ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު ގޯސްވަމުންދާއިރު ވެސް ގައުމުގެ ވެރިން ނުފެންނަކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނުރުހުންފާޅުކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި، ހާލަތު ގޯސްވަމުންދާތީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖްކުރަން ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައި ވިޔަސް އެކަމުގެ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. ބަލިމަޑުކަން ފެތުރި ރާއްޖޭގެ 70 ރަށް ބަންދުކޮށްފައިވާ ކަަމަށާއި އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާތީ އަވަސް ފިޔަވަޅުއަޅަން އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.
ސައީދު ވަނީ ދައުލަތުގެ އާމްދަނީގެ ބޮޑުބަޔަކާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ 2020 އިން ފެށިގެން ކޯވިޑްގެ ވަސީލަތްތައް ގާއިމްކޮށްް އިންތިޒާމްތައް ރަނގަޅުކުރުމަށް ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ބުނަމުންދާއިރު ރައްޔިތުންނަށް އެކަމުގެ މަންފާއެއް ނުލިބި ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
މައްސަލައިގެ ބަހުސް މަރުހަލާގައި ވަހީދު ވިދާޅުވީ، ގައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް ސަނާކިޔައި ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކުމުން އެއީ ރައްޔިތުން ބަލައިގަންނާނެ ވާހަކައެއްގެ ގޮތުގައި ގަބޫލު ނުކުރައްވާކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ކޮވިޑުގެ ބަލީގައި އެތައް ބަޔަކު ނިޔާވެ، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވާނީ ވެރިންގެ މަސައްކަތް ގާތުން ފެނުންކަމަށެވެ. އަދި އެ ވެރިން ރައްޔިތުންނާއި ބައްދަލުކޮށް ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ.
”ރައްޔިތުން ބޭނުންވޭ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ލިބުނީމާ ބެހެއްޓިވަރުގެ ޝައުގުވެރިކަމެއް… އެއީ އުފާވެރި ހާލަތެއް…. އެއަށްވުރެ މާ ނުތަނަވަސް، މާ ބިރުވެރި ހާލަތަކަށް އައިމަވެސް ފެންނާނެ ކަމަށް“ ވަހީދު
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑުގެ ބަލި ފެނި، އޭރު ކުރި މަސައްކަތްތައް ރަނގަޅުކަން ފާހަގަކޮށް ވަހީދު ވިދާޅުވީ މިހާރު އެ މަންޒަރެއް ނުފެންނަ ކަމަށެވެ. ބައްޔާއި ދެކޮޅަށް މަސައްކަތް ކުރެވެން ހުރީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެ ކެޕޭސިޓީ އިތުރު ނުކުރެވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މިވަގުތު ރާއްޖޭގެ ކޮވިޑުގެ ހާލަތަކީ ކޮބައިކަން ހާމަކޮށް ސާފު މައުލޫމާތުތައް ބޭނުންވާއިރު، އެ ކަން ރައްޔިތުންނަށް ހާމަކޮށްދެނީ އިސްވެރިން ކަމުގައި ވުމަކީ ރައްޔިތުންގެ ހިތަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށެވެ. އޭގެ މިސާލެއް ނަންގަވާ، ވަހީދު ވިދާޅުވީ އާއިލާގެ މީހަކު ނިޔާވެ ދިއުމާއި އެކު ކޮންމެ މީހަކު ވެސް އުންމީދު ކުރަނީ އާއިލާގެ އެހެން މެމްބަރުން ގާތުގައި ހިތްވަރު ދޭން ތިބުން ކަމަށެވެ. ހަމަ އެބީދައިން ގައުމަށް ޖެހިފައިވާ ހާލަތުގައި ގައުމުގެ ވެރިންގެ އަޅާލުން ބޭނުންވާނެކަމަށް ވަހީދު ވިދާޅުވި އެވެ.
”އަޅުގަނޑަށް އެނގޭ އެޗްޕީއޭއިން ޕްރެސްތައް ބާއްވާ ކޮންމެ ރެއަކު ވެސް. އެކަމަކު އެއަށްވުރެ މަތީ ފަންތީގެ ބޭފުޅުން… އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ނިއުޒިލޭންޑު އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ ދުވަހަކު އެ ގައުމުގެ ވެރިން އަރުއްވައި އެބަ ޕްރެސްތައް ދެއްވާ… ރައީސް އެބަ ބައްދަލު ކުރޭ… އެމެރިކާގައި މިކަން ދިމާވިއިރު އެންމެ ފުރަތަމަ… އެ ގައުގެ ގަވަނަރު… ނިއުޒިލޭންޑު ފަދަ ގައުމުތަކުގައި… އެހެންވީމާ މި ސީރިއަސްކަން ދޭކަން… ބޭނުންވާ ކަންކަން… ހައްލަށް މަސައްކަތް ކުރާކަން، ރައްޔިތުންނަށް ފެނުން އެއީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ތަސައްލީ. އެ މަންޒަރެއް ނުފެނޭ“ ވަހީދު
ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކަވަމުން ވަހީދު ވަނީ، މިއީ ހުސްއެކަނި އަދަދުތަކެއް ނޫން ކަމަށެވެ. މިއީ ކޮންމެސް މީހެއްގެ އާއިލާއެއް ކަމަށާއި، އެތައް ބައެއްގެ ލޯބި އާއިލާއިން ލިބިފައިވާ ފުރާނައެއް ކަމަށެވެ.
އެހެންކަމުން، ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ސާފުކޮށް ފެންނަން ޖެހޭނެކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެ ގާބިލުކަން ނެތް ނަމަ ބޭރުގެ އެހީތައް ހޯދުމަށް ކުރާ މަސައްކަތްތަކާއި މެދު ވަހީދު ސުވާލު އުފެއްދެވި އެވެ.
ވައްޑެ ވެރިން ނުފެންނަ ކަމަށް ބުނެ ވާހަކަ ދެއްކެވިއިރު، އެއްވެސް ބޭފުޅެއްގެ ނަމެއް ބޭނުމެއް ނުކުރައްވަ އެވެ. އަދި މަގާމެއްގެ ނަން ވެސް ބޭނުން ނުކުރައްވަ އެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަވްތާ ބައެއް މެމްބަރުން ވަނީ، ގޯސްތަކެއް ހެދިފައިވާކަން ގަބޫލުކޮށް އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ގޮވާލާފަ އެވެ. އަދި ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭކަން މެމްބަރުން ފާހަގަ ކުރި އެވެ.
ގިނަ ބައެއްގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މީޑިއާތަކާއި ބައްދަލު ނުކުރައްވާތީ އެވެ. އަދި ރައީސް ކޮވިޑުގެ ހާލަތާއި ގުޅޭގޮތުން ހާއްސަކޮށް މި އަހަރު ފެށުނު ފަހުން ވެސް ވާހަކައެއް ނުދައްކަވަ އެވެ. ގިނަ ބަޔަކު ދަނީ، ރައީސް ސޯލިހު ނިކުމެވަޑައިގެން ގައުމުގެ ހާލަތު ރަނގަޅަށް ބަޔާންކޮށްދޭންޖެހޭކަން ފާހަގަކޮށްފައެވެ.


2 Responses
ހައްހައް ވައްޑޭ ކަލޭމެން ގަޢުމުގެ ލަގަންދީފަ ހުރީ މުސްކުޅިވެފަ ހުރި ކުޑަކުއްޖަކައް އެސޮރު ލަގަން ދޫކޮށްލާފް ބޮނދާ އޮތީ ހައްހައް ކަނޑުކޮސް މީހުން ޔެލޯފޯސް
އިންޑިޔާ ދޭވއެހީ ނޫނީ ބަެނުމެއްނެތޯ