރުކަމަށް ހަމަޖައްސާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލް އާންމުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ މިއުސޫލު މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދުމުގެ މަގްސަދަކީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަންކުރުމަށެވެ. އޭގެ އިތުރުން އެއް ސްކޫލެއްގައި ދިގު މުއްދަތަކަށް އެއް ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމާއި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ އުސޫލުގެ ބޭނުމެއް ކަމަށް ބުންޏެވެ.

މިއުސޫލުގައިވާ ގޮތުން ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކުރަންވާނީ ސީއެސްސީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއެއްގޮތަށެވެ. އަދި ޕްރިންސިޕަލުންގެ މަޤާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ ”ތަޢުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލު“ ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށްކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ޕްރިންސިޕަލުންގެ މަޤާމަކީ ސީއެސްސީގެ ”ދާއިމީ“ ގިންތީގައި ހިމެނޭ މަގާމަކަށްވާތީ، އެމުވައްޒަފުންނާމެދު އަމަލުކުރެވޭނީ ސީއެސްސީގެ ގަވާއިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުންކަމަށާއި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ކޮމިޓީއަކުން ކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން ޕްރިންސިޕަލުންގެ ޓެނުއަރޝިޕްގެ މުއްދަތުގައި ވަޒީފާއަދާކުރާނެ ސްކޫލެއް ކަނޑައެޅުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީ ހިމެނޭގޮތަށް ފަސް މެންބަރުންގެ ދާއިމީ ކޮމެޓީއެއް ޕާމަނަންޓް ސެކްރެޓަރީ އެކުލަވާލަންވާނެ ކަމަށްވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިއުސޫލުގައި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައެޅުމުގައި ބަލާ މިންގަނޑުގެ ތެރޭގައި ބުނެފައިވަނީ، ޕްރިންސިޕަލުންގެ މަގާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮނިގަނޑުގެ ދާއިމީ މަޤާމެއް ކަމުގައިވީނަމަވެސް، ޕްރިންސިޕަލުންގެ މަޤާމުގައި ތިބޭ މުވައްޒަފުން ތިބެންވާނީ އެމަގާމެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަރޝިޕްގަކަމަށެވެ.

އަދި ޕްރިންސިޕަލުންގެ ޓެނުއަރޝިޕްއަކީ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ސަރުކާރުގެ ވަކި ސްކޫލަކަށް އައްޔަންކުރެވޭ މުއްދަތެއްކަމަށާއި، އެގޮތުން ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒަފުންގެ ޓެނުއަރޝިޕް މުއްދަތަކީ މީލާދީ 4 އަހަރުކަމަށް ބުނެފައިވެއެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަޤާމުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން ޖުމްލަ 8 އަހަރުގެ މުއްދަތަކަށް ކަމަށްވެސް މިއުސޫލުގައި ކަނޑައަޅާފައިވެއެވެ.

ޓެޖެނުއަރޝިޕް އުސޫލުން ޕްރިންސިޕަލުން ސުކޫލްތަކަށް ހަމަޖެއްސުމަށްޓަކައި އިންޓަރނަލް އިއުލާން ކުރަންވާނެކަމަށާއި، މިގޮތުން ކުރެވޭ އިއުލާނުގައި އެވަގުތު ޕްރިންސިޕަލުން ޓެނުއަރޝިޕް އުޞޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލްތައް ބަޔާން ކުރަންވާނެކަމަށްވެސް ބުނެފައިވއެވެ. އަދި ޓެނުއަރޝިޕް އުޞޫލުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ޕްރިންސިޕަލުން ވަޒީފާއަދާކުރާނެ ސުކޫލް ކަނޑައަޅާ ކޮމެޓީންކަމަށް ކަނޑައަޅާފައިވާއިރު، ސްކޫލްތަކަށް ޕްރިންސިޕަލުން ހަމަޖެއްސުމުގައި ޕަރފޯމަންސް އެޕްރައިޒަލްއަށް 50 މާރކްސް އަދި އިންޓަރވިއުއަށް 50 މާރކްސް ވަނީ ކަނޑައަޅާފައެވެ.

މިއުސޫލު އާންމުކުރާ ދުވަހުން ފެށިގެން މިއުސޫލަށް ޢަމަލުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިއާއެކު ސަރުކާރުގެ ސްކޫލްތަކުގެ އިދާރީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެކަމަށާއި، މި މުވައްޒަފުންނަށް އެއް އަހަރުދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަރޝިޕް ހަމަޖައްސައި ނިންމަންވާނެކަމަށްވެސް ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އެ އާއްމުކުރި ތާރީހެއް ކަމަށް އެ ލިޔުމުގައި ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: