ކޮވިޑް19ގެ ސަބަބުން އދ.ދިގުރަށު ގެސްޓުހައުސްތަށް ބަންދުކޮށްފައި ހުރުމަށްފަހު އަލުން ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.
ގިނަ ގެސްޓްހައުސްތަކެއް ހުންނަ އަދި ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި ކުރިއަރަމުން އަންނަ ދިގުރަށް ފަތުރުވެރިން ގެނައުމަށް މިހާތަނަށް ހުއްދަދީފައިވަނީ، ތިން ގެސްޓުހައުސްއަކަށެވެ. ނަމަވެސް މިހާތަނަށް ގެސްޓުން އަހިސްފައިވަނީ، އެއް ގެސްޓު ހައުސްއަށެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އިމްރާން އާދަމް ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު ހުއްދަލިބިގެން ދިގުރަށަށް ގެސްޓުން އަންނަން ފެށުމަކީ ގިނަ ބަޔަކަށް އެކަމުން އުފާ ލިބޭނެކަމެއް ކަމުގައެވެ. “ ގިނަ ދުވަސްތަކަކަށްފަހު ހުއްދަ ލިބިގެން ރަށަށް ގެސްޓުން ގެންނަނށް ފެށުމަކީ ރަށުގައި ވަޒީފާއެއްނެތި ތިބި އެތަށް ބަޔަކަށް ލިބުނު އުފަލެއް. އަދި އަޅުގަނޑުމެން ކަހަލަ ކުދި ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.“ އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ރަށުގެ90 ޕަސެންޓް މީހުނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި އަދި ގެސްޓުހައުސްތަކުގެ ވެރިންގެ އިންވެސްޓްމެންޓްތައް މެއިންޓެއިން ނުކުރެވި ގެއްލުންތަކެއް ލިބެމުން ދާކަމަށެވެ. އަދި ބައެއް ގެސްޓުހައުސްތައް އަލުން ހުޅުވުމަށް ލޯނު ނަގަންޖެހިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ގެސްޓުހައުސްތައް ހުޅުވުމާއެކު ލޯކަލް ޓުއަރިޒަަމަށް ދިމަވެފައިވާ އަޑިގުޑަން ގަޑުން މިވަގުތު ސަލާމަތް ނުވެވުނުކަމުގައިވީނަމަވެސް، ރަނގަޅަށް މާރކެޓް ކޮށްލެވިއްޖެނަމަ މާދުރުނޫން މުސްތަގްބަލެއްގައި މިކަމަށް ހައްލެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އިމްރާން ވިދާޅުވީ، އެޗްޕީއޭގެ މިންގަނޑުތަކުގެ އިތުރުންވެސް ގެސްޓުހައުސްތަކާ، ރަށު ކައުންސިލް ގުޅިގެން ރަށު ފެންވަރުގެ ގައިޑްލައިނެއް ތައްޔާރުކޮށް އެއަށް އަމަލުކުރަމުންދާކަމުގައެވެ.
ދިގުރަށުން ވަނީ އެރަަށް ފުރަތަމަ އައި ދެ ފަތުރުވެެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮވިޑް19އާއި ގުޅިގެން ގެސްޓުހައުސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވަން ހުއްދަދީފައިވަނީ، އޮކްޓޫބަރ މަހުގެ15 ވަނަދުވަހުގައެވެ. ގެސްޓުހައުސްތައް އަލުން ހުޅުވިނަމަވެސް ގެސްޓުހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންވާން ޖެހެއެވެ. އަދި މާލޭ ސަރަޙައްދު ފިޔަވައި އެހެން ރަށްރަށުގައި ގެސްޓުހައުސްތައް ހިންގުމުގެ ހުއްދަ ދީފައިވާއިރު، ގެސްޓުން އަންނަ ރަށްރަށުގައި އާއްމު ތަންތާންގައި މާސްކުއެޅުމަކީ މަޖުބޫރުކަމެވެ،
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލައި، ބައެއް ގެސްޓު ހައުސްތަކުގެ އިތުރުން ބައެއް ރިސޯޓްތަކުގައިވެސް މިހާރު ފަތުރުވެރިންނަށް ޚިދުމަތްދެމުން ދެއެވެ.

