ކޮވިޑް-19 ގެ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކަށް އިންތިހާއަށްވައްދާ، އެއީ ސަބަބެއްގެ ގޮތުގައި ދައްކައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަމުން އެދަނީ ގައުމު ވިއްކާލަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ”ހައްގު ފޮށި“ ގެ ނަމުގައި ހުޅުވި ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ، ރައީސް ސޯލިހު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް މުއާމަލާތްތައް ހިންގަމުންދާ ކަމަށާއި މިއަދު ފެންނަނީ ވެރިކަމުގައި ތިބެގެން ކާބަފައިން ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރިވާ މަންޒަރުކަމަށެވެ.
އަބްދުރޭ ވިދާޅުވީ މިއަދު ރާއްޖޭގެ ފުރިހަމަ މިނިވަންކަން އޮތްކަމަށް ދަންނަވަން އެއްވެސް ފަރާތަކަށް ނުކެރޭނެ ކަމަށާއި ދިވެހިންގެ މިނިވަންކަންވީ ކިހާހިސާބެއްގަ ކަން ހުދު އަޅުގަނޑުމެންނަށް ވެސް ނޭނގޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން މިއަދު އިގްތިސާދު ދަށްވެ ރައްޔިތުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި އެހެންކަމުން މި ސަރުކާރު މާ ގިނަ ދުވަހު ބާއްވަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
”ރައްޔިތުން ދެން މާ ގިނަ ދުވަހަކު މި ސަރުކާރެއް ނުބާއްވާނެ. އެއީ ރައްޔިތުންނަށް ހިދުމަތެއް ނުކޮށްދެވޭ ސަރުކާރެއް، ރައްޔިތުން ބިކަ ކުރާ ސަރުކާރެއް ބާއްވާކަށް ރައްޔިތުން ބޭނުމެއް ނުވާނެ.“ އަދުރޭ ވިދާޅުވިއެވެ.

