ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވަނީ އެތަންތަނުން ފުރިހަމަކޮށްފައިވާ އެސްއޯޕީތަކާއި، ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ދަށުންކަމަށެވެ.
އަދި ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ ގިނަ ތަންތަނުން އެސްއޯޕީތަކަށް އަދި ގައިޑްލައިންތަކަށް އަމަލުކުރަމުންދާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ބައެއް ތަންތަނުން އެސްއޯޕީތަކާއި އަދި ގައިޑްލައިންތަކަށް އަމަލުނުކުރާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ގައިޑްލައިންތަކާއި އެސްއޯޕީތައް ހަދާފައިވަނީ ފަތުރުވެރިންނާއި އެތަނެއްގެ މުވައްޒަފުން އަދި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް އަމަލުނުކުރާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ އެއްވެސް އެންގުމަކާއިނުލާ އެ މިނިސްޓްރީން ބާތިލްކުރާނެކަމަށެވެ. މިކަމުގައި ލިބޭ އެންމެހައި ގެއްލުމަކަށް ޒިންމާވާންޖެހޭނީ އެތަނަކުންކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

