ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫއަށް ކޮވިޑު ކޭސްތައް ދިޔަ ގޮތާއި މެދު، ސުވާލު އުފެދޭ!

ދއ. ދެއްވަދޫގައި ކޮވިޑުގެ ފެތުރުން/ ފޮޓޯ: ދެއްވަދޫ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫ އާއި، ލ. ފުނަދޫއިން ކޮވިޑު-19 ގެ އިތުރު ކޭސްތަކެއް ފެނި ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރަން ޖެހިފައެވެ.

ދެއްވަދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައި މާލޭން އެ ރަށަށް ދިޔަ އާއިލާއެއްގެ ތެރެއިން ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. އާއިލާއިން ކަރަންޓީނުގެ އުސޫލާއި އެއްގޮތަށް ދުވަސް ހަމަކޮށް، ކަރަންޓީނުން ވީއްލުމުގެ ކުރިން ނެގި ސާމްޕަލްތަކުގެ ތެރެއިން ކުއްޖާގެ ސާމްޕަލް ޕޮޒިޓިވްކަމަށް އެނގިއެވެ. އެކަމަކު އޭގެ ފަހުން ރަށުގެ ސިއްހީ މަރުކަޒުން ވަނީ، އެއީ އޮޅުމެއްކަމަށް އާއިލާއަށް އަންގާފައެވެ.

އިތުބާރު ހުރި މަސްދަތުތަކުން އެކަން ޔަގީންވެއެވެ. އަދި އާއިލާއިން، ކަރަންޓީނު އުސޫލާއި ހިލާފު ނުވާކަން ވަނީ އެނގިފައެވެ.

ސާމްޕަލްތައް ނެގެޓިވްކަމަށް އެންގުމުން އާއިލާއިން، ކަރަންޓީނު ހަމަކޮށް ބޭރަށް ނިކުތެވެ. އަދި އާއިލާއާއި އަވައްޓެރިން ބަދަލުކޮށް އެ ކުއްޖާ އުރާފައި ވެއެވެ. އާއިލާއިން ގެއިން ބޭރަށް ނިކުތްފަހުން، ރަށުގެ ސިއްހީ މަރުކަޒުން އަނެއްކާވެސް އެންގީ ހަތަރު މަހުގެ ކުއްޖާގެ ސާމްޕަލް ޕޮޒިޓިވްކަމަށެވެ. އެއާއި އެކު، ތުއްތު ކުއްޖާއާއި ބައްދަލުވީ މީހުން ދެނެގަނެ އެ މީހުން އައިސޮލޭޓުކޮށް ބައްޔަށް ޓެސްޓު ކުރިއެވެ. އަދި އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވީއިރު، އޭނާއާއި ބައްދަލުވި އާއިލާގެ ހަތް މެމްބަރަކު ވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ.

ތުއްތު ކުއްޖާއާއި ކޮންޓެކްޓުވެ ބައްޔަށް ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން ބަޔަކު ވަނީ އެ އަތޮޅާއި ޖެހިގެން އޮންނަ ލ. ފުނަދުއަށް ދަތުރުކޮށްފައެވެ. އެ ރަށަށް ކޮވިޑުގެ ކޭސްތައް ދިޔަ ގޮތަކީ އެއީ އެވެ. ފުނަދޫއިން ކޮވިޑު-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ހަތަރު މީހެކެވެ. ނަމަވެސް، އެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ބައެއް ސާމްޕަލްތައް އަދިވެސް ޕެންޑިންގައި ހުރުމާއި ގުޅިގެންނެވެ.

ދެއްވަދޫއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަ ކުދިން ހިމެނެއެވެ.

އެ ރަށުގެ ކަލަސްޓާއާއި ގުޅުން ހުރި 22 މީހަކު އިއްޔެގެ ނިޔަލަށް ބައްޔަށް ޕޮޒިޓިވެފައި ވެއެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި އާދީއްތަ ދުވަހާއި ހަމައަށް 149 ކޮންޓެކްޓުން ފާހަގަކުރެވިފައި ވެއެވެ. އަދި އޭގެ ތެރެއިން 50 މީހުންނަކީ ހައި ރިސްކު މީހުންކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. ކޮންޓެކްޓުންގެ ތެރެއިން ފާހަގަކުރެވުނު 18 މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައި ވެއެވެ.

ދެއްވަދޫގައި ކޮވިޑު ފެތުރެން ފެށީ، ބަލި ޖެހުނު ތުއްތު ކުއްޖާއަށްފަހު ކަމަށް ވާހަކަ ދެކެވެނުނު ނަމަވެސް، ހެލްތް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ރަށުގައި ނޭނގި ބަލި ފެތުރޭތާ ދުވަސްތަކެއް ވެފައިވާކަމަށް ބެލެވޭކަމަށް ބުނެފައެވެ. އަދި މިއީ ސީދާ ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ނޫނަސް އެހެން ގޮތަކަށް، ޓްރާންމިޓުވީ ކޭސްއެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

“އީ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ އެމީހާގެ ފަރާތުން އެހެން މީހުންނަށް ފެތުރުނު ކަމެއްގެ ބަދަލުގައި ރަށުތެރޭގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސް ވެގެން ކޮންމެވެސް ވަރަކަށް ދުވަސްކޮޅެއް ވަންދެން ސާކިއުލޭޓްވަމުން ޓްރާސްމިޓް ވަމުން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މިފެނުނު ކޭސްތަކަށް ބަލާލުން ފެންނަނީ. އެހެން ނަމަވެސް އަދިވެސް އަޅުގަނޑުމެން ކޮންޓްކެޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ވަރަކަށް އިތުރަށް ކަންކަން ސާފުވެގެން ދާނެ” ޑރ. ނަޒްލާ ރަފީގު

މީގެ އިތުރުން އެޗްއީއޯސީއިން ވަނީ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގުމަށް އިލްތިމާސްކޮށްފައެވެ. އަދި ދެއްވަދޫއިން މި މުއްދަތުގައި އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވަނީ ބުނެފައެވެ.

ރަށުގައި ކޮވިޑު ފެތުރުނީ، ކަރަންޓީނު އުސޫލާއި ހިލާފުވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް ދެކޮޅު ހަދަނީ ޕޮޒިޓިވް ވި އާއިލާއިން އެކަންޏެއް ނޫނެވެ. އެކަމަށް އެ ރަށުގެ މީހުން ވެސް ދެބަސް ވެއެވެ. ތުއްތު ކުއްޖާގެ އައިލާއިން ތުހުމަތު ކުރާ ގޮތުގައި، އެ ރަށުގައި ކުރިން ވެސް ބަލީގެ އަލާމާތްތައް ހުރި މީހުން އުޅުނެވެ. އަދި އެ މީހުން ރަށުގެ ތެރޭގައި އުޅުނީ ޗުއްޓީއަށް އައިސްކަމަށް ބުނެއެވެ.

ދެއްވަދޫއިން އެއްވެސް ތަރުތީބެއް ނެތި، ގިނަ ސާމްޕަލްތަކެއް ނެގިއެވެ. އެތަނުން 16 މީހަކު ބައްޔަށް ޕޮޒިޓިވްވުމަކީ، އޭގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ބަޔަށް ރަށުން ދެން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، ތުއްތު ކުއްޖާ އާއި އާއިލީ އެއްވެސް ގުޅުމެއް ނެތް މީހުންނާއި، ގެއާއި ދުރު ހިސާބުގެ މީހުންތައް ވެސް ހިމެނެއެވެ.

މި ކްލަސްޓާއާއި ގުޅޭ، ދެ މީހަކު ހުޅުމާލޭގައި އެބަތިއްބެވެ. އަދި ފުނަދޫގައި ތިބީ 16 މީހެކެވެ.

ޑިސެމްބަރު މަހުގެ 25 ގެ ފަހުން ދެއްވަދޫއިން ދަތުރުކޮށްފައި އައި މީހެއްނަމަ މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ވެސް އަންގާފައި ވެއެވެ. އަދި އެ ކްލަސްޓާއާ ގުޅުންހުރި މީހުން ފެނިގެން ގަމާއި ފޮނަދޫއަށް ވެސް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: