ގއ. މާމެންދޫގައި މާރާމާރީއެއް ހިންްްގާ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި ހަބަރާއެކު ރަށުގެ ތެރޭގައި ދަނީ ތަފާތު ގޮތް ގޮތަށް މި ވާހަކަ ދެކެވެމުންނެވެ.
މަންޒަރު ދުށް މީހަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ”ސަންގަށް“ މައުލޫމާތު ދެމުން ބުނީ މަރުވި އުދައްޔުގެ ބޮލަށް އެޅިގަލަކުން ހަމަލާދީ، ވަޅިންވެސް ހަމަލާދީފައިވާކަމަށެެެެވެ.
އަދި އުދައްޔުގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރަށް ވެސް ހަމަލާ ދިނެވެ. ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
”ފިރުޝާން އަށް އަދި ނުވެސް އިނގޭނެ ކޮއްކޮ މަރުވި ކަމެއް ވެސް“ އާއިލާ އާއި ހަވާލާދީ އެރަށުން ސަންގަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އޭނާ އިތުރަށް ކިޔާ ދިން ގޮތުގައި ބޭބެ ފިރުޝާނަށް ހަމަލާ ދިނީ އުދައްޔު ރޯ އަޑުފައްގަނޑު އިވި ގެއިން ނިކުމެ އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.
ރަށުގެ ބައެއް މީހުން ލަފާކުރާ ގޮތުގައި ސަބަބު ގުޅިފައި އޮތީ މަސްތުވާތަކެއްޗާ އެވެ. ދެ ގްރޫޕުން ރޭ ހަމަލައަށް ނުކުތް އިރު ވެސް ބައެއް މީހުން ތިބީ ހަމަހޭވެރިކަމުގައި ނޫން ކަމަށް ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

