ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގަތުމަށް ނިންމިކަން މިއަދު ހައިކޯޓުން އެ އޮފީހަށް އަންގާފައިވާ ކަމަށެވެ.
ހައިކޯޓުން ބުނީ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތީ ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުން މައްސަލަ ހުށަހެޅުމުން ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދު ފުރުމުގެ ޒިންމާ ނަގައި ކަމާ ބެހޭ ލިޔުމުގައި ސޮއިކުރައްވާފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ސޮއިކުރެއްވި ލިޔުމުގައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

