ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު: 6/81) އަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، މި ހިނގާ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މައިގަނޑު މަޤްޞަދުތަކަށް އިޞްލާޙު ގެނެސްފައި ވެއެވެ. އެ ގޮތުން، އެ އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމްއެމްއޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

އެމް.އެމް.އޭ.ގެ ޤާނޫނަށް ގެނައި މި އިޞްލާޙުގައި ޤާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި، އަދި ޤާނޫނުގައި ”ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން“ މާނަކޮށް މި ބިލުގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، އެ މަޤާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. ހަމައެހެންމެ، އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމުގެ އިތުރުން، މި ބިލުގައި އަލަށް ހިމަނާފައިވާ މާއްދާތަކާ ބައިތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި ”ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް“ އަދި ”ސެކިއުރިޓީޒް މާރކެޓް“ އާ ގުޅޭ ކަންކަން މި ބިލުގައި ހިމަނާފައިވެއެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު ”ބޭންކު-ނޫން މާލީ ވިޔަފާރި“ގެ ގޮތުގައި މާނަކުރަނީ ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. އޭގެތެރޭގައި، ޢާންމު ބޭންކިންގ ވިޔަފާރީގެ ތެރޭގައި ނުހިމެނޭ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ސެކިއުރިޓީޒްގެ ވިޔަފާރި ނުވަތަ އިންޝުއަރެންސްގެ ވިޔަފާރި ނުވަތަ އިންވެސްޓްކުރުމާ ބެހޭގޮތުން ލަފާދިނުމުގެ ވިޔަފާރި، ނުވަތަ ފައިނޭންސިންގ ވިޔަފާރި، ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ އިލެކްޓްރޯނިކް ވަނީ އިޝޫކުރުމާއި އެހެންވެސް ޕޭމަންޓް
އިންސްޓްރޫމަންޓްތައް އިޝޫކުރުމުގެ އަދި ޕޭމަންޓް މުޢާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތްތައް ހިމެނޭގޮތުން ޕޭމަންޓް ޚިދުމަތް ދިނުމުގެ ވިޔަފާރި، ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އިންސްޓުރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި، ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި، ނުވަތަ އޮތޯރިޓީން ކަނޑައަޅާ މިނޫންވެސް ވިޔަފާރިއާއި މާލީ ޙަރަކާތްތައް ހިމެނޭގޮތުންނެވެ.

ގާނޫނުގައި ހިމަނާފައިވާ ބައެއް ކަންކަމަށް ބަލާއިރު، ސަރުޚާރުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ސެކިޔުރިޓީ އިޝޫކުރެވޭނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސެކިޔުރިޓީ އިޝޫކުރާއިރު، ސެކިއުރިޓީޒް ގަނެފައިވާ ނުވަތަ ސެކިއުރިޓީޒް ހޯލްޑްކުރާ ޑިޕޮޒިޓަރުންގެ ނަމުގައި އަދި ސަރުކާރުގެ ނަމުގައި، އޮތޯރިޓީން ކަނޑައަޅާ ޝަރުތުތަކާއި ހަމަތަކާއެކު، އެކައުންޓް ހުޅުވައިދެވޭނެކަމަށް ގާނޫނުގައިވެއެވެ. އަދި ސެކިއުރިޓީޒް ޓްރާންސްފަރކުރުމަށް، ސެކިއުރިޓީޒް ކްލިއަރިންގ އަދި ސެކިއުރިޓީޒް ސެޓްލްމަންޓް ހެދުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކުރުމާއި އެފަދަ ސިސްޓަމްތައް އޮޕަރޭޓްކުރުން ނުވަތަ  ސެކިއުރިޓީޒް ޓެންޑަރކުރުމަށް ނުވަތަ އިޝޫކުރުމަށް ނުވަތަ ސެކިއުރިޓީޒް ދަރަންޏަށް ދިނުމަށް ނުވަތަ ދަރަންޏަށް ނެގުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކުރުމާއި އެފަދަ ސިސްޓަމްތައް އޮޕަރޭޓްކޮށް ދެވިދާނެކަމަށްވެސް ގާނޫނުގައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ، ޢަމަލުކުރައްވަން ފަށްޓަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: