ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބޭނުންވަނީ ހަމައެކަނި ކުޅިވަރެއް ނޫން! ބޭނުމީ މުސާރަ އެއްކޮށް ކުއްޔަށާއި ބިލުތަކަށް ނުދީ ވާނެ ގޮތެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީގޮތުން ފާހަގަކުރަ ޒުވާނުންގެ ދުވަސް މިމަހުގެ 22 ވަނަ ދުވަހު ފާހަގަކޮށް ނިމިގެންދިޔައިރު، ޒުވާނުންގެ އަޑު ސަރުކާރަށް ނުވަތަ ޒުވާނުންގެ ކަންކަމާއި ހަވާލުވެގެން ތިއްބެވި ބޭފުޅުންނަށް އިވުނީ ކިހާ މިންވަރަކަށްތޯ ސުވާލުއުފެދެއެވެ.

ރާއްޖޭގައި ޒުވާނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަމުން އައީ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ1992ވަނަ އަހަރުން ފެށިގެންނެވެ. އޭގެފަހުން  ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު 12 ވަނަ ދުވަސް ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފަހުން އެދުވަސް ނޮވެމްބަރު 17ގައި ފާހަގަކުރިއެެވެ. އޮކްޓޫބަރު 22 ވަނަ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ.

ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާ އަރުއްވާފައިވަނީ، މީގެ 13 އަހަރުކުރިން އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ އިންތިޚާބުތަކުގައްޔާއި ވޯޓުތަކުގައި 18 އަހަރުުން މަތީގެ މީހުންނަށް ބައިވެރިވެވޭނެގޮތަށް ފާސްކުރި ދުވަސްކަމުގައި ވާތީއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ، ވޯޓު ދިނުމުގެ ހައްގު ޒުވާނުންނަށް ދިނުމާއެކު ޒުވާނުންގެ ހުރިހާ ބޭނުމެއް ހާސިލްވީތޯ އުފެދޭ ސުވާލެވެ. ނުވަތަ ޒުވާނުން ބޭނުންވެގެން މިއުޅެނީ ހަމައެކަނި ވޯޓު ދިނުމުގެ ހައްގުތޯ އުފެދޭ ސުވާލެވެ. ނުވަތަ ކުޅިވަރު ސްޓޭޑިއަމްތަކާއި ޖިމްތައް ގާއިމްކޮށްދިނުމުން ޒުވާނުންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދެވުނީތޯ އުފެދޭ ސުވާލެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބަކަށްވެސް ބުނަން ޖެހެނީ ނޫނެކޭއެވެ. ހަގީގަތަކީ ޒުވާނުން މިއަދު އެއަށްވުރެ މާ އަސާސީ ކަންކަމަށް މާބޮޑަށް ބޭނުންވެފައިކަމެވެ. ރާއްޖޭގެ ޖުމްލަ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ޒުވާނުންގެ ތެރެއިން ނިސްބަތުން ގިނަ ބަޔަކީ މަތީ ތައުލީމް ފުރިހަމަކުރަމުންދާ ދަރިވަަރުންނެވެ. އަނެއްބައި ޒުވާނުންނަކީ ވަޒީފާގައި އުޅެމުންދާ ބައެކެވެ. ނުވަތަ ވަޒީފާއަށް ދަމުން ކިޔަވާ ޒުވާނުންވެސް މަދެއް ނޫނެވެ.

މިއަދު ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް އެއްވެސް ވަޒީފާއަކުން ނުލިބުމެވެ. ކިޔަވާފައިވާ އެއްޗަކާއި އެކަށީގެންވާ އުޖޫރައެއް އަދާކުރާ ވަޒީފާއިން ނުލިބުމެވެ. މާސްޓާޒް ފެންވަރަށް ކިޔަވާފައި ތިބޭ ޒުވާނުންނަށްވުރެ، އެއްޗެއް ނުކިޔަވައި ތިބި، ތަންތަނުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންސްގެ މުސާރަ ހާސްބައިވެސް ބޮޑެވެ. މިއީ ޒުވާނުން ކުރާ ޝަކުވާގެ ކުޑަ މިންވަރެކެވެ.

