ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް ނުބެލުނު، އޮތީ ފެއިލްވެފައިވާ ނިޒާމެއް!

ޖިންްސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ވާހަކަތަކާއި އެކު، އެއަށް ވުރެ ނުރައްކާތެރި ވަބާއެއްގެ ވާހަކަތައް މީޑިއާތަކުގެ ފަލަ ސުރުހީގައި އޮތެވެ. އެއީ އަނިޔާގެ ވާހަކަތަކެވެ. ކުޑަކުދިންގެ މުސްތަގުބަލް އެއްކޮށް ހަލާކުކުރަމުން ދިޔައިރު، ފެއިލްވެފައި އޮތް ނިޒާމެއްގެ ވާހަކަތަކެވެ.

އަހަރު ފެށިގެން އައިތަނާހެން، މީޑިއާތަކާއި ދިވެހި އެތައް ބައެއް ސިއްސުވާލީ ދެ އަހަރު ވެސް ނުވާ ކުޑަ ކުއްޖަކަށް އާއިލާގެ ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނާކުރި ހަބަރާއި އެކު އެވެ. މީޑިއާތަކުގެ ފަލަ ސުރުހީއަށް މި ވާހަކަތައް އަންނަން ޖެހުނީ ކުއްޖާގެ އާއިލާގެ މެމްބަރަކު އެ ވާހަކަތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއި ހަމައިނެވެ. އެހާ ހިސާބުން ދައުލަތުގެ ކަމާއި ގުޅުން ހުރި މުވައްސަސާތައް އަވަސް ވެގަތީ، އެ ކޭސްއަށް އެޓެންޑުވުމަށެވެ. މީޑިއާތަކުން އަވަސް ވެގަތީ، އެ ކޭސްއަށް އިންސާފެއް ހޯދޭނެ މަގެއް ތަނަވަސް ކުރުމަށެވެ.

ތަފާތު އެކި ގޮތްގޮތުން ހޯދި މައުލޫމާތުތަކުން އެނގިގެން ދިޔައީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު އެއީ، މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމެވެ. އެހެން ނަމަވެސް “އުމުރަށް ރިއާޔަތްކޮށް” އޭނާ ބަންދުން ދޫކޮށްފައި ބެހެއްޓީއެވެ.

މި ވާހަކަތައް ރަސްމީގޮތެއްގައި ފުލުހުން ހާމަކުރީ، އޭރު ޖެންޑާރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފާއި އަދި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ޕްރެސްކޮންފަރެންސްގައި ނޫސްވެރިން ވެސް ކެކި އަރައިގެން ދިޔައެވެ. އެއް ފަހަރާ އެތައް ސުވާލެއް އަމާޒުކޮށް، ދައުލަތުގެ އިދާރާގެ ބޮޑު ފެއިލިއާ އަކާއި އެކު ދެން އެންމެ ރަނގަޅީ މަގާމުން ވެސް ދުރުވުން ނޫންތޯ ބައެއް ނޫސްވެރިން ފާހަގަ ކުރިއެވެ. މިއީ ޖިންސީ ގޯނާގެ މައްސަލަތައް ބަލާ ތަހުގީގު ކުރުމާއި، އެއަށް ފިޔަވަޅު އެޅުމުގައި ދައުލަތުގައި އިދާރާތްތަކުން ކުރާ މަސައްކަތްތަކުގެ ދޯދިޔާ މިންވަރު ދައްކައިދޭ އެއް މިސާލެވެ.

މި މައްސަލައަށް އެއް އަހަރު ވީއެވެ. މުވައްސަސާއެއް ކަންބޮޑުވާން ހީއެއް ނުވެއެވެ. ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްސަލަ ގޮސްފައިވާ ހިސާބެއް ނޭނގެއެވެ.

2013 ވަނަ އަހަރުގެ ތެރޭގައި، ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ މެޖިސްޓްރޭޓު ކޯޓުން 2016 ގައި ހުކުމް އިއްވިއެވެ. އެހެން ނަމަވެސް ހަމަ މިދެންނެވި މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ހައިކޯޓުން ބާތިލު ކުރިއެވެ. މި މައްސަލަ އޭރު ކޯޓުން ބާތިލުކޮށްފައިވަނީ ކުށް ސާބިތު ކުރުމަށް ބޭނުން ކުރާ ހެއްކެއްގެ ގޮތުގައި ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް ކުއްޖާ ދޭ ބަޔާން ހެއްކެއްގެ ގޮތުގައި ނުނެގޭނެ ކަމަށް ބުނެއެވެ. އޭގެ ތެރޭގައި ކުއްޖާ މައިންބަފައިންނަށް، ގާތް މީހަކަށް ނުވަތަ ގާތް ރަހުމަތްތެރިއަކަށް ނުވަތަ ސިއްހީ ހިދުމަތްތެރިންނާއި، ފުލުހަކަށް ދޭ ބަޔާން ހިމެނެއެވެ.

މި ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން މައްސަލައިގެ ގޮތެއް ނިންމީ މި އަހަރުގެ ތެރޭގައެވެ. ކުއްޖާއާއި މެދު ކަން ހިނގައިދިޔަ ގޮތް ކިޔައިދިނުން އެއީ ހެއްކެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އެ ހުކުމުގައި ވަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށް ކަނޑައެޅިފައިވާ މި ނިޒާމު ރޫޅިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގާނޫނު ހެދުމުގެ ކުރިން ދިމާވެފައި އޮތް މައްސަލަ ކަމުގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން އަނެއްކާވެސް އުނދަގޫވެގެން ގޮސްފައިވާ ކަން އެ ފަހުން ކޯޓުތަކުން ނިންމި ގަޒިއްޔާތަކުން އެނގޭ ކަމަށެވެ.

މި ނޫން ވެސް އެތައް ބޮޑެތި މައްސަލަތަކާއި ގުޅިގެން ހައިކޯޓުންނާއި، ސުޕްރީމް ކޯޓުން ބޮޑެތި ނިންމުންތައް ނިންމާފައި އެބަހުއްޓެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ފުލުފުލުގައި އުފެދިގެން އައި މައްސަލަތަކަކީ ދުވަސްވެ ދިގުލައިގެން ގޮސްފައި ހުރި މައްސަލަތަކެކެވެ. ކޭސް ރިޕޯޓު ކުރުމުން ރަށަށް ޖެންޑާރ އާއި ފުލުހުންގެ ޓީމެއް ދިއުމަށްފަހު ބަޔާނެއް ނަގާ އެހާ ހިސާބުން މައްސަލަ ހިނދާލަނީއެވެ. ރާއްޖޭގެ ގާނޫނީ ނިޒާމު އޮތް ހާލަތަކީ މިފަދަ މައްސަލައެއް ހުށަހެޅުނަސް، ބެލޭނެ ގޮތެއް ނެތް ކަމަށް ބައެއް މީހުން ގަބޫލު ކުރުމެވެ. ބައެއް މީހުން އެއީ މާ ބޮޑުކަމަކަށް ނަހަދާ އަޅާ ނުލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާރ ކޮމިޓީއަށް ކަމާއި ގުޅޭ މުވައްސަސާތައް އެއްފަހަރާ ހާޒިރު ކުރިއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭޖެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ޖެންޑާރ މިނިސްޓްރީގެ އިސް ބޭފުޅުން ފުލުހުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އަދި އެފްޕީޑީ ހިމެނެއެވެ. މިއަދު އޭގެއިން މުވައްސަސާއެއްގެ އަޑެއް ނީވެއެވެ.

މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ލައްކަ ގިނައިން މުވައްސަސާތަކުގެ ފަހަތުން ދުވެވިއްޖެއެވެ. ޖެންޑާރ މިނިސްޓްރީ އާއި، ފުލުހުންގެ މީޑިއާ ގްރޫޕް ފުރިފައި އޮންނަނީ ނޫސްވެރިންގެ ސުވާލުތަކުންނެވެ. ހިރުވާތަން ކަހާވެސް ނުލާއިރު، އޭގެއިން އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުދެއްވައެވެ. މީޑިއާތަކުން މައްސަލައެއް ފެންމަތި ކުރުމުން ނޫން ގޮތަކަށް، ކޭސްއަކަށް އެޓެންޑެއް ނުވެއެވެ.

ކޮންމެ މުވައްސަސާއެއް ވެސް ބެލީ، އެހެން އިދާރާރާތަކުގެ ބޮލުގައި ޒިންމާ އަޅުވާށެވެ. ނޫނީ މުވައްޒަފުން މަދުވުމުގެ ވާހަކަތަކެވެ. ކޭސް ވޯކަރުންގެ އަތުގައި އެތައް މައްސަލައެއް އޮތްކަމުގެ ޝަކުވާތަކެއް ވެސް ކުރެއެވެ. އެއްވެސް ބައެއް ޒިންމާއެއް ނަގާ، އިހުމާލުތަކެއް އޮތްކަން ގަބޫލު ކުރަން ނޫޅުނެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި 1990 އިން ފެށިގެން ގާނޫނެއް ވުޖޫދު ކުރެވިފައި އޮތް ނަމަވެސް އެ ގާނޫނުން ކުޑަކުދިންނަށް ލިބުނު ހަމަ އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. އަނިޔާ ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަނިޔާތައް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް ކުރިން އަމަލު ކުރަމުން ދިޔަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އުވާލާ މިހާރު ވަނީ އައު ގާނޫނެއް ވުޖޫދު ކުރެވިފައެވެ. ކުޑަކުދިންގެ ހައްގިތައް ރައްކާތެރި ކުރުމުގެ އައު ގާނޫނެއް ވުޖޫދު ކުރެވުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އައު ގާނޫނަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މީގެއިން އެއްވެސް ގާނޫނެއް ތަންފީޒެއް ނުކުރެވެއެވެ. ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި، އަދި މި މައްސަލަތައް ކޯޓުގައި ދިގުލައިފައިވާ މިންވަރު ކޯޓުގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްއިން ވެސް އެނގޭނެއެވެ. އިސްތިއުނާފު މައްސަލައެއްނަމަ، އެނގެނީ ދައުލަތުގެ ދޯހަޅި ނިޒާމުތަކާއި، ވަރިހަމަކަން އިންތިހާއަށް އޮތް މިންވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: