ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ފިޗް ރޭޓިންގްވެސް “ބީ”އަކުން “ސީސީސީ” އަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފިޗް ރޭޓިންގްވެސް ދަށް ކޮށްފިއެވެ.

އެޗްޑީސީގެ ފިޗް ރޭޓިންގް ދަށް ކޮށްފައިވަނީ “ބީ”އަކުން “ސީސީސީ”އަށެވެ. އެޗްޑީސީގެ ފިޗް ރޭޓިން ދަށްކޮށްފައިވާކަން ހާމަކޮށް ފިޗް ރޭޓިންގްސްއިން ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެގައިވަނީ އެޗްޑީސީއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު އެޗްޑީސީއަށް ސަރުކާރުން ފަންޑު ކުރަމުންދަނީ ސަރުކާރުން ނަގާފައިވާ ލޯނުތަކުން ކަމަށެވެ. 2019 ވަނަ އަހަރުވެސް ސަރުކާރުން ވަނީ އެޗްޑިސީގެ 22 އިންސައްތަ ދަރަންޏަށްވާ ފައިސާ ދައްކާފައިކަމަށެވެ. އަދި މިދިޔަ އަހަރު ނިމުމުގެ ކުރިން 73 އިންސައްތަ ދަރަނި ދައްކާނެކަމުގެ ގެރެންޓީ ސަރުކާރުން ދީފައިވާ ކަމަށެވެ.

ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ތަރައްގީކުރަމުންދާ ސަރަހައްދުކަން ފާހަގަކޮށް، ފިޗްގެ ލިޔުމުގައި ވަނީ އެޗްޑީސީއަަށް ލިބޭ އެންމެ ގެއްލުމެއްގެ ސަބަބުންވެސް މުޅި ހުޅުމާލޭގެ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް އަންނާނެ ކަމަށެވެ. އެޗްޑީސީއަކީ ހުޅުމާލޭގެ ކަންކަމުގައި ޝާމިލުވާ ހަމައެކަނި ސަރުކާރު ކުންފުންޏެވެ. އެގޮތުން ހުޅުމާލެއިން ބިން ދޫކުރުމާއި، ފްލެޓުތަައް މަރާމާތުކުރުމާއި ހުޅުމާލޭގެ ތަރައްގީއަށް ހިންގާ އެކި މަޝްރޫއުތައްވެސް ހިންގަމުންދާނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

މިއީ މިއަހަރުގެ ތެރޭގައި ފިޗްއިން އެޗްޑީސީގެ ރޭޓިންގް ދަށްކުރި ދެވަނަ ފަހަރެވެ. މިއަހަރު ފެށުނުއިރު އެޗްޑީސީ ރޭޓްކޮށްފައިވަނީ “ބީ ޕްލަސް” ދަރަޖައިގައެވެ. އަހަރުގެ މެދުތެރެއިން ވަނީ “ބީ”އަކަށް އެޗްޑީސީގެ ރޭޓިން ދަށްކޮށްފައެވެ. އަދި އަހަރު ނިމުމުގެ ކުރިން އެޗްޑީސީގެ ރޭޓިން މިވަނީ “ސީސީސީ”އަށް ދަށްކޮށްފައެވެ.

ދާދި ފަހުން ފިޗް ރޭޓިންގްސްއިން ވަނީ ރާއްޖޭގެ ރޭޓިންގްވެސް ދަށްކޮށްފައެވެ. ނޮވެމްބަރުމަހުގެ ފަސްވަނަ ދުވަހު އާންމުކޮށްފައިވާގޮތުން ރާއްޖޭގެ ރޭޓިން ވަނީ “ބީ މައިނަސް”އަކުން “ސީސީސީ”އަކަަށް ދަށްކޮށްފައެވެ. ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ. ފިޗްއިން ވަނީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތްކަން ފާހަގަކޮށްފައެވެ.

ރާއްޖޭގެ ރޭޓިން ދަށްކުރުމާއި ގުޅިގެން، ފިނޭންސް މިނިސްޓްރީއިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން ކޮވިޑްގެ ޕީކް ވޭވްއިން ސަލާމަތް ވެފައިވާ ކަމަށާއި ސަަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރަށް ޖުލައި 15ގައި ފަތުރުވެރިކަމުގެ ދާއިޜާގެ މަސައްކަތްތައް އަލުން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ޖުލައި މަހު 2000 ފަތުރުވެރިން އައިކަމުގައިވިޔަސް އޮކްޓޫބަރު މަހުގެ ނިޔަލަށް 21،000 ފަތުރުވެރިން އައިސްފައިވާކަމަށެވެ. ފްލައިޓްތައް އޮޕަރޭޓްކުރާ މިންވަރު އިތުރުކުރަމުންދާ ކަމަށާއި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ލުއިތައް ދެމުންދާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: