ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ބާއްވަން އޮތީ ކޮން ފަރުވާއެއް؟

ރިޔާސީ އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ، ރާއްޖޭގައި ކޮވިޑު ބަލި ފެތުރިދާނެކަމުގެ ބިރު ހީވެ، އޭރު އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކޮވިޑު-19 ގެ ބަލިމަޑުކަން ރާއްޖޭގައި އެއްކޮށް އާއްމު ހާލަތަކަށް ގޮސްފައި ނުވާއިރު، އަންމަ ފެބްރުއަރީ މަހުގެ ނިޔަލަށް އަނެއްކާވެސް މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައެވެ.

މިދިޔަ އަހަރުގެ މޭއި މަހު މަޖިލީހުން ފާސްކުރި ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެއެވެ. އަދި އިންތިހާބު ބޭއްވޭނީ ރާއްޖޭގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ، އެއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން ހެލްތް މިނިސްޓްރީއިން އިއުލާނު ކުރުމުން ކަމަށް ގާނޫނުގައި ވެއެވެ.

ސަންސެޓު ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނަށް ކުރިޔަށް ގެންދެވޭނީ، އިންތިހާބުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ، އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ނޫންކަމަށް ކަނޑައެޅުމުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އިންތިހާބު ތާވަލު ނުކުރެވޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ.

ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ފަހު އީސީއިން އިއުލާނު ކުރީ މާޗު 06 ގައި އިންތިހާބު ބާއްވާށެވެ. ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން ދިޔައީ، އިންތިހާބު މޭއި މަހުގެ 09 ގެ ކުރިން ބާއްވަންޖެހޭ ކަމަށާއި، ތައްޔާރީތައް ވުމަށް ވެސް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވެސް ފާހަގަކޮށްފައިވާ ގޮތުގައި، އިންތިހާބު ބޭއްވޭނެކަމުގެ ޔަގީންކަން އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެނގުން މުހިންމެވެ. އޭގެ ސަބަބަކީ ގާނޫނުގައި ބުނާ މުއްދަތުތައް، އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ދިނުމަށާއި، އަދި ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މުހިންމު ބިލްތަކެއްގެ މަސައްކަތްތައް ނިންމާ، ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ދިޔައިރު ސަރުކާރު މެމްބަރުން ދިޔައީ އިންތިހާބާއި ބެހޭ ގޮތުން ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މެމްބަރުންނަށް ފެންނަ ގޮތުގައި އަނެއްކާވެސް އިތުރު އެއް އަހަރު ދުވަހަށް ދެމިގެން ދާ ގޮތަށް، ކައުންސިލްތަކުގެ ދައުރު ދަންމާލުމުން ނިކުންނާނީ އެންމެ އެދެވޭ ނަތީޖާއެއް ނޫނެވެ. އަދި އެއީ ގާނޫނު ވެސް ތަންދޭ ކަމެއް ނޫނެވެ. އެހެން ކަމުން، އިންތިހާބު ބޭއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުންދީ، އިތުރު އިސްލާހެއް ގެންނަން ޖެހޭނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން މެމްބަރުން ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ކައުންސިލްތަކުގައި ތިބެން ޖެހޭނީ، އިންތިހާބުކޮށްފައިވާ ކައުންސިލަރުންނެވެ.

މިދިޔަ އަހަރު އިންތިހާބު ނުބޭއްވޭނެކަން ޔަގީންވުމުން، ގާނޫނު އަސާސީ އިސްލާހު ކުރުމާއި އެކު، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު މަޖިލީހަށް ހުށަހެޅުއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެވެ.

މަޖިލީހުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރީ، ކައުންސިލްތަކުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރު ކުރުމެވެ. އެގޮތުން އެ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބާއްވައި، އާ މެމްބަރުން އިންތިހާބުކޮށް، ހުވާ ކުރުމާއި ހަމައަށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި އެ މާއްދާގެ (ކ) އަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި އެއްގޮތުގެ މަތީން ކަމަށެވެ.

މި ބިލާއި އެކު ދެން ފާސްކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ބިލެވެ. ބިލް ފާސްކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބާރުތައް ހަނި ކުރުމަށްފަހު އެވެ.

އޭގެ ތެރޭގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ، ނުވަތަ އިހުތިސޯސްގެ ދަށުގައި ހިމެނޭ ބިމެއް، ނުވަތަ އިމާރާތެއް ފަދަ ރައުސްމާލެއް ހަ މަސް ދުވަހަށް ވުރެން ދިގު މުއްދަތަކަށް ވިއްކުން ނުވަތަ ކުއްޔަށް ދޫ ނުކުރެވޭނެއެވެ.

މީގެ އިތުރުން ބަޖެޓާއި ގުޅުން ހުރި މަސައްކަތްތަކުގެ އިތުރުން، ކައުންސިލް އިދާރާއިން އިންވެސްޓުމެންޓުތައް ކުރުމާއި، އަދި ކައުންސިލް އިދާރާގެ އޮނިގަނޑަށް ބަދަލުތަކެއް ނުގެނެވޭނެ ކަމަށް ވަނީ ބުނެފައެވެ. ބާރުތައް ހަނިކުރި މާއްދާގައި ބުނެފައިވަނީ، ކައުންސިލްތަކުން އެފަދަ މަސައްކަތެއް ކުރިޔަށް ގެންދާނަމަ، ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ކައުންސިލްގެ ދައުރު ދަންމާލި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން ކުރި މަސައްކަތްތަކާއި، ލިބުނު އާމްދަނީ އަދި، ކުރި ހަރަދުތަކުގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލާ އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.

މިހާރު އޮތް ހާލަތަށް ބަލާއިރު، ކުއްލި ގޮތަކަށް ސިއްހީ ކުއްލި ނުރައްކާ އުވާލައިގެން އިންތިހާބު ބޭއްވޭނެ ޖާގައެއް ނެތެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ފަސް ކޮށްފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޭޕްރިލް 3 އަށް ތާވަލު ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން އީސީން ބޭއްވި ބައްދަލުވުމުގައިކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އޭޖީ ރިފްއަތު ކުރި ޓުވީޓުގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ބިލެއް ސަރުކާރުން އެކުލަވާލައި، ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށެވެ.

ހާލަތަށް ބަލާއިރު އިންތިހާބު ދެން ބާއްވަން ޖެހޭނީ، އިތުރު ހުރަސްތަކެއް ކުރިމަތި ނުވާ ގޮތަށެވެ. އޭގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭނެކަމަށް ބުނާ މާއްދާ އުވާލުން ހިމެނެއެވެ.

އިންތިހާބު ބޭއްވުމުގެ އިހުތިޔާރު އޮންނަން ޖެހޭނީ އީސީގެ އަތް މަތީގައެވެ. މިހާރު އޮތް ގޮތަށް، “އަތް ބަނދެވިފައި” ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: