މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަޒީރުން ހިންގަވާ ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން މައްސަލައެއް ނުފެންނަނީ ހަގީގަތުގައިވެސް މައްސަލައެއް ނެތީމައި ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ހަލީމް ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތާކއި ދެކޮޅަށް މަސައްކަތްކޮށް އެކަންކަން ހުއްޓުވުމަކީ ސީދާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމެނިފައިވާ ކަންކަން ކަމަށެވެ. އެހެންނަމަވެސް، ވެރިކަމަށް އައީ ކޯލިޝަނަކާއެކު ކަމަށާއި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް އެމްޑީޕީގެ ފިކުރާއި ވިސްނުން ސާފުނުވާނެ ކަމަށެވެ.
ހަލީމް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރުމަށް ޖުމްހޫރީ ޕާޓީގެ ވަޒީރުންނަށް އުނދަގޫ ވާނެ ކަމަށެވެ. މަޖިލީހުގެ ސާފު އަަޣުލަބިއްޔަތު އެމްޑީޕީއަށް ދިނީ އެހެންވެކަމަށް ހަލީމް ވިދާޅުވިއެވެ. ކޮވިޑާއި ގުޅިގެން ހަރަދުތަކުގެ ތަފްސީލްތައް މަޖިލީހަށް ހިއްސާކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މަޖިލީހަށް ގަރާރެއް ހުށައެޅުއްވި ކަމަށާއި އެންމެ ފުރަތަމަ ހަރަދުތަކުގެ ތަފްސީލްތައް އައުމާއެކުވެސް މިމައްސަލަ ފެންމަތިވި ކަމަށެވެ.
ހަރަދުތަކުގެ ތަފްސީލްތައް މަޖިލީހަށް އައުމާއެކު، ވަރަށް ގިނަ ބައެއްގެ ޝަކުވާތައް އައި ކަމަށާއި އެހެންނަމަވެސް، އޮޑިޓް ރިޕޯޓް އައުމުން ވަރަށް ގިނަ ވުޒާރާތަކުން އެކަމަުގެ އުފާޅުކޮށް ކޭކު ފަޅައި ހެދި ކަމަށް ހަލީމް ވިދާޅުވިއެވެ. އެއީ އޮޑިޓް ރިޕޯޓުތައް ރަނގަޅުވުމުން ކަމަށާއި އެމްޑީޕީގެ އެއްވެސް ވަޒީރެއްގެ އޮޑިޓް ރިޕޯޓުގައި މައްސަލައެއް ނުހުންނާނެ ކަމަށެވެ. އެހެންނަމަވެސް، ޖުމްހޫރީ ޕާޓީގެ ބައެއް ވަޒީރުންގެ މައްސަލަތައް ހުރިކަމަށް ހަލީމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލައަކީވެސް ޖުމްހޫރީ ޕާޓީގެ ވަޒީރެއްގެ މައްސަލައެއް. ބިޑް ކޮމެޓީއަކީވެސް ޖުމްހޫރީ ޕާޓީގެ ބިޑް ކޮމެޓީއެއް. އެމްއެންޑީއެފްގެ ރިޕޯޓުވެސް ނުކުމެއްޖެ. ވަރަށް ރަނގަޅަށް އޮތީ. ފޮރިން މިިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ނުކުމެއްޖެ. ބޮޑެތި ތަންތަން މިހުރީ. އެއޮއް ޕާޓީ ބާއްވަނީ. ނެތީ މައްސަލައެއް. ނެތީމަ ނެތީ! ހުރިނަމަ ފެންނާނެ!
މީގެ އިތުރުން ހަލީމް ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ހިނގާނެ ކަމަށާއި އެހެންނަމަވެސް އެކަން ހުއްޓުވުމަށް މަސައްކަތް ފަށައިފިއްޔާ އެކަންކަން މަދުވެގެން ދާނެކަމަށެވެ. މިއަދު ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ވަޒީރުން ޖެހިލުންވާ ކަމަށާއި ކޮންމެ ކަމެއްގައި އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވަންޖެހޭ ކަމަށެވެ. އެހެންކަމުން މިއީ އައިސްފައިވާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ހަލީމް ސިފަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރެއް. އަޅުގަނޑުމެން މިކުރާ ކަމަކީ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތްކޮށް، ސަރުކާރަށް ވާގިވެރިވަނީ މި. އިބްރާހިމް މުހައްމަދު ސޯލިހަކީ އަޅުގަނޑުމެންގެ ވެރިއެއް. އެހެން ބޭފުޅުންކުރައްވާ ކަންކަން ފޫބައްދަންވެސް ޖެހިވަޑައިގަންނަވާ ރައީސަށް. އަޅުގަނޑުމެން އެކަންކަމަށް އެހީތެރިވަނީ މި ގާނޫނީ އިމުގެ ތެރެއިން
މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރުމުން، ހަލީމް ވިދާޅުވީ ވަރަށް ބައިވަރު މަސައްކަތްތައް މިހާތަނަށް ކުރެވިއްޖެކަމަށެވެ. އެހެންނަމަވެސް، އެކަންކަމުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ހަލީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ ބޭފުޅުންގެ މައްސަލަތައް ބެލުމަކީވެސް ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށެވެ.
ހަލީމް ވިދާޅުވީ ކަންކަން ހަމަޔަކަށް އެޅެމުންދާ ވަރަކަށް ހުރިހާ ކަމެއް ފެންނަން ފަށާނެކަމަށެވެ. އެގޮތުން، މިހާރުވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި ވައުދުތައް އަންނަނީ ފުއްދެމުން ކަމަށެވެ. ދެން ހުރި ކަންކަމަކީ އުނދަގޫ ކަންކަން ކަމަށާއި އެހެންނަމަވެސް، މިހާރު އެންމެ މުހިންމު ކަންތައް ވަނީ ފުރިހަމަވެފައި ކަމަށެވެ. ފުލުހުންގެ ގާނޫނު ތަސްދީގު ކުރައްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ހަލީމް ވަނީ މިއީ ހުރިހާ މައްސަލައެއް ގޮސް ނިމޭ ހިސާބު ކަމަށާއި މިކަމަށް ހައްލު ލިބިގެން ދިޔުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

