ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ ރާޅުން ކުރުވި އެކުވެރިކަން ގެއްލި، އެ ރޫހުން ދިރުނު ހިތްހިޔޮކަން މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެދުވަހު ދިވެހިންގެ ކިބައިން ފެނިގެން ދިޔައީ ދިވެހީންގެ ޤައުމީ ރޫހެވެ. އެއްބައިވަންތަކަމެވެ. ހިތްތިރި ކަމެވެ. ހިތުގައި ބިންވަޅު ނެގިފައިވާ ނަފުރަތު، އެދުވަހު ވެގެންދިޔައީ ކުލުނާ އޯގާތެރިކަމަށެވެ. އެއްވެސް މީހެއްގެ ހިތުގައި އަނެކާއާއި މެދު ހަސަދަވެރިކަމެއް ނެތެވެ. އެންމެންވެސް ބޭނުންވީ، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވުމަށެވެ.

ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތް، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ވާހަކައެވެ. މިދައްކަނީ ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެކުވެރީންނާއި ޢާއިލާގެ މީހުންގެ ވާހަކައެވެ. ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެ ވާހަކައެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު އެމީހުންގެ ހަނދާނުން ދެލޯ ތެތްމާލައެވެ. ހިތްމަޑުމޮޅިކަމާއެކު އެ ފުން ހިތާމައިގެ ތެރެއަށް ގަންބާލައެވެ.

މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން ނިޔާވެފައި ވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ.

އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ އެތައް ބަޔަކު ހާލުގައި ޖެހުނު އިރު، އެ ފަރާތްތަކަށް އެހީވުމުގައި ދިވެހީން ދައްކާފައި ވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ރޫހުގައި ތިބިކަމެވެ.

ދިވެހީން އެދުވަހު ދުނިޔެއަށް ދެއްކީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެވެ. އެއް އުއްމަތަކަށް ނިސްބަތްވާ، އެއް ހަށިގަނޑެއްގައި ޤައުމީ ލޭ ދައުރުވަމުންދާ ކަމުގެ ޝުއޫރެވެ. ނަމަވެސް އޭގެ 16 އަހަރު ފަހުން މިއަދު އެންމެ ބޮޑަށް ބިރު ހީވެފައި އޮތް ކަމަކީ، އަޅުގަނޑުމެންގެ އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެވެ. ފެނިގެންދަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ދީނަށް ފުރައްސާރަ ކުރާމީހުންވެސް މި ކުޑަކުޑަ ދިވެހި މުޖްތަމަޢުގައި ފިތުނަ ފަސާދަ ފެތުރުމަށް މަސައްކަތްކުރާ ތަނެވެ.

ސުނާމީގެ ސަބަބުން މުޅީން އަލަށް ތަޖްރިބާ ކުރެވުނު އެތައް ކަމެއް މާޒީގެ ހިރަފުހުގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ އިރު، އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަންވެސް މއަދު މިވަނީ ގެއްލިފައެވެ. މިފަދަ ކަންކަން ފެންނަން ފަށައިފައި ވާއިރު ވިސްނާލަންވީ ހަޤީގަތެއް އެބައޮތެވެ. މިއަދު ދިވެހިންގެ ހާލަތު މިއޮތް ގޮތަށް އެއްބައިވަންތަކަމެއް ނެތި އެދުވަހު އޮތް ނަމަ، އެދުވަހު އަޅުގަނޑުމެންގެ ތެރެއިން ގެއްލި ފުރާނަ ދޫކޮށް ދާނީ ހަމަ އެކަނި 82 ނުވަތަ 108 ދިވެހީންނެއް ނޫނެވެ. އެ މީހުން ވަކިވެގެން އެދިޔައީ ތާއަބަދަށް އަޅުގަނޑުމެން ރޮއްވާލައިފައެވެ. އެދުވަހު އެމީހުން އެދިޔައީ ޖާނާއިމާލު ޤުރުބާން ކޮށްގެން ޢިމާރާތްކުރި ގެދޮރާއި މުދާ ކަނޑުންއެރި ބިޔާރާޅެއްގެ ޝިކާރާއަކަށް ދޫކޮށްލައިފައެވެ. ސުނާމީ ކާރިސާގައި ބައެއް ޢާއިލާތައް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުން އިނދަޖެހި ސުންނާފަތިވެގެން ދިޔައެވެ. ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވިއެވެ.

މިއަދު އަނެއްކާވެސް މިއޮތީ އެދުވަހު ދިވެހިން ދައްކުވައިދިން ނަމޫނާ އެއްބައިވަންތަކަން އަލުން ދައްކުވަންޖެހޭ ވަރަށް ދިވެހި ރާއްޖޭގެ ހާލަތު ދަށައްގޮސްފައެވެ. ދިމާވާނެ ކޮންމެ ކަމަކީ ގުދުރަތީ ކާރިސާ އަކަށް ނުވަތަ ސުނާމީ އަކަށް ނުވެދާނެއެވެ. ސޫނާމީ އެއް ނޫނަަކަސް ދިވެހިން އެދުވަހު ދައްކުވައިދިން އެއްބައިވަންތަކަން އަލުން ދައްކުވަންޖެހޭ ވަރަށް، ފިކުރީ ހަގުރާމައިގެ ވަކި މިވަނީ ދިވެހި ރާއްޖޭޭގައި ހިފާފައެވެ.

އެ ރާޅުން ކުރުވި އެކުވެރިކަން މިއަދު ގެއްލި، އެ ރޫހުން ދިރުނު ހިތްހިޔޮކަން މިއަދު މަރުވެއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: