ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެކައުންޓު ފްރީޒް ކުރި މައްސަލަ: ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ އެކައުންޓުތައް ދޫކޮށްލަން!

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓްތައް ފުރީޒްކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވިއެވެ.

މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓު ފްރީޒް ކުރުމަށް ފުލުހުން އެދުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ގައި ކަމަށެވެ. އަދި އެ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭނުންވާ ސަބަބެއްކަމަށް ފުލުހުން ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދީފައިވާ ފަޅުތަކާއި ރައްތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލައިގައި ކަމަށެވެ. ފުލުހުން ތުހުމަތުކޮށްފައިވަނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާއެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަމުރަކަށް އެދި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މަންފާއެއް ރައީސް ޔާމީން ނަންގަވާފާނެ ކަމަށެވެ. އެކައުންޓް ފްރީޒް ކުރަން އެދި ފުލުހުން ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ދައުލަތަށް ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ފުލުހުން އެދުނު އަމުރުގައި ރައީސް ޔާމީންގެ މައްޗަށް ފަސް ކުށަކަށް ތުހުމަތު ކުރި ކަމަށެވެ. އެއީ ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގައި ބަޔާން ކުރާ ދެ ކުށާއި، 512 ވަނަ މާއްދާގައި ބަޔާންކުރާ ދެ ކުށް އަދި މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ކަމަށެވެ. މައްސަލައިގައި ފުލުހުން ހުށަހެޅީ ރައީސް ޔާމީންގެ ބޭންކް އެކައުންޓުގެ ކޮޕީއާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ހިންގަމުން އަންނަ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް 05 ނޮވެމްބަރު 2018 ގައި ފޮނުވި ސިޓީއެއްގެ ކޮޕީއެއް ކަމަށެވެ.

އަމުރަކަށް އެދި ހުށަހަޅާފައިވާ ސަބަބާއި، އަދި ހުށަހެޅި ހެކިތަކަށް ބަލާއިރު ފުލުހުން ކުރީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށެވެ. އަދި އެ އެދުމާއި އެއްގޮތަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ކަމަށާއި، އެ އަމުރު ނެރުނީ 12 މާޗުގެ ނިޔަލަށް ކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ އަމުރު ހައިކޯޓުން ބާތިލު ކުރި ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުން ފާހަގަކޮށްފައިވާ ބައެއް ސަބަބުތައް ހިމަނާފައެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ހައިކޯޓުން ބުނެފައިވާކަމަށް ހުކުމުގައި ވެއެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނާ މޮނިޓަރިންގެ އަމުރެއް ނެތި ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ދައުލަތުން ބުނާ ގޮތުން ފްރީޒް ކުރުމުގެ އަމުރު ނެރުނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ވާ އިސްތިސްނާ ހާލަތެއް ބޭނުންކޮށްގެންނެވެ. މިކަމާއި ގުޅިގެން ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއްކަމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ވާ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: