ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހްލާސްތެރިކަން ނެތްނަމަ، ފްލައިން ސްކޫލް މައްސަލަ ހައްލުނުވާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތްނަމަ އައްޑޫ ސިޓީގައި ހިންގަމުންދާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިޔަވަމުންދާ ދަރިވަރުންގެ މައްސަލަތައް ހައްލުނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީ ފްލައިން ސްކޫލްގެ މައްސަލާގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއިން މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ވަނީ ހުށައަޅާފައެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިމައްސަލަ ވީހާވެސް އަވަހަށް ކުރިއަށްގެންދިޔުމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށާއި މިކަމުގައި ރައީސްގެ އެހީތެރިކަން ލިބުނުކަމަށެވެ. އަދި މިމައްސަލަ ކުރިއަށްގެންދިޔުމަށް މަޖިލީހުގެ ރައީސް ކޮމެޓީތަކަށްވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ.

ކޮމެޓީއިން ރިޕޯޓް ތައްޔާރުކުރެއްވުމުގައި، މަސައްކަތް ކުރިއަށްގެންދިޔަ ގޮތާއިމެދުވެސް ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކޮމެޓީއިން ހުށައަޅާފައިވާ ހުށައެޅުންތަކަށްވެސް ފުރިހަމައަށް ތާއީދުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ސުވާލު އުފެދޭ ބައެއް ކަންކަން އަދިވެސް އެބަހުރިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން، ރަނގަޅު ހުށައެޅުންތަކެއް ހުރިކަމުގައިވިޔަސް މިކަންކަން ތަންފީޒު ކުރެވޭނެ ކަމާއިމެދު ސުވާލު އުފެދޭކަމަށް މެމްބަރު ވިދާޅުވިއެވެ. މަޖިލީހުން ކަންތައްތަކެއް ނިންމި ކަމުގައިވިޔަސް، މިހާތަނަށް އައިއިރުވެސް ސްކޫލްގެ އެއްވެސް ކަމަކަށް ހެޔޮ ބަދަލެއް އައިސްފައިނުވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

“މީގެ ދެތިން ދުވަސް ކުރިންވެސް، ގުޅާލިން ދެތިން ދަރިވަރަކާއި. އެއްވެސް ކަމެއް ބަދަލުނުވާކަމަށް ދަރިވަރުން ފާހަގަކުރި” އާދަމް ޝަރީފް

މީގެ އިތުރަށް، މިކަމުގައި ސަރުކާރުން އިސްނަގައިގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. މިހާ ބޮޑު މައްސަލައަކަށް، މިއަށްވުރެ ހަރުދަނާކަމާއި ޒިންމާދާރުކަމާއިއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލައިލާއިރު، ނުރަނގަޅު ކަންތަކުގެ ގޮތުގައި ޖުމްލަ 14 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ދަރިވަރުން އަތުން ޑޮލަރުން ފީ ނަގަމުން ދިޔުމާއި، ހޭދަވާނެ ކަމަށް ބުނި މުއްދަތަށްވުރެ މާ ގިނަ ދުވަސް ކޯސް ނިންމުމުގައި ހޭދަކުރަން ޖެހުމާއި، ދަރިވަރުންނާއެކު ކުރާ މާލީ މުއާމަލާތްތަކުގެ ތަފްސީލްތައް ބެލެހެއްޓިފައި ނެތްކަމަށް ކޮމެޓީއިން ވަނީ ފާހަގަކޮށްފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންނާއިމެދު އެންމެ ގޯސްކޮށް ކަންތައް ހިނގާފައިވާ ދުވަސްވަރު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވެސް އެންމެ ޒިންމާދާރުކޮށް އަމަލުކޮށްފައިނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ފްލައިން ސްކޫލެއް އޮޕަރޭޓްކުރުމުގެ ގާބިލްކަން އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިގައި ނެތްކަމަށާއި ސަރުކާރުން އަންގާފައިވާ އެއްވެސް އެންގުމަކަށްވެސް އިޖާބަ ދީފައިނުވާކަމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެޓީތަކުން ހުށައަޅާ ހުށައެޅުންތަކުގެ ގޮތުގައި ޖުމްލަ 5 ކަމެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މިކަމާއި ގުޅިގެން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމާއި، ދަރިވަރުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ސަރުކާރުން ހޯދައިދިނުމާއި، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން ޖަވާބުދާރީކުރުވައި ފިޔަވަޅު އެޅުމަށް ކޮމެޓީއިން ވަނީ ހުށައަޅާފައެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އިންސްޓިޓިއުޓްތަކަށް ހުއްދަ ދޭއިރު އެކަށީގެންވާ ގަވާއިދުތައް ހެދުމަށްފަހު ގަވާއިދުތަކުގެ ދަށުން ހުއްދަ ދޫކުރުމަށް ވަނީ ގޮވާލާފައެވެ. އަދި މިފަދަ އިންޓަނޭޝަނަލް ފްލައިން ސްކޫލެއް ވީހާވެސް އަވަހަށް ރާއްޖޭގައި ގާއިމްކުރުމަށްވެސް ވަނީ ކޮމެޓީއިން ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: