އަތޮޅުތެރޭގައި ވެކްސިން ރައްކާކުރުމަށް އިންތިޒާމުތައް ހަމަޖައްސާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ މިހާރު ގަވާއިދުން އަތޮޅުތެރޭގައި ދެމުންގެންދާ ވެކްސިންތައްވެސް އަތޮޅުތެރޭގައި ރައްކާތެރިކަމާއެކު، ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަކަމަށެވެ. ހަމަ އެގޮތަށް، ކޮވިޑްގެ ވެކްސިންވެސް އަތޮޅުތެރޭގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ޑަބްލިއުއެޗްއޯއާއި ގުޅިގެން މިމަސައްކަތްރަމުންދާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޑރ ނަޒްލާ ވިދާޅުވީ މިހާރުވެސް ހުރިހާ ރަށެއްގައިވެސް ވެކްސިން ޖަހާ މީހުން ހަރަކާތްތެރިވާނެ ކަމަށާއި އެހެންނަމަވެސް، އާ ވެކްސިނަކަށްވުމުން ދޭންޖެހޭ މައުލޫމާތާއި ތަމްރީން ފޯރުކޮށްދޭނެކަމަށެވެ. އަދި ވެކްސިން ދޭން ފެށުމަށްފަހު، މީހުންނަށް ދިމާވާ ކަންކަން ނުވަތަ ވެކްސިންގެ ސައިޑްއިފެކްޓްތައް ރިކޯޑްކުރަމުންދާނެކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން އިންވެސްޓިގޭޓް ކުރަމުންދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ ކެޓަގަރީގައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަތޮޅުތެރޭގައި ކުރަމުން އަންނަކަން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، މާލޭގައި މިމަސައްކަތް އަދި ކުރަން ނުފަށާ ކަމަށާއި މާލެއިން މިމަސައްކަތް ކުރަން ފަށާނެ ތާރީހެއް ހާމަކުރާނެ ކަމަށެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ބޭނުންވާ ވެކްސިން ހިލޭ ލިބޭނޭކަމަށް އެޗްއީއޯސީއިން މައުލޫމާތުދެއެވެ.
އާބާދީގެ 20 އިންސައްތައަށް ވެކްސިން ލިބޭއިރު، ވެކްސިން އެންމެ ފުރަތަމަ ދޭނެ މީހުންގެ ތަރުތީބު މިހާރު ވަނީ ކަނޑައަޅާފައެވެ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް . ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 އިންސައްތަ ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.
ވެކްސިން ވަކި ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭއިރު، ރާއްޖޭގައި ވެސް އެ ތަކެތި ރައްކާތެރިކަމާއެކު ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ވެކްސިނެއް ނަމަވެސް، ކޮންމެ ބޭހެކޭވެސް އެއް ފަދައިން އެ ވެކްސިންގައިވެސް ސައިޑް އިފެކްޓްސް ހުރުން އެކަށީގެންވާ ކަމަށް އެޗްއީއޯސީއިން މައުލުމާތު ދެއެވެ.