އަހަރެއް ނިމިގެންދާއިރު، މަސައްކަތުގެ ބަރާބަރު އަށް ގަޑައިރު ހަމަކޮށްފައި ގެއަށް ދެވޭ ދުވަސްތައް ދެއަތުގެ އިނގިލިން ގުނާލެވެނެއެވެ. ބަލައިލަން ކެރޭ ވަރުގެ މުސާރައެއް ކިރިޔާވެސް ލިބޭނީ އިންތިހާއަށް އިތުރުގަޑީގެ މަސައްކަތް ކޮށްގެންނެވެ. އަމިއްލަ ދިރިއުޅުމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮަކަމަށް އަހަންމިއްޔަތުކަންދޭނެ ވަގުތެއް ވަޒީފާގައި އުޅެފައި ނޯވެއެވެ.

މިހާހިސާބުން، މިވާހަކަ ނުނިމެއެވެ. ހަފްތާގައި ލިބޭ އޮފް ދުވަހަށް ދާންދެން މަސައްކަތް ނުކުރާނަމަ ލިބޭ މުސާރަ އެހާ ކުޑައެވެ. މުސާރަ ކުޑައީ ކަމެއް ނުވަތަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ކަރަދު ބޮޑީކަމެއް ނޭންގެއެވެ. މުސާރަ ލިބޭ ދުވަހުވެސް ދަނީ މާޔޫސްކަމަކަށެވެ. މުޅި މަސް ދުވަހު ގުދާރު ބިންދައިގެން، ދާ އޮހޮރުވައިގެން، އަމިއްލަ ނަފްސަށާއި އާއިލާއަށް ދޭން މަޖުބޫރު ވަގުތުވެސް ވަޒީފާއަށް ހުސްކޮށްގެން ހޯދި ހަލާލު ފައިސާ، މުސާރަ ލިބޭ ދުވަހު ދޭން ޖެހެނީ މުޅިން އެހެން ބައެއްގެ އަތަށެވެ. މުސާރަ ލިބޭ މިނެޓު ފުރަތަމަ ޖެހެނީ އޮންލައިން ޓްރާންސެކްޝަންތައް ހަދާށެވެ. ފުރަތަމަ ކުލީގެ ގޮތުގައި ގޭގެ ވެރިމީހާއަށެވެ. އެއަށްފަހު ފެނާއި، ކަރަންޓެވެ. އަދި ފޯނު ބިލާއި ޓީވީ ބިލާއި އިންތަނެޓު ބިލުވެސް އޮތީއެވެ. މުސާރައިގެ ގޮތުގައި ލިިބޭ އެއްޗަކަށްވުރެ ދެގުނަ ޚަރަދު ކުލިތަކަށާއި ބިލުތަކަށް އަރައެވެ. އެފައިސާ ހޯދާނެ ގޮތެއް ނޭންގި، އެފައިސާދޭން ޖެހޭ މީހުންނަށް ދައްކާނެ މޫނެއް ނޭންގި ޒުވާނުން ދަނީ މާޔޫސްކަމެއްގެ ތެރެއަށެވެ.

ޒުވާނުންގެ ބޯހިޔާވަހިކަމުގެ ހާލަތުގެ ވާހަކަ ދައްކަން ފަށާނެ ގޮތެއްވެސް ނޭންގެއެވެ. ރާއްޖޭގައި ބޯހިޔާވަހިކަން ލިބުމަށް ޝަރުތު ހަމަވާނީ އުމުރު ދެބައިވުމުންނެވެ. ހައެއްކަ ދަރިންނާއި ވިއްސަކަށް މާމަ، ކާފަ ދަރިން ތިބިއްޔާ ނޫނީ އަމިއްލަ ވަޒަނުން ބޯހިޔާކޮށްލާނެ ގޮތެއް ނުލިބެއެވެ. މިސަބަބާއިހުރެ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވެ، ނުފެށި ކިތަންމެ ޒުވާނަކު އެބަތިއްބެވެ. އަދި ޒަވާޖީ ހަޔާތެއް ނުފެށިކަމުގައިވިޔަސް، އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވާ ކިތަންމެ ބަޔަކު ދިވެހި މުޖުތަމައުގައި އުޅެއެވެ. އެފަދަ ޒުވާނުންނަށް އަމުދުން އަމިއްލަ ވަޒަނުން ދިރިއުޅުމަށް އަމިއްލަ ތަންކޮޅެއް ލިބޭނެކަމަށް އުންމީދުކުރުމަކީވެސް މޮޔަ ކަމެކެވެ. ގިނަ އާއިލާތަކެއް ރޫޅި ޅައުމުރުގައި ދަރިންގެ މަގު އޮޅި، އިޖްތިމާއީ އެތައް މައްސަލައެއްގެ އަސާސަކަށް ބޯހިޔާވަހިކަމުގެ މައްސަލަތައްް ވަނީ ވެފައެވެ.

މިއަދު ދިވެހި ޒުވާނުންގެ ވިސްނުމާއި ފިކުރާއި ގުޅިފައިވަނީ މިކަންކަމެވެ. ހަޔާތް ނިމިގެންދާއިރު އަމިއްލަ ނަަފްސާނީ ދުޅަހެޔޮކަށް ވީތަންވެސް ނޭންގެއެވެ. މިފަދަ ކަންކަމާއި ނުވިސްނާ، ފިކުރު ނުކުރާ ޒުވާނަކު މިހާރު މަދެވެ. އަމިއްލަ ދިރިއުޅުމާއި މައިންބފައިންނާއި އާިލާގެ ދިރިއުޅުން އުޖާލާކުރުމަށް، އަމިއްލަ ފައި މައްޗަށް ކޮލަށް ތެދުވުމަށް ވަޒީފާތަކަށް ދާން ފެށި ޒުވާނުންނަށް، މިއަދު ހަގީގަތުގައި ވަޒީފާއަށް ދިޔުމުގެ ބޭނުމެއް ނުފެނެއެވެ. މުޅިންވެސް ޖެހެނީ ލިބޭޭ މުސާރަ ދުނިޔޭގައި ދިރިހުރުމުގެ އަގަކަށް އެހެންމީހުންނަށްް ދޭށެވެ. ފަހަަށް އެއްޗެއް ރައްކާކުރުމުގެ ވާހަކަ އެއީ އަދި މާ ދުރުގައި އޮތް ވާހަކައެކެވެ. މިއުޅެނީ ކުއްޔާއި ބިލްތައް ދެއްކުމަށްފަހު އެމަހުވެސް ކެއިންބުއިމުގެ ޚަރަދުތައް ބެލެހެއްޓޭނެ ގޮތެއް ނުތިގެންނެވެ.

ބުނަން މިއުޅޭ ވާހަކައަކީ ހަމައެކނަި ސްޓޭޑިއަމްތަކާއި ޖިމްތަކަކުން ޒުވާނުންގެ ހައްގުތައް ހޯދައިނުދެވޭ ވާހަކައެވެ. އެކަންކަމަކީވެސް މުހިންމު ކަންކަމެވެ. އެހެންނަމަވެސް އެއަށްވުރެ މާ މުހިންމު، މާ އަސާސީ ހައްގުތައް ކަށަަވަރުވުމަށް ޒުވާނުން ބޭނުންވެއެވެ. ޒުވާނުން ބޭނުންވަނީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. ޒުވާނުން ބޭނުމީ މުސާރަ އެއްކޮށް ކުއްޔަށާއި ބިލުތަކަށް ނުދީ ވާނެ ގޮތެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: