އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތައުބާވެވަޑައިގެން، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
އަދީބު މިހެން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި ދައުލަތަށް މިކަމުގައި އެއްބާރުލުން ދެމުން އަންނަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.
އަދި މި މައްސަލައިގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި ސިއްހީ އެކި މައްސަލަތަކަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކުރެވުނު ކުށްތަކާއި މެދު ހިތާމަކޮށް، ތައުބާ ވެފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި ދައުލަތާއި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
މިއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

