19 ސެޕްޓެމްބަރ 2020 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަހެވެ.
އެމްޑީޕީއިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ކުށަކާއި ނުލާ އީވާން ނަސީމް ހައްޔަރުކޮށް ޖަލު ގޮޅިއަށް ލީ އުމުރުން 16 އަހަރުގައި ކަމަށެވެ. އަދި އޭގެ ތިން އަހަރު ފަހުން 2003 ވަނަ އަހަރު އީވާންއަށް އަނިޔާކޮށް މަރާލި ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ އީވާން މަރާލުމަށްފަހު، އާއިލާއަށް ސިއްރުން އޭނާ ވަޅުލުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެ ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ޖަލުގެ ތެރޭގައި ބަޔަކު އަޑުއުފުލުން އިތުރު ގައިދީންތަކަކަށް އަނިޔާކޮށް އެ މީހުންގެ ގަޔަށް ވެސް ބަޑިޖަހާ މަރާލި ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެ ހާދިސާއިން އެކަނި ވެސް އެނގިގެން ދަނީ، އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނިޔާވެރިކަން ކަމަށެވެ. ރައީސް މައުމޫނަކީ އެތައް ރައްޔިތުންތަކަށް އަނިޔާ ދިން ވެރިއެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެއްވެސް ކުށެއް ނެތް އެތައް ބަޔަކަށް ދިން އަނިޔާތަކެއްގެ ސަބަބުން މި ދުނިޔެ ދޫކޮށް މައުސޫމް ބަޔަކު ދާން ޖެހުނު ކަމަށެވެ. އެ ފަރާޠްޔަކުގެ އާއިލާތައް މިއަދު ވެސް އެ ހިތާމަ ކުރަމުން ދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ރައީސް މައުމޫންގެ އަނިޔާވެރިކަން ތުންތުންމަތިން ދެކެވެމުން ދިޔައިރު، މިއީ މުޅި ދުނިޔެ ގަބޫލު ކުރާނެ މިންވަރަށް ފެންމަތިވެ ތިލަވެގެން ދިޔަ ޖަރީމާތަކެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ރާއްޖެ އިސްލާހުގެ މަގަށް މަސައްކަތް ފަށާ،30 އަހަރުގެ ދިގު ވެރިކަމެއް ނިންމުމަށް އެތައް ތައްޔިތުންގެއް އަޑުއުފުލީ އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް އެންޑީޕީން ވަނީ ބުނެފައެވެ.
”މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެކެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަމެކެވެ.“ އެމްޑީޕީ
2003 ވަނަ އަހަރު ޖަލުގައި ހިނގައިދިޔަ ލާއިންސާނީ އަމަލުތަކާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައިވަނީ އެ ދުވަހުގެ އެ ހާދިސާގެ ހަގީގަތް އަދިވެސް އެނގޭނެ ގޮތެއް ނެތް ކަމަށެވެ. އެގޮތުން އެ ދުވަހު ޖަލުގައި ގައިދީންނަށް އަމާޒުކޮށް ބަޑި ޖަހާފައިވަނީ ގާނޫނުގައި ވާ ގޮތަށް އޯޑަރު ކުރަން ތިބި ބައެއްގެ އޯޑަތަށް ތޯ ވެސް އެނގޭނެ ގޮތެއް ނެތް ކަމަށް ބަޔާނުގައި ވެއެވެ އަދި ކަން ހިނގާދިޔަ ގޮތަކީ އެއީ ކަމަށް ވާނަމަ އޯޑަރު ކުރި މީހެއްގެ މައްސަލަ ބެލިފައި ނެތް ކަން އެމްޑީޕީން ވަނީ ފާޙަގަކޮށްފައެވެ. ހަމަ އެއާއި އެކު ބަޑި ޖެހީ އެފަަދަ އޯޑަރެއް ނެތި ކަމުގައި ވާނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަމަށް ވެއެވެ.

