އިންޑިއާއާއި ރާއްޖެއާއި އޮންނަ ހާރިޖީ ގުޅުމަކީ ޒަމާންވީ އެކުވެރިކަމުގެ ގުޅުމެކެވެ. އެކި ކަންކަމުގައި ދިވެހިންނަށް އެންމެ ބޮޑަށް އެހީވެދޭ އަވަށްޓެރިއަކީ އަބަދުވެސް އިންޑިއާއެވެ. ކާރިސާއެއް ނަމަވެސް އުދުވާނީ ހަމަލައެއްް ނަމަވެސް އަދި އަސާސީ ހިދުމަތްތަކަށްނަމަވެސް ދިވެހިންގެ ޒަމާންވީ މަދަދުދާރުންނަކީ އަވަށްޓެރި އިންޑިއާއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ3 ވަނަ ދުވަހުގައި ރާއްޖެއަށް ބާޣީން އެރުމުން އޭރުގެ ސަރުކާރުގެ އެންމެ ކޯލަކުން އިންޑިއާ ސިފައިން ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި ނިކުތެވެ. އަދި ބާޣީންތައް ހައްޔަރުކޮށް ދިވެހިންނަށް ނަސްރު ހޯދުމުގައި ހަށިފާރަވެރިންގޮތުގައި ހަރަކާތްތެރިވިއެވެ.
މީގެ އިތުރުންވެސް ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން، ކޮންސްޓްރަކްޝަންސް ދާއިރާގައި ބޭނުންކުރާ ގިނަ ތަކެއްޗަކީވެސް އިންޑިއާއިން އެތެރެކުރާ ތަކެއްޗެވެ. އަދި ދިވެހިންގެ ބޭސްފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ މަންޒިލަކީވެސް އިންޑިއާއެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ”ބެސްޓްފްރެންޑްސް“ ގެ ގުޅުމެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.
އިންޑިއާ ކަނޑުގައި ޗައިނާއިން ވަރުގަދަވެ، ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ވާ ގައުމުތަކަށް ފޯރުމަކީ އިންޑިއާއިން އެހާ ހިތް ނޭދޭކަމެކެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ވެގެން ދިޔައީ އިންޑިއާ އެއްކައިރިކޮށް ، ޗައިނާއާއެކު ނުހަނު ވަރުގަދަ ގުޅުމެއް ގާއިމުކޮށް ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބު ސަރުކާރަކަށެވެ. ބޮޑެތި ލޯނުތަކެއް ޗައިނާއިން ނަގާ ޗައިނާއަށް ބަރޯސާވާ މިންވަރު ދިޔައީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.
ވެރިކަން ބަދަލުވެ، އެމްޑީޕީއަށް ވެރިކަން ލިބުމުން، އަނެއްކާވެސް ފެނިގެން ދިޔައީ ކުރީގެ ބެސްޓް ފްރައިންޑް އަނެއްކާވެސް ގާތްކުރި ތަނެވެ. ޗައިނާއަށް ބަރޯސާވަމުން ދިޔަ ދިޔުން އަނެއްކާވެސް އިންޑިއާއަށް ބަދަލުކޮށްލިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހިލޭ އެހީއާއި، ލޯނުތައް އިންޑިއާއިން ނަގަން ފެށިއެވެ.
މިއަދު ފަށައިގެން އުޅޭ ބަހުސަކީ އިންޑިއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމުގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޙީއަށާއި، މީސް މީޑިއާގެ އެންމެ ޓްރެންޑް މައުޟޫއަކީ ”އިންޑިއާ އައުޓް“ ނަމުގައި ހިންގަމުންދާ ކެމްޕެއިނެވެ.
އެ ކެމްޕެއިން ފަށާފައިވަނީ ސީދާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކަމަށް ބުނެއެވެ. އެ ކެމްޕެއިންގެ އަމާޒަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ނަމަ ފޮނުވާލުމެވެ. އަންނަން އުޅޭނަމަ އެކަން ކެންސަލް ކުރުމެވެ. އެކަން އިސްވެ ހިންގަމުންދަނީ ރައީސް ޔާމީންގެ ވަފާތެރިންނެވެ. ސިޔާސީ މީހުންނާއި، އެމީހުންގެ މުގޯލި ވަށައިގެން އެނބުރޭ ކުދިންކޮޅެވެ. އެމީހުން ބުނަނީ އިންޑިއާ އައުޓްވާން ޖެހޭކަމަށެވެ.
ދެންއޮތީ އިންޑިއާ އަށް ތައުރީފުކުރާ ބައިގަނޑެކެވެ. ހަމަ ސިޔާސީ މީހުންނެވެ. ސިޔާސީ މީހުންން އަންގާ އެންގުންތައް ތަރުތީބުކޮށް ސަނާ ކިޔާ މީހުންނެވެ. އެމީހުން ބުނާގޮތުން އިންޑިއާ ސިފައިން ގެ ވާހަކަ ދައްކާ އިންޑިއާ އައުޓް ކެމްޕެއިން ކުރިޔަށް ގެންދަނީ އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ވަމުންދާ އެހީތަކާއި، ޚާއްސަކޮށް ބޮޑެތި ތަރައްޤީގެ މަޝްރޫއުތައް ފެށުމަށް އިންޑިއާއިން އެހީތެރިވަމުންދާތީވެ އެކަމާއި ދެކޮޅަށެވެ.
ކޮންމެ އަކަސް މިހާ ހިސާބަށް ކަން ގޮސްފައި އޮތް އިރު މި ދައްކަނީ ދެ ގައުމެއްގެ ވާހަކައެވެ. ރައްޔިތުންނާއި ހަމައަށް މި ކަންކަން އަންނައިރު ބައެއް ރައްޔިތުން ބިރުން ފިއްކަނޑައިގެން ދާ ކަހަލަ ބޮޑެތި ޚަބަރު ލިބެއެވެ. އަނެއް ބަޔަކު ހަމަ ސަރުކާރުގެ ސިޔާސަތަށް ބޯލަނވާ ކިޔަމަން ވެގެން ތިބޫއެވެ.
މިވަގުތު އެއްބަޔަކު އަނެއް ބަޔަކަށް އޮށްގާ އުކަމުން، އެއްބަޔަކު އަނެއް ބަައެއްގެ ބޮލަށް މިކަން ޖަހަމުން ދާއިރުގައި އުފެދޭ ސުވާލަކީ މިއީ ހަމަ ހިނގައިގެން އުޅޭ ނުވަތަ ހިނގަން ތައްޔާރަށް އޮތްކަމެއް ތޯއެވެ؟ އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟ މިކަމުގައި ގޯހީ އިންޑިއާތޯއެވެ؟ ނުވަތަ ރާއްޖޭގެ މިވަގުތު ހާރިޖީ ސިޔާސަތު ތޯއެވެ؟ ނުވަތަ ހަމަ ދިވެހިންނަށް މިކަން މަޖުބޫރު ވެގެން މި ނޫން ގޮތެއް ނެތީތޯއެވެ.
މިކަމާއި ސިޔާސީ ބައެއް ބޭފުޅުންގެ ކޮމެންޓެއް ހޯދާލުމަށް އަޅުގަނޑު މަސައްކަތްކުރީމެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕާޓީތަކުގެ ލީޑަރުންނަށް މެސެޖްކޮށް އެ ބޭފުޅުން މިކަމުގައި ދެކޭގޮތް ތިބޭފުޅުންނާއި ހަމައަށް ގެނެސްދިނުމަށް ކުރި މަސައްކަތުން، ބައެއް ބޭފުޅުންގެ ޖަވާބުތައް ލިބުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަައެއް މެންބަރުންގެ ވާހަކަތައް.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ މިތުރެއް ކަމަށާއި، މި ސަރުކާރުން ރާއްޖެ ތަރައްޤި ކުރުމުގައި އިންޑިއާ އަކީ އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ފަރާތްކަމަށެވެ.
”އިންޑިއާ ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން. އެހެން ކަމުން އިންޑިއާ އަދި އެނޫންވެސް ގައުމުތަކާ އެކުގައި ދިވެހިން އަބަދުވެސް ތިބެން ޖެހޭ“ އަނދުން ހުސައިން

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މުޙައްމަދު އަސްލަމް ވިދާޅުވީ، އެއްވެސް ގައުމެއް އައުޓް އޭ ގޮވުމަށް ތާޢީދުނުކުރައްވާ ކަމަށެވެ.
”އެއްވެސް ގައުމެއް އައުޓް އޭ ގޮވަން ތާޢީދެއް ނުކުރަން. ރާއްޖެއަކީ ހުޅުވާލެވިފައިވާ ގައުމެއް. އެންމެނާއި ގުޅިގެން ކުރިޔަށް ދިޔުމަކީ އަޅުގަނޑު ތާޢީދުކުރާ ގޮތް“ އަސްލަމް
ކޮންމެ ބޭފުޅެއްވެސް ފާހަގަކުރައްވާ އެއްކަމަކީ މިވަގުތު އިންޑިއާއިން ރާއްޖޭއަށް ބޮޑެތި އެހީތަކެއް ވަމުން ދާކަމެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ގުޅޭގޮތުން ކޮމެންޓެއް ނުކުރައްވައެވެ. އަދިވެސް އިތުރު މެންބަރުންގެ ބަސްތައް ހިމަނާލާނަމެވެ.

”އިންޑިއާއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ. އިންޑިއާ އަކީ އަބަދުވެސް ދިވެހިންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގަ އެންމެ ކައިރީގައި އޮންނާނެ އެކުވެރިޔާ. ދިވެހިރާއްޖެ ތަރައްގީއަށް ބޭނުންވާ ބޮޑެތި ބިޔަ މަޝްރޫއުތައް އިންޑިއާ ސަރުކާރުން އެ ގެންދަނީ ހިލޭ އެހީގެ ގޮތުގަޔާއި، ލޯނުގެ ގޮތުގައި ކޮށްދެމުން. އަޅުގަނޑުގެ ދާއިރާގެ 3 ރަށުގަ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ މަޝްރޫއުތައް އެދަނީ ބާރަށް ކުރިޔަށް.“
ޝިޔާން ވިދާޅުވީ، އިދިކޮޅުން އިންޑިއާ އައުޓްވާން ޖެހޭނެކަމަށް ގޮވަނީ ގައުމަށްޓަކާ އިޚުލާސްތެރި ނިޔަތެއް ނެތިކަމަށެވެ. އަދި ރާއްޖެ މިދެކޭ އުމްރާނީ ތަރައްޤީ ބަލައިގަންނަން އުދަގޫވާތީކަމަށެވެ. ޝިޔާން ވިދާޅުވީ އަބަދުވެސް އިންޑިއާއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާކަމަށާއި، އެ ފިކުރިއްޔާތެއް ބަދަލުނުވާނެކަމަށެވެ.

މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ވިދާޅުވީ، އިންޑިއާއަކީ އެތައް ދިވެހިްނގެ ފުރާނަ ސަކާމަތްކޮށްދިނުމުގައި އެހީތެރިވެފައިވާ ގައުމެއް ކަމަށެވެ.
“ އިންޑިއާ އަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއް. ދިވެހިރާއްޖެއަށް މިހާތަނަށް ދިމާވި ހުރިހާ ކަމެއްގައި ރާއްޖެއަށް އެހީތެރިކަން އަބަދުވެސް އެންމެ ގާތުން، ދެމުންދާ ގައުމު. އިންޑިއާއަކީ، އެތައް ދިވެހިންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިވެފައިވާ ގައުމެއް“ މެންބަރު ޔޫނުސް
މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންއަކީ މިސްރާބެއް ނެތް ނާކާމިޔާބު ސިޔާސީ ވެރިން ހިިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ. އަދި ހުރިހާ ގައުމެއްގައިވެސް އެމްބަސީގަ ޑިފެންސް އެޓޭޗްމެންޓް ގޮތުގައި އެ ގައުމެއްގެ ސިފައިން ތިބޭ ކަމަށްވެސް ހާރޫނު ވިދާޅުވިއެވެ.

”އިންޑިއާ އައުޓް ކެމްޕެއިންއަކީ މިސްރާބެއް ނެތް ނާކާމިޔާބު ސިޔާސީ ވެރިން ހިިންގާ ޕްރޮޕެގެންޑާއެއް. މިއީ އެގޮތުން ބޭނުންކުރާ ހަވަނަ ނުވަތަ ހަތްވަނަ ސްލޯގަން. މުޅި ދުނިޔެ ކޮވިޑް ބަލީގަ ޖެހިފައިވާ ވަގުތުވެސް އަދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފެނި އެކަން ބަލައި ނުގަނެވިގެން ކުރާ ކަންކަން. 2014 ގެ މާލޭ ވޯޓަރ ކްރައިސިސްގަވެސް އެންމެ ފުރަތަމަ އެންމެ ބޮޑު އެހީ ވީ އިންޑިއާއިން. އެމްއެންޑީއެފް ޕޮލިސް ޓްރެއިނިން ތަކަށް އިންޑިއާގައި ތިބި ދިވެހި ސިފައިން މާގިނަ. ހުރިހާ ގައުމެއްގައިވެސް އެމްބަސީގައި ޑިފެންސް އެޓޭޗްމެންޓް ގޮތުގައި އެގައުމެއްގެ ސިފައިން ތިބޭ. ބޭރުގައި ހުރި ދިވެހި އެމްބަސީތަކުގައި ދިވެހި ސިފައިން ތިބޭ“ ހާރޫން
މެންބަރު ހާރޫނު އިތުރަށް ވިދާޅުވީ، އެކި ސްލޯގަންތަކުގައި އިދިކޮޅުން ހަރަކާތްތައް ފެށީ އެމްއެމްޕީއާރުސީގެ މައްސަލަތައް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި ހަފުތާއިން ފެށިގެންނެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފުވެސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް އެކުވެރިޔާކަމަށާއި، އެ ގުޅުން އެގޮތަށް އޮންނަން އަބަދުވެސް އެދޭކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ހުސެއިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

”އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެކުވެރި ދައުލަތެއް. އެ އެކުވެރިކަން އަބަދުވެސް އޮތުމަށް އެދެން. އަދުގެ ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަންކުރަމުން މިދަނީ ބަޔަކަށް ގައުމު އަޅުވެތިކުރުވާ ގޮތަށް. އެންމެން ހަމަހަމަ ކުރުވާ ސިޔާސަތެއް މި ސަރުކާރުގަ ނެތް. އޭގެ ސަބަބުން ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމަށް އެބަ ޖާގަ ދޭ. ބޭރުގެ ސިފައިން އެއްވެސް ހާލަތެއްގައި މި ގައުުމުގައި ތިބޭކަށް ނުޖެހޭނެ. މިނިވަން މުސްތަގިއްލު ގައުމަކަށް މި ގައުމު ނުވާނެ އެހެންވީ އިރު“ މެންބަރު ހުސައިން
ހުސައިން އިތުރަށް ވިދާޅުވީ އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑު ގެއްލުމަކާއި ދިވެހިން ކުރިމަތިލާން ޖެހިދާނެކަމަށާއި، އެތައް ވިޔަފާރިއެއް މީގެކުރިން ދިވެހިން އިންޑިއާ މީހުންނަށް ބަރޯސާވީގޮތަށް ވިޔަފާރީގެ އަޅުވެތިކަމަކަށް ދާނެކަމަށެވެ. ހުސައިން ވިދާޅުވީ މިކަންކަން އިހުސާސްވާން ވަގުތުކޮޅެއް ނަގާނެކަމަށާއި، މިއީ ދިވެހިން ހޭލަންވީ ވަގުތުކަމަށެވެ.

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން ވިދާޅުވީ ދިވެހިން އަމިއްލަ ފުދުންތެރިކަން އިތުރުކޮށް ބޭރުގެ ގައުމުތަކަށް ބަރޯސާވުން ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި އެއް ތަންތުރައަކުން ސަލާމަތްވާން އަނެއް ދަންތުރައިގެ މަޅިމައްޗަށް އެރުމަކީ މޮޔަކަމެއްކަމަށްވެސް ވިދާޅުވިއެވެ.
”އެއްދަންތޫރައިން ނެއްޓެން އަނެއް ދަންތޫރައިގެ މަޅިމައްޗައް އެރުމަކީ މޮޔަ ކަމެއް. ހިކުމަތު އަމަލީ އިސްކޮށް، ގައުމަށް ލިބޭ އެއްޗަކާއި. ކުރާޚަރަދާ ދިމާކޮށް، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންނޫނީ ސިޔާދަތީ މިނިވަންކަން މުސްތަޤުބަލުގައި ހިފަހައްޓަން އުނދަގޫވާނެ“ މެންބަރު ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަޅުގަނޑަށް މައުލޫމާތު ހިއްސާކޮށްދެއްވި ކޮންމެ މެންބަރެއްގެވެސް ފުރަތަމަ ބަހަކީ އިންޑިއާ އަކީ އެކުވެރިޔެއް ކަމެވެ. ތަރައްގީއާއި އިންޑިއާއާއި އޮންނަނީ ގުޅި ލާމެހިފައެވެ. މިއީ ވަކިވުމެއް ނެތް ގުޅުމެއް ކަމަށެވެ.
މައްސަލަ ދިމާވެގެން މިއުޅޭ ހިސާބަކީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ދެކޮޅު ހަދާ ހިސާބެވެ. މިކަމުގައި ތެދު ހަގީގަތް ހާމަވާނީ އިހުލާސްތެރިކަމާއެކުގައި ރައްޔިތުންނަށް ތެދު ބުނެދީގެންނެވެ. ވާނުވާ ރައްޔިތުންނަށް ސާފުކޮށްދީގެންނެވެ. ބިލާހެއްގެ ތެރޭގައި، ނުވަތަ ޝައްކެއް ނުވަތަ ވަހުމެއްގެ ތެރޭގައި ރައްޔިތުން ތިބޭހާ ދުވަހަކު ސުވާލު އުފެދޭނެއެވެ. އެކަމުގެ ނާޖާއިޒު ފައިދާ ކޮންމެވެސް ބަޔަކު ނަގާނެއެވެ.

