ދިވެހިރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި ، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، މުދާ ވިއްކުމުގައި އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅަން ޖެހޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ ތަކަކެވެ،
އެގޮތުން މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނީ ނިޒާމެއް ގާއިމް ކުރުމުގެ މައިގަނޑުގެ މަގުސަދަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައެޅުމާއި، ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ޚިދުމަތެއްގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައެޅެމެވެ.
ހަމައެހެންމެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަކީ ވެސް މިފަދަ ގާނޫނީ ނިޒާމެއް ގެނައުމުގެ އެއް މަގުސަދެވެ. މީގެއިތުރުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތް ދިނުމުގައި ކުރުން މަނާ ކަންކަން ބަޔާންކުރުމާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަދަލު ލިބިދޭންޖެހޭ ޙާލަތްތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަކީ ވެސް މިފަދަ ގާނޫނީ ނިޒާމެއް ގެނައުމުގެ މަގުސަދެކެވެ.
މީގެއިތުރުން އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމާއި އަދި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިފެހެއްޓުމާގުޅޭ ނުވަތަ ނިގުޅައިގަތުމާގުޅޭ މައްސަލަތައް ބަލާނެ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އުފެއްދުމާއި، ކޮންސިއުމަރ އޮމްބަޑްސްމަންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމަކީ ވެސް މިފަދަ ގާނޫނީ ނިޒާމެއް ގާއިމް ކުރުމުގެ މަގުސަދެކެވެ.

މުދާ ގަންނަ ފަރާތުގެ ޙައްޤުތައް
މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ވަކިގޮތަކަށް އެއްބަސްނުވެ ގަނެފައިވާ މުދަލަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފެންވަރަށް ނުފެތޭ މުދަލެއްނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މުދާ އަނބުރާ ވިއްކާ ފަރާތަށް ރައްދުކުރުމުގެ ޙައްޤު ނުވަތަ އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި މުދަލަކީ ހަލާކުވެފައިވާ މުދަލެއްނަމަ، ނުވަތަ އެ މުދަލަކީ ފުރިހަމައަށް ބޭނުން ނުކުރެވޭ ގޮތަކަށްހުރި މުދަލެއްނަމަ، އެ މުދަލެއް ގަންނަ ފަރާތަކަށް، އެ މުދަލެއް ވިއްކުމުގެ ކުރިން އެކަން އަންގަންވާނެއެވެ. އަދި ގަންނަ މުދަލަކީ ހަލާކުވެފައިނުވާ، އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކައި، އެ މުދަލެއް ގަންނަ ފަރާތަކުން އެ މުދަލެއް ބަލައި، ޓެސްޓުކުރަން އެދިއްޖެނަމަ، އެފަރާތަކަށް އެ މުދަލެއް ދައްކައި، އަދި އެ މުދަލަކީ ޓެސްޓުކުރެވޭ ބާވަތުގެ މުދަލެއްނަމަ، އެފަރާތެއްގެ ހާޒިރުގައި އެ މުދަލެއް ޓެސްޓުކުރުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވާ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ ޤާނޫނުއި ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޤާނޫނުގެ ދަށުން ޢައްޔަންކުރާ އޮމްބަޑްސްމަނަށް ހުށަހެޅުމުގެ ނުވަތަ ދަޢުވާކުރުމުގެ ޙަ އްޤު މުދާ ގަންނަ ފަރާތްތަކަށް ލިބިގެންވާ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް
ލިބިގަންނަ ޚިދުމަތެއްގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ފުރިހަމަނުވެގެން ނުވަތަ ޤާނޫނާއި ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންވާ ކަމަށް މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ލިބިގަންނަ ޚިދުމަތެއްގައި މައްސަލައެއްވާނަމަ، އެކަމެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ޚިދުމަތްދޭ ފަރާތަށް އެންގުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ. ހަމައެހެންމެ ލިބިގަންނަ ޚިދުމަތެއްގައިވާ މައްސަލައަކީ، އެކަމެއްގެ ޒާތުން ބޮޑު މައްސަލައެއް ކަމަށްވެފައި، އެކަމަކީ ރަނގަޅު ނުކުރެވޭނެ ކަމެއް ނަމަ، އެ ޚިދުމަތެއް ލިބިގަތުމުގެ އެއްބަސްވުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އުވާލައި، އެކަމެއްގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
މީގެއިތުރުން އެކަމެއްގެ ޒާތުން ބޮޑު މައްސަލައެއްކަމަށް ބަލާނީ، ޢާންމުކޮށް އެ ޚިދުމަތަކުން ލިބޭ ނަތީޖާއާ ތަފާތު، ނުވަތަ ބޭނުންނުކުރެވޭ، ނުވަތަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅު ނުކުރެވޭނެ ކަމެއްކަމުގައިވާނަމަ، ނުވަތަ ރައްކާތެރި ކަމެއްކަމުގައި ނުވާނަމަ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް.
ގާނޫނުގައި ބުނެފައިވާ ގޮތުގައި މުދާ ވިއްކާ ފަރާތުންނާއި ޚިދުމަތްދޭ ފަރާތުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތްދިނުމުގައި، ވަކި ފަރާތެއް ނަހަމަގޮތުގައި ތަފާތުކޮށްގެންނުވާނެއެވެ. ހަމައެހެންމެ މުދާ ވިއްކާ ނުވަތަ ޚިދުމަތްދޭ ފަރާތުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތްދިނުމުގައި، ބާރުގެ ބޭނުންކޮށްގެން ނުވަތަ ގަދަކަމުން ނުވަތަ އިންޞާފުވެރިނޫން ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެކަށީގެންނުވާ ޢަމަލެއް ކޮށްގެންނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން މުދާ ވިއްކާ ފަރާތުން ނުވަތަ ޚިދުމަތްދޭ ފަރާތުން މުދާ ގަންނަ ފަރާތަކީ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން ނުވަތަ އެފަދަ އެނޫން ސަބަބެއް މެދުވެރިވެގެން އެ މުދަލަކާ ނުވަތަ ޚިދުމަތަކާ ގުޅިގެން އެ ފަރާތުގެ ޙައްޤު ޙިމާޔަތްކުރުމަށް ނުކުޅެދިފައިވާ ފަރާތެއްކަން އެނގިހުރެ އެ ފަރާތުގެ ޙައްޤު ގެއްލޭފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއްވެސް މުދަލެއް ގަންނަމީހާ ، އެ މުދަލަކާއެކު އެހެން މުދަލެއް ގަތުން ޝަރުޠުކޮށް، ނުވަތަ އެ މުދަލެއް ގަތުމަށްޓަކައި އެ މުދަލެއްގެ އަގު ދިނުމުގެ އިތުރަށް އެހެންކަމެއް ކުރުން ޝަރުޠުކޮށް މުދާ ވިއްކައިގެން ނުވާނެއެވެ. ނަމަވެސް މުދާ އުފައްދާފައިވާ ފަރާތުން ނުވަތަ ވިއްކުމަށްޓަކައި މުދާ ފޯރުކޮށްދީފައިވާ ފަރާތުން އެއް ވައްތަރެއްގެ އެކައްޗަށްވުރެ ގިނަ ތަކެތި އެއްކޮށް ނުވަތަ އެއް ބާވަތަށްވުރެ ގިނަ ބާވަތްތަކުގެ ތަކެތި އެއްކޮށް ބަންދުކޮށްފައި ވިއްކަން ނެރެފައިވާނަމަ އެގޮތަށް އެ ތަކެތި ވިއްކުމަކަށް ނުވަތަ ވަކިން ގަންނަން އެދޭ މީހަކަށް، ވަކިން ގަންނަން ލިބެން ހުންނަ މުދަލެއް، އެހެން މުދަލަކާ ނުވަތަ މުދާތަކަކާއެކު ބަންދުކޮށްގެން ވިއްކުމަކަށް ގާނޫނު މަނަެއް ނުކުރެއެވެ.
މީގެއިތުރުން ޚިދުމަތްދޭ ފަރާތުން ޚިދުމަތްދޭ އަގާއި، ވަކި ޝަރުޠުތަކެއްގެ މަތިން ދޭ ޚިދުމަތެއްނަމަ، އެ ޝަރުޠުތައް ލިޔެފައި ފަސޭހައިން ފެންނާނެގޮތަކަށް ޚިދުމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ. ނުވަތަ ޚިދުމަތަށް އެދޭ މީހާ ބޭނުންނަމަ، އެ މަޢުލޫމާތު ހިމެނޭ ލިޔުމެއް ޚިދުމަތްދޭ ތަނުން އެ މީހަކަށް ލިބޭގޮތަށް ހަމަޖެހިފައި އޮންނަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިދޭ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިއްކުމަށްޓަކައި އިމްޕޯޓްކޮށްފައި، ނުވަތަ ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ، ނުވަތަ ޕެކެޓްކޮށް ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ނުވަތަ ފޮށީގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކުގައި، އެއީ ކޮންބާވަތެއްގެ އެއްޗެއްކަމާއި، އޭގައި ހިމެނޭ ބައިތަކާއި، ބަރުދަން ނުވަތަ މިންވަރު، އަދި އުފެއްދި ތާރީޚާއި، އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައިވާނަމަ އެ މުއްދަތާއި، ވަކި ގޮތަކަށް ބޭނުން ކުރަންޖެހޭ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތް، އެ ތަކެތީގައި ނުވަތަ އެ ތަކެތި ބަންދުކޮށްފައިވާ ދަޅު، ފުޅި، ޕެކެޓް ނުވަތަ ފޮށީގައި، މިނިސްޓްރީން ކަނޑައަޅާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ.
ކޮންމެއަކަސް މި ރިޕޯޓުގައި އަޅުގަނޑު މި ބަލާލީ މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގެންނަ ފަރާތްތަކުގެ ހައްގުތަކާއި އަދި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކާއި ހައްގުތަކުގެ މައްޗަށެވެ. ގާނޫނުގައި މުދާ ވިއްކާ ފަރާތްތަކުގެ ހައްގުތަކާއި ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވާ ފަދައިން ވިއްކާ މުދަލެއްގައި ހުންނަން ޖެހޭނެ ޝަރުތުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އުންމީދަކީ ގާނޫނުގެ ދަށުން މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައްގުތައް ކުރިއަށް އޮތް ތަނުގައި ކަށްވަރުވެގް ދާނެ ކަމަށެވެ. ހަގީގަތަކީ ކިތަންމެ މޮޅު ގާނޫނެއް ގެނައި ނަމަވެސް އޭގެ ފޮނި މީރުކަން ލިބޭނީ އެ ގާނޫނެއް ތަންފީޒް ކޮށްގެންނެވެ.

