ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 ގެ ބޮޑު ހިޔާނާތް: ވެންޓިލޭޓަރުގެ ވައްކަން!

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

“ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” އަކީ މި ސަރުކާރު އުފެދިގެން އައި އިރު ރައްޔިތުންގެ އިތުބާރު ހޯދުމަށް އެންމެ ގިނައިން ދެކެވުނު އެއް ވާހަކައެވެ. ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތަކަކީ ކޮންމެ ސަރުކާރެއްގައި ވެސް އަޑުއިވުނު ވާހަކަތަކެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް އަހަރު ރައްޔިތުން ހޭދަ ކުރަން ޖެހުނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ. ފަހުގެ ތާރީހެއްގައި ގައުމުގެ އިގްތިސާދަށާއި، އާމްދަނީއަށް ނުލިބޭވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ.

ކޮރަޕްޝަންގެ ވަކި ތަކުން ދައުލަތްތަކުގައި ވަކި ހިއްޕާފައި އޮތް މިންވަރު ހާމަވެ، ރައްޔިތުންނާއި މެދު އެ އޮންނަންޖެހޭ އިހުލާސްތރިކަމެއް ނެތްކަން މިވީ އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދަސްވީ ކަހަލައެވެ. ބަލިމަޑުކަމެއްގެ އަނދަވަޅެއްގައި ގައުމު ވަނިކޮށް، ވައްކަމާއި ކޮރަޕްޝަން އަދި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެގެން އައެވެ.

ވެންޓިލޭޓަރުގެ ހިޔާނާތް، މިއަދާއި ހަމައަށް ވެސް އެ ވެންޓިލޭޓަރެއް ނުލިބޭ!

ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހު އެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަން ކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޔަގީން ކުރަން ވާނެއެވެ.

އެގޮތުން ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

މި ދެންނެވި އުސޫލުތަކާއި ހިލާފަށް ހެލްތް މިނިސްޓްރީ އާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމަލުކޮށްފައިވާކަން ފަޅާއެރީ އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލީ ހާއްސަ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުންނެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ލަފައެއްގެ ގޮތުގައި ލިޔެކިއުންތަކުގައި ލިޔެ، އެއަށް ރިއާޔަތްކޮށް އޭރު ގާއިމްކޮށްފައި އޮތް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނޫސްވެރިންނަށް މައުލޫމާތު ދިނެވެ.

ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަ 75 ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށް ބުނެ ހެލްތް މިނިސްޓްރީން، ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާއިރު ހަގީގަތަކީ ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެންނަން ޑަބްލިއުއެޗްއޯއިން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމެވެ. ނަމަވެސް ޑަބްލިއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފަރާތުން ވެންޓިލޭޓަރުތައް ލިބޭނެ ކުންފުންޏެއްގެ ނަން އަމިއްލަ ހައިސިއްޔަތުން ހެލްތް މިނިސްޓަރަކަށް ހުންނެވި އަމީނަށް ދެންނެވިކަމަށް މި ސަރަހައްދުގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ވަނީ ސިޓީއަކުން އަންގާފައެވެ.

އެހެން ކަމުން އަމީން ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން ގެންނަ ވެންޓިލޭޓަރު ކަމަށް ބުނެ އެކިއެކި ފަރާތްތަކަށް ސިޓީ ފޮނުވައި ވަނީ ހަގީގަތާއި އެއް ގޮތަށް ނޫންކަން ފަހުން ވަނީ ހާމަވެފައެވެ. އެގްޒެކިއުޓާސް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހިމަނާފައި ހުރީ ހަގީގަތާއި ހިލާފު މައުލޫމާތެކެވެ. އަދި ކުންފުޏަށް އެއްބަސްވުމުގެ 90 އިންސައްތަ ފައިސާ ވަނީ ދައްކާފައެވެ. އެއީ 30 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން ވެންޓިލޭޓަރުތަކަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުން ވެސް، އެއްބަސްވުމުގައި ވާ ތާރީހަށް ވެންޓިލޭޓަރުތައް ނުގެނެވި އޭގެ އެތައް ދުވަސްތަކެއް ފަހުން 10 ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވިއެވެ. އެއްބަސްވުމުގައި ވާ ގޮތުންނަމަ ވެންޓިލޭޓަރުތައް އެއްކޮށް ޑެލިވާރ ކުރާނީ، ފުލް ޕޭމަންޓު ދެއްކުމުންނެވެ. އެކަން ހާމަވީ އަދި މާ ފަހުންނެވެ.

ރައްޖެއަށް ގެނައި ވެންޓިލޭޓަރުތަކުގެ ޝަރުތު ހަމަނުވާއިރު، އެއީ ޕޯޓަބަލް 10 ވެންޓިލޭޓަރެވެ. މިއާއި އެކު ޑެލިވާރ ކުރަންޖެހޭ ބެޓަރިތައް ދުބާއީގެ ކުންފުނިން ފޮނުވާފައި ނުވެއެވެ. އަދި ވެންޓިލޭޓަރުތަކުގެ އޮކްސިޖަންއެއް ނުހިފަހައްޓައެވެ. އެހެންވެ، އެ ޖެހުނީ އަނބުރާ އަލުން ފޮނުވާލަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް، ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސްއާއި ހަވާލުކޮށް، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 އިންސައްތައަށް އަށްވާ ފައިސާ އާއި 15 އިންސައްތައަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ ނޫފޫޒ ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ، އަދި އަމީންގެ އަމަލައް ހުރީ ދުބާއީގެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމަށްކަމަށް ތަހުގީގުތަކުން ދައްކައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ވެސް އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ގިނަ މައްސަލަތަކަކީ އެއީ އެވެ.

ހެލްތްގެ އޮޑިޓު ރިޕޯޓު މައްސަލައިގައި އަމީން: “ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތެއް ނެތް!”

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭހެން އޮޑިޓު ރިޕޯޓެއް އެކުލަވާލިއިރު، އެ ރިޕޯޓުގައި ވާ ގޮތުން އަހަރުގެ ފުރަތަމަ ހަ މަހެއް ހާ ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއިން ކޮވިޑާއި ގުޅިގެން ކުރި މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުންމުގެ އަމަލުތަކެއް ހިންގާފައި ވެއެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

ބޮޑެތި ހަރަދުތަކެއް ކުރި، މެޑިކަލް އެތައް ސާމާނެއް ރާއްޖެއާއި ހަމައަށް އައިސްފައި ނުވާއިރު، އެ ތަކެއްޗަށް ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓު (ޕީޕީއީ) އާއި، ވެންޓިލޭޓަރުތައް އަދި އެ ނޫން ވެސް މެޑިކަލް ސާމާނުތަކެއް ހިމެނެއެވެ. މައްސަލައިގައި އަމީނަށް ފާޑުކިއުން އަމާޒުވާން ފެށުމުން އަމީން މަގާމުގެ މަސްއޫލިއްޔަތުން އަމިއްލައިން އެކަހެރިވިއެވެ. އަދި އޮޑިޓް ރިޕޯޓުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ސަސްޕެންޑު ކުރައްވައި، ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްުޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، އަމީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ނާޖާއިޒް ފައިދާ ހޯދައިދިނުމާއި، އޮޅުވާލުންތަކެއް ވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގާފައި ނުވަނެ ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

“އިޖުރާއީ ގޮތުން މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވީ ނަމަވެސް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލެއް ނުކުރަން،” އަމީން

ކޮމިޓީގައި ވެސް އަމީން ތަކުރާރުކޮށް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑާއި އެކު، އެކަން ވީ އެންމެ ބޮޑު ދަތި އެއްކަމަކަށް ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި މަޝްވަރާ ކުރި ކަމަށާއި، އެ މަޝްވަރާތަކަށްފަހު އެފަދަ ކުންފުނިތަކުގެ ލިސްޓެއް ލިބުނު ކަމަށް ވިދާޅުވެފައި ވެއެވެ.

އަމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެއީ އޭނާ އަމިއްލަ ހައިސިއްޔަތުން ކުރި މަޝްވަރާތަކެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަ މަޝްވަރާތައް ދިޔައީ ނުރަސްމީ ސިފައެއްގައި ނަމަވެސް، ފަހުން ވާހަކަތައް ބަދަކުރީ ރަސްމީކޮށް ކަމަށެވެ. އެހެން ކަމުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން ފޮނުވި އީމެއިލްއަކީ ރަސްމީ އީމެއިލްއެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ.

ފާޑުކިއުންތައް ގިނަވެ އެންމެ ފަހުން އަމީން އިސްތިއުފާ ދިނުން!

އެތައް ފާޑުކިއުންތަކާއި އެކު، މުސާރަ ހިނގާ ގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ އަމީން ދެ މަސް ދުވަހު ހުންނެވިއެވެ. އެއަށްފަހު އިސްތިއުފާ ދެއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 21 ގައެވެ. އިސްތިއުފާ ސިޓީގައި ހިޔާނާތުގެ އެއްވެސް އަަމަލެއް ހިންގާފައިވާނެ ކަމަށް ދެކޮޅު ހައްދަވާ އަމީން ވިދާޅުވީ، އޭނާ އިސްތިއުފާ ދޭ ހަމައެކަނި ސަބަބަކީ އެއީ އެވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ފެންނާތީ ކަމަށެވެ.

އަމީން ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް “ވާންކުރާ ކުރުމަކީ” ކޮންމެހެން އޭނާއަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކޭ ކަމަށެވެ. އަދި ހާލަތުން އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާދިނުންކަމަށް ގަބޫލު ކުރެވުނީ ކަމަށް ވިދާޅުވެފައި ވެއެވެ.

ކޮމިޓީއިން އެކުލަވާލި ރިޕޯޓު: “އަމީން މައުލޫމާތު ދިނީ ގަސްތުގައި އޮޅުވާލައިގެން!”

ޑިސެމްބަރު މަހުގެ 05 ގައި މައްސަލަ ބެލުމަށް ފަހު އިމްތިޔާޒް ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މައްސަލާގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ލިޔުމުން ޖަވާބު ހޯދަން އަމީނަށް ފޮނުވި ސުވާލުގެ ހެލްތު މިނިސްޓްރީން 28 އޭޕްރީލް 2020 ގައި ފޮނުވާފައިވާ ސިޓީން ދެއްވާފައިވާ މައުލޫމާތާއި 20 އޮކްޓޫބަރުގައި އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ދެއްވި މައުލޫމާތުގައި އެއްވެސް ތަފާތެއް ނެތް ކަން ފާހަގަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޯގަސްޓު 16 ގައި އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން ކޮމެޓީއަށް ދެއްވި މައުލޫމާތާ ހިލާފުކަމަށް ބުންޏެވެ.

އަދި މިނިސްޓަރު ކޮމެޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތަށް ބަލާއިރު، ވެންޓިލޭޓަރު ހޯދުމުގައި ޑަބްލިއުއެޗްއޯއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ރަސްމީކޮށް މުއާމަލާތްކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުން ކޮމިޓީއަށް ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލި ބެލުމުން، އެ އީމެއިލް އިން މުއާމަލާތްކޮށްފައި ވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެ ލިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެ ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވުނު ރަސްމީ ލިޔުމެއް ވާނަމަ އެ ލިޔުމެއް ކޮމެޓީއަށް ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، މިނިސްޓްރީން އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ކޮމެޓީ ރިޕޯޓުގައިވެ އެވެ.

އެހެންކަމުން ކޮމެޓީން އަމީން އާ ކުރިމަތިކުރުވި ސުވާލުތަކަށް އިތުރުފުޅުހައްދަވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ނިންމައިފަ އެވެ.

އަމީން މަގާމުން ދުރުކުރުން: އެމްޑީޕީގެ ޕީޖީގެ މެދުގައި ފާސްވީ އިތުބާރު އޮތް ކަމަށް!

އަމީން މަގާމުން ވަކިކުރުުމާ ގޫޅޭ ގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވީ އޮކްޓޯބަރު މަހުގެ 20 ގައެވެ.

ޕީޖީގެ ބައްދަލުވުމުގައި ޖުމްލަ 58 މެމްބަރަކު ބައިވެރި އިރު، އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެމްބަރެކެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ނަމަވެސް، ބައެއް މެމްބަރުން ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.

އެއަށްފަހު މީޑިއާތަކުގެ ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، އެމްޑީޕީގެ ޕީޖީ މެމްބަރުގެ ސޮޔާއި އެކު މަޖިލީހަށް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދިއެވެ. އޭނާ އިސްތިއުފާ ދިނީ އޭގެ ފަހުންނެވެ.

މައްސަލަ އަދިވެސް ކޮޅެއްގައި ނުޖެހި!

ބުރަކި ޖެހިފައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް، މަޖިލީހުގައި ކޮމިޝަން ރަނގަޅަށް ފަންކްޝަން ނުކުރާ ކަމާއި، އަދި ތަހުގީގު ކުރުމަށް އަމާޒުވީ ފާޑުކިއުންތަކާއި އެކު ތަހުގީގު ފުރިހަމަ ވީ ކަމަށް ބުނެ ދައުވާ ކުރުމަށް ރިޕޯޓު ވެސް ފޮނުވައިފިއެވެ. އެހެން ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ ދައުވާ ކުރެވޭ ވަރުގެ “ވަރުގަދަ” ހެއްކެއް ނެތް ކަމަށެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

ފާޑުކިއުންތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީން ވިދާޅުވީ އެ މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީގެ ރިޕޯޓުގައި ނެތް ކަމަށެވެ. ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އޭސީސީގެ ރިޕޯޓުގައި އެކަން ސާބިތު ކުރެވޭ ވަރުގެ ވާހަކައެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދިފާއަށް ބަޔާނެއް ނެރެ އޭސީސީއިން ބުނެފައިވަނީ އަމިއްލަ މަންފާއާއި، ނާޖާއިޒް ފައިދާ ހޯދަން އުޅުނުކަމުގެ ތުހުމަތުގެ ރިޕޯޓު ޕީޖީއަށް ފޮނުވާފައިވަނީ އެކަށީގެންވާ ހެއްކާއި އެކު ކަމަށެވެ.

މައްސަލަ އަލުން ރިވިއުކޮށް ދޭން އޭސީސީއިން ވަނީ އޮކްޓޯބަރު މަހުގެ 25 ގައި ހުށަހަޅާފައެވެ.

އިހުމާލުތަކެއް ވި ބިޑު ކޮމިޓީ: މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ނެތް!

އޮޑިޓު ރިޕޯޓުގެ މައްސަލައިގައި އެންމެ ފުރަތަމަ ކޮމިޓިއަށް ހާޒިރުކޮށްފައިވަނީ އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތުއެވެ. ޒިޔަތު ވެސް ވަނީ ބިޑު ކޮމިޓިން އަމަލުކޮށްފައިވާ ގޯސްކަން ފާހަގަކޮށް ކޮމިޓީގައި ވާހަކަ ދައްކަވާފައެވެ. ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި މައްސަލައިގައި ޒިޔަތު ވިދާޅުވެފައިވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ބީލަމަކާއި ނުލައި މާލިއްޔަތު ގާނޫނުގެ ތެރެއިން ކުރިޔަށް ގެންދިއުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މާލިއްޔަތު ގާނޫނުގެ ދަށުން ކުންފުނިތަކުގެ މާލީ ހާލަތު ކަށަވަރު ކުރަން ޖެހޭއިރު، މާލީ ހާލަތު ބަލާފައިނުވާކަން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

ޒިޔަތުއަށް ފަހު ކޮމިޓިއަށް އަމީން އާއި، ބިޑު ކޮމިޓިގެ މެމްބަރުންނާއި އަދި މިނިސްޓްރީގެ އިސްވެރިން ހާޒިރު ކުރިއެވެ.

ކޮމިޓީގައި ދިފާއަށް ނިޝާމާ ވިދާޅުވެފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ތިން ކުންފުންޏާއި ވެސް އެއްބަސްވުން ގާއިމްކޮށްފައިވަނީ ގަވައިދާއި އެއްގޮތަށް ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ހުއްދައަށް ކަމަށެވެ. ބިޑް ކޮމިޓީ އަށް ހުށަހެޅީ ދުބާއީ ކުންފުނި ހޮވައި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ނަމަވެސް، އެގްޒެކިއުޓާސް އާއި މުއާމަލާތް ކުރުމުގައި އެ ހާލަތުގެ ގޮތުން ބިޑް ކޮމިޓީގެ ދައުރެއް ނޯންނާނެކަމަށް ނިޝާމާ ވިދާޅުވިއެވެ.

ނިޝާމާގެ ރާގު ބަދަލުވުން: “މަންފާ ހޯދި މީހުންގެ ނަންތައް ހާމަކުރާނަން”!

އޮގަސްޓް މަހުގެ 19 ވަނަ ދުވަހު “ސިއްރު ސިޓީއެއްގެ” ގޮތުގައި ނިޝާމާ ފޮނުއްވި ސިޓީގައި ވިދާޅުވެފައވަނީ ތަހުގީގަށް މައުލޫމާތު ހިއްސާކުރެއްވުމުން ރައްކާތެރިކަން ފޯރުކޮށްދެއްވުމަށެވެ. އަދި އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ހާމަކުރެއްވުމުން ރައްކާތެރި ކަމުގެ ޔަގީން ކަމަށް އެދިވަޑައިގަންނަވާފައިވެއެވެ. ނިޝާމާގެ ސިޓީގައި ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ނިޝާމާ ވިދާޅުވެފައިވެއެވެ.

ނިޝާމާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުން އޭނާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރެއްވީ އެއްވެސް ނުބައި ނިޔަތެއް އަދި ގާނޫނާ ޚިލާފު އަމަލެއް ހިންގަވާކަށް ނޫން ކަމަށެވެ.

“ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަން، އަދި މި މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމަށްޓަކައި ގާނޫނީ ނަމްބަރު ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދެން” ނިޝާމާ

ވެންޓިލޭޓަރު ހިޔާނާތާއި އެކު ދައުލަތަށް ބޮޑު ގެއްލުމެއް!

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލާއެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށް ފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ނުވަތަ 2 މިލިއަން ޑޮލަރެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: