ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި މައްސަލަތަކުގައި އިޖުރާއީ އެތައް ގޯސްތަކެއް، މިއީ ގެންގުޅޭ ވަރިހަމަ އުސޫލެއް!

ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ހޯދި މަސްތުވަތަކެތި، ފުލުުހުން ވަނީ އިޖުރާއީ އެތައް ގޯސްތަކެއް ހަދާފައި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 28 ގައެވެ. ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި، ހޯދި މަސްތުވާތަކެތީގެ މަގުމަތީ އަގު 259 މިލިއަނަށް އަރައެވެ.

މި މައްސަލަ ވެގެން ދިޔައީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެވުނު ނަމަވެސް، ދޫވެގެން ދިޔަ މައްސަލައަކަށެވެ. މަސްތުވާތަކެތީ ބޮޑެތި ނެޓުވޯކުތަކުގައި ހިމެނޭ މީހުންނާއި، އެފަދަ ކޭސްތަކުގެ މައްސަލަ ނުބެލި، ގާނޫނީ ގޮތުން ހަދާފައި ހުންނަ ގޯސްތަކުން ދޫވާ ވާހަކައިގެ އަޑުތައް ގަދަވެފައިވަނިކޮށް، މި މައްސަލަ ވެސް ވީ އޭގެ ތެރެއިން އެއް ފިލްމަށެވެ.

މަސްތުވާތަކެއްޗާއި، ސީރިއަސް އެތައް މައްސަލައެއް ކޯޓަށް ވެއްދިޔަސް، އޭގެ ފަހަތުގައި ހިންގާފައި ހުރި ގޯސްތައް އެނގެނީ އެ މަރުހަލާގެ ތެރެއިންނެވެ. އިޖުރާއަތްތަކާއި ހިލާފަށް ތަހުގީގަށް ހެކި ހޯދުމާއި، އަދި މީހުން ހައްޔަރު ކުރުމުގެ ސަބަބުން މަސްތުވާތަކެތީގެ ބޮޑުން ދޫވެފައި އެބަހުއްޓެވެ.

ދާދިފަހުން ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އެއް މައްސަލައަކީ ވެސް އެފަދަ މައްސަލައެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެ މީހަކު އުޅޭ ނޫޅޭ ގޮތް ބެލުމަށްފަހު އޭނާ މަގުމަތީން ދަނިކޮށް ހުއްޓުވިއެވެ. އަދި ސައިކަލުގައި ދިޔަ އެ ދެ މީހުން ފާސް ކުރުމުގެ ތެރޭގައި، ޖީބުގެ ތެރެއިން ފެނުނު ތަޅުދަނޑިއެއް ބޭނުންކޮށް އިމާރާތެއްގެ ތެރެއަށް ކޯޓު އަމުރެއް ނެތި ވަދެ، ބަލާ ފާސް ކުރިއެވެ. އަދި އޮފީސް މަސައްކަތްތައް ކުރިޔަށް ގެންދާ، އެ އެޕާޓްމެންޓުން މަސްތުވާތަކެތި ފެނުނެވެ.

މަގުމަތީން ދިޔަ އެ ދެ މީހުން ހުއްޓުވީ ކުށެއް ކުރަނިކޮށެއް ނޫނެވެ. އެއަށްފަހު ކުރިޔަށް ގެންދިޔަ ތަހުގީގުގެ ތެރެއިން، މަސްތުވާތަކެތީން އޭނާގެ އިނގިލީގެ ނިޝާން ފެނިފައި ވެއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު އުމުރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް، ހައިކޯޓުން 2014 ވަނަ އަހަރު އެ މައްސަލަ ބާތިލު ކުރިއެވެ. އަދި ދައުލަތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރީއެވެ.

މިއީ އަދި އެންމެ މިސާލެވެ. ކިތަންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެއް އަތުލައިގަތަސް، އިޖުރާއަތްތައް ހަމަ ނުކުރުން އެއީ، ފުލުހުންގެ ވަރިހަމަ އުސޫލެވެ.

މީޑިއާތަކުގައި އެންމެ ބޮޑަށް މިވަގުތު ދެކެވެމުން ދަނީ، ގދ. ހުޅުވާރުލުގައި ވަޅުލާފައި ވަނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގެ ވާހަކައެވެ. ދައުވާކޮށް ދިނުމަށް އެދި ފުލުހުން ފޮނުވި ފަސް މީހެއްގެ ތެރެއިން، ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް އެންމެ ފުރަތަމަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެހެން ނަމަވެސް، ދައުވާ ކުރުމަށް ފޮނުވީ، ޖިނައީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ކުރަން ޖެހޭނެކަމަށް ބުނާ މުއްދަތުގެ އެއް ދުވަސް ފަހުންނެވެ.

މި މައްސަލައަކީ މެޖިސްޓްރޭޓު ކޯޓުގެ އިހްތިސާސް ހިނގާ މައްސަލައަކަށްވާއިރު، ކްރިމިނަލް ކޯޓަށް ދައުލަތުން ތަހުގީގު ބަޔާންތަކުގެ އަސްލު ހުށަނާޅައެވެ. ދައުލަތުން އަނެއްކާވެސް ކްރިމަލް ކޯޓަށް މައްސަލަ ރިވިއުކޮށްދޭން އެދި ހުށަހެޅީ، ތަހުގީގު ތާރީހުތަކުގެ ފަހުން ލިޔެފައިވާ ބަޔާންތަކެކެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިނުގަތުމުން، ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެއެވެ.

ޕީޖީ އޮފީހުން ދެން އެ މައްސަލަ ފޮނުވީ ގައްދޫ މެޖިސްޓްރޭޓު ކޯޓަށް ނަމަވެސް، އޭރު ދައުވާ ކުރުމުގެ މުއްދަތު ހަމަވިތާ ދެ މަސް ދުވަސް ވެއްޖެއެވެ. ދައުލަތުން ގައްދޫ ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް މުއްދަތު ހަމަވީކަން އެނގެން ވާނެއެވެ. އަދި ހައިކޯޓުން މިފަދަ މައްސަލަތަކުގައި މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް، ދައުލަތުން ސަމާލުކަން ދީފައި ނުވުމަކީ ކަންބޮޑުވުމެކެވެ.

ތަހުގީގީ މުވައްސަސާތަކުގެ ހަގީގީ ތަހުގީގީ ފެންވަރާއި، ބޭނުން ގޮތަކަށް މަސައްކަތް ކުރިކަން އެނގިގެން ދިޔައީ ވެސް މި މައްސަލައިގައެވެ.

ހުޅުވާރުލަށް މަސްތުވާތަކެތި ގެނެސް، ރަށަށް ބާލުވައި އެ ވަޅުލިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. ފަޅު ރަށާއި ހަމައަށް އެ މީހުން މަސްތުވާތަކެތި ގެންގޮސްފައިވަނީ، ލޯންޗެއްގައެވެ. އެއަށްފަހު ރަށަށް އެރީ ޑިންގީއެގައެވެ. ނަމަވެސް މައްސަލައިގައި އެ މީހުން ހައްޔަރު ކުރިއިރު ޑިންގީންނާއި، ލޯންޗުން ވެސް މަސްތުވަތަކެތީގެ އަސަރެއް ފެނިފައި ނުވެއެވެ. ރަށުގައި ވަޅުލާފައި ހުރި މަސްތުވަތަކެތި ހޯދާފައިވަނީ ތަހުގީގަށް އެ މީހުން ދިން މައުލޫމާތުތަކުގެ މައްޗަށެވެ.

މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ އެ ގެ ބަލާ ފާސްކުރުމަށްފަހު، އެ ގެއިން ބަޔަކު ހައްޔަރު ކުރިއެވެ. ހުކުމުގައި ބުނެފައިވަނީ ފުލުހުން ހެކި ހޯދާފައިވަނީ، ގާނޫނާއި ހިލާފަށް ކަމަށެވެ.

އެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ މަސްތުވަތަކެތި ހޯދާފައިވަނީ، ހައްޔަރު ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިޖެންސްއަށް ލިބުމުން، އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ހޯދިއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ދެއްކި ވާހަކަތަށް އެންމެ ފުރަތަމަ ބަލާ ފާސްކުރީ ގދ. ބަކައްތާ ކިޔާ ފަޅު ރަށެކެވެ. ނަމަވެސް އެ ރަށުން މަސްތުވާތަކެތި ނުފެނުމުން އަނެއްކާވެސް އިތުރަށް ސުވާލުކޮށް ލިބުނު މައުލޫމާތާއި އެކު ހުޅުވާރުލު ބަލާ ފާސް ކުރީއެވެ.

ކޯޓު އަމުރަކާއި ނުލާ ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ، މަސްތުވާތަކެތި ހުރިތަން ފުލުހުންނަށް ކިޔައިދިން މީހުންކަމަށް ދައުވާ ފޯމުގައި ވެއެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، އެ ގެއަށް ވަދެފައިވަނީ ގޭގެ ވެރިމީހާގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާހަކަ ސާބިތުކުރެވޭނެ ހެއްކެއް ނެތެވެ.

މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އެ ދެ މީހުން ގޮވައިގެންނެވެ. ނަމަވެސް އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ އެއް ދުވަސްވީއިރު ވެސް ބަންދުގެ މުއްދަތެއް ޖަހާފައި ނުވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރާ މީހެއް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި ބަންދާއި މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެއެވެ. އަދި ހައްޔަރު ކުރަން ޖެހޭ އުސޫލުން ނޫން، އެހެން ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހެއްނަމަ އެ މީހެއް ބެހެއްޓޭނީ 04 ގަޑިއިރަށެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނަނީ، އެ މީހުން ހައްޔަރު ނުކުރާ ކަމަށެވެ. އަދި މަސްތުވާތަކެތި ހޯދުމަށް އެ މީހުން ބައިވެރިކުރީ، ހައްޔަރު ކުރުމަށް ނުވާގޮތަށް ކަމަށް ބުންޏަސް އެއީ ގާނޫނު ދަންނަ ވާހަކައެއް ނޫނެވެ. ސަބަބަކީ އެފަދަ ހާލަތެއްގައި ވެސް މީހާ ބެހެއްޓޭނެ ކަމަށް ބުނާ 04 ގަޑިއިރު ވެސް ފާއިތުވާތީއެވެ.

މަސްތުވާތަކެތި ހުރިތަން ކިޔައިދިނީ އެ މީހުންކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޮޕަރޭޝަނަށް އެ މީހުން ގެންދިޔައީ ކޮން އުސޫލެއްގެ ތެރެއިންކަން ސާފުކޮށް ނުދެއެވެ. އަނގަބަހުން ކުރި މުއާމަލާތެއް ނޫނީ، އިތުރު ވާހަކައެއް ދެކެވިފައި ނެތެވެ. އަދި އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަމާއި، ގާނޫނީ އިންޒާރު ދިނުން ހިމެނެއެވެ.

ފުލުހުން ހެދި ފުރަތަމަ ގޯހަކީ، ކޯޓު އަމުރެއް ނެތި ގެއެއް ބަލާ ފާސް ކުރުމެވެ. އެއަށްފަހު އެ ގެއިން ދެ މީހުން “ހައްޔަރަކަށް ނުވާ ބަންދަކަށް” ގެންދިއުމެވެ. އެއަށްފަހު ހެކި ހޯދުމެވެ. ނަމަވެސް އެ ބެލެވޭނީ ޣައިރު ގާނޫނީ ހެކީގެ ގޮތުގައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ، އަސާސީ މާއްދާތަކަށް ފުލުހުންނަށް އަމަލު ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާ، ޕީޖީއިން އިއްޔެ ވަނީ މީޑިއާތަކާއި އެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިފަދަ ފަރުވާކުޑަ އަމަލުތައް، “ފޮތް ނުކިޔާތީ” އޭ ބުނެ ނިންމާނުލެވޭނެއެވެ.

މިއީ ކިތަންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައަކަސް، އިޖުރާއަތްތަކާއި ހިލާފު އަމަލުތަކާއި އެކު ކޯޓަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި ޣައިރު ގާނޫނީ ހެއްކެއް ކޯޓުން ބަލައި ނުގަންނާނެއެވެ.

ފަހަކަށް އައިސް އިސްތިއުނާފުގެ ގިނަ މައްސަލަތަކުން ފެންނަނީ ދައުލަތުގެ ގޯސްތަކެވެ. ފަނޑިޔާރުންގެ އެތައް ސުވާލެއް ފުލުހުންނާއި، ދައުލަތަށް އަމާޒުވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތަށް ތަހުގީގުތައް ކުރިޔަށް ނުގެންދާތީއެވެ. ކޮންމެވެސް އެއް ދިމާލަކުން، ވަރިހަމަކޮށްލުމުގެ ސަބަބުން އެތައް މައްސަލައެއް މަތީ ކޯޓުތަކުން ބާތިލުކޮށްފައި އެބަހުއްޓެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: