ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްގެ ގާނޫނަށް އިސްލާހު ގެންނަން އުޅެނީ ރައީސް ޔާމީން ދެވަނަ ފަހަރަށް ވެރިކަމަށް އައިސްފާނެތީ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ހުށައަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީން ދެވަނަ ފަހަރަށް ވެރިކަމަށް އައިސްފާނެތީކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށައަޅުއްވާފައިވާ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ވަކި ބަޔަކަށް އަނިޔާކޮށް، ވަކި ބަޔަކު ޖަލަށްލައި އަނިޔާކުރުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ދަންނަ ގޮތެއް ނޫންކަމަށެވެ. އެހެންނަމަވެސް، މިއިސްލާހަކީ އެބޭނުމުގައި ހުށައަޅަފައި އޮތް އިސްލާހެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިއީ ފަސް އަހަރުގެ ވެރިކަމެއް ކޮށްދެއްވައި ރާއްޖެ އާރާސްތުކޮށްދެއްވި ރައީސަކު ދެވަނަ ފަހަރަށް ވެރިކަމަށް އަތުވެދާނެތީ ކުރައްވާ މަސައްކަތެްކަމަށެވެ. ފަސް އަހަރުގެ ދައުރު ނިމުމާއެކު ފުލުހަށް ހާޒިރުކުރައްވައި ކުރެއްވި ތަހުގީގަކާއި، އުފުލާފައިވާ ދައުވާއަކާއި ގުޅުމެއް ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކޯޓު މަރުހަލާގައި ދިޔަގޮތް އާންމުން ދިޔައީ ދިޔައީ ބަލަމުން ކަމަށާއި ޝަރީއަތް އެންމެ ފުރަތަމަ ފެށީ އެންމެ ފަނޑިޔާރެއް އިންނަވައިގެންކަން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ މައްޗަށް ޝަރީއަތުގެ މަޖިލީހެއް ޝެޑިއުލެއްކުރެވި، ޝަރީއަތް ފަށަން ތިން ގަޑިއިރަށް ވެފައިވަނިކޮށް މަޖިލިސް ކުރިއަށްގެންދެވި ފަނޑިޔާރު ސަސްޕެންޑްކުރެއްވިކަންވެސް ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ގުޅިގެން ފަނޑިޔާރު އަމިއްލަފުޅަށް ނެރުއްވި ބަޔާންވެސް މިހާތަނަށް އަދިވެސް ތަހުގީގުކުރައްވާފައިނުވާކަަމަށް ޝިޔާމް ވިދާޅުވިއެވެ.

އެއަށްފަހު، ދަށު ކޯޓުގައި އެހެން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިކަމަށާއި ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރައީސް ޔާމީނާއި ހަދިޔާތަކެއް ދެއްވާނެކަމަށް ވިދާޅުވެފައިވާތީ ފަނޑިޔާރު އަލީ ރަޝިދު ކުރެއްވި ހުކުމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ އެކަމާއި ގުޅިގެން އައިސްފައި އޮތް ބިލެއްކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ އިސްތިއުނާފް ކޯޓެއްގެ އެއްވެސް ތަޖުރިބާއެއް ހުންނެވި ބޭފުޅެއްނޫން ކަމަށާއި އެހެންނަމަވެސް، މިހާރު ޑަބަލް ޕްރޮމޯޝަނަކާއެކު ސުޕްރީމް ކޯޓަށް ޕްރޮމޯޓްކުރައްވާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލީ ނިޒާމް އަދި ޖުޑިޝަރީވެސް ވަނީ ހަލާކުވެފައި. ޖޭއެސްސީއިން އަންނަނީ ޖުޑިޝަރީއަށް އަތް ބާނަމުން. މިއީ ލައިވް ކޮށްގެން އެންމެން ބެލި ޝަރީއަތެއް. ދިވެހި ރައްޔިތުން ތިބީ ދިވެހި ސަރުކާރުން ރައީސް ޔާމީނަށް ކުރައްވަން ބޭނުންވި އަނިޔާ ފެނިފަ

ޝިޔާމް ވިދާޅުވީ ބިލުގައި މީރާއަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީއިން ތަންދޭ އުސޫލުތަކެއް ނޫންކަމަށެވެ. މިއީ ސީދާ ވަކި މީހަކަށް އަމާޒުކޮށްގެން ހުށައަޅާފައިވާ އިސްލާހެއްކަމަށް ވިދާޅުވިއެވެ. އަދި މިއިސްލާހު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށާއި މިއީ ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: