ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރާއްޖޭގައި އިންޑިއާއިން ބޭނުން އެއްޗެއް ހަދަމުންދަނީ ސިޔާސީ ބޭފުޅުންގެ ދޫތައް ބަންދު ކުރުމަށްފަހު“

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމް ކުރަން އެގައުމުން ނިންމެވި ނިންމެވުމާމެދު ޙައިރާން ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އިންްޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފައެވެ. އިންޑިއާ ސަރުކާރުން އެ ނިންމުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އިންޑިޔާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިއުމީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ޤަބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިޔާ މި ކުރަހާ ބޮޑު މަންޒަރު، މި ކަމުގެ ސަބަބުން އިތުރަށް ސާފުވެގެން ދާނެކަން ޔަގީން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު ތަކާ މަތިންދާ ބޯޓު ތަކާއި އެ މީހުންގެ ސިފައިންނާ، ރާޑަރ ސްޓޭޝަން ތަކާއި މިލަޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒެއް ވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. ޢުމަރު އެވިދާޅުވީ އައްޑޫގައި ހަދަމުންދާ ޕޮލިސް ޓްރެއިނިން މަރުކަޒު ކަމަށް ވެސް ވެދާނެއެވެ.

ޢުމަރު ވިދާޅުވީ އިންޑިއާއިން ގެންދަނީ އެއްބަސްވުމެއްގެ ދަށުން އުތުރު ތިލަފަޅުގައި ވެސް ވަރުގަދަ މަރުކަޒެއްހެދުމަށް ތައްޔާރުވަމުން ކަމަށެވެ. އޭގެ އިތުރުން އެމީހުންގެ ކޮންސިއުލޭޓް އޮފީސްތައް ވެސް މިހާރު މިދަނީ ރާއްޖޭގެ އެތައް ސަރަހައްދަކަށް ފަތުރާލަމުން ކަމަށެވެ. އެކަން ކުރަމުން އެގެންދަނީ ”އަޅުގަޑުމެންގެ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދު ކުރުމަށް ފަހުއެވެ. ކޮރަޕްޓް ވެރިން ތަކެއްގެ އަތްދަށުގައި ޤައުމެއް ތާށި ވެއްޖެނަމަ ކޮންމެފަދަ ނިކަމެތި ކަމެއްވެސް ތަޙައްމަލު ކުރަން ޖެހިދާނެއެވެ.“ ޢުމަރު ވިދާޅުވެފައިވެއެވެ.

”ދިވެހި ހަރު ބަހެއްގައި އޮވެއެވެ. ”ނަރެއްހާތަން ދޫކޮށްލިއްޔާ، ކެނބެއްހާތަން ދަމައިގަންނާނެއެވެ.“ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭ ބޭފުޅުން، އިންޑިޔާ އަށް ބޮނބި ނަރެއްހާތަންވެސް ދޫކޮށްނުލަނީ މި ސަބަބަށް ޓަކައެވެ.“ އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ވަޙީދު ވިދާޅުވެފައިވަނީ އައްޑޫގައި އެފަދަތަނެއް އިންޑިއާއިން ގާއިމް ކުރުމަކީ ބިރުވެރި ކަމެއް ފެށުމުގެ ކޮޅުމަތި ކަމަށް ވުން ގާތް ކަމަށެވެ.

”ރާއްޖޭއަށް އެހެން ގައުމެއްގެ  ކޮންސިއުލޭޓް ޖެނެރަލެއް/ އެންބަސީ އެއް/ ކޮންސިއުލޭޓް ޖެނެރަލް ތަކެއް ބޭނުންވާ ކަމަށާއި ހުޅުވަންޖެހޭ ތަންތަނާއި ރަށްތައް ބޭރު ގައުމެއްގެ ވަޒީރުންގެ މަޖިލިހަކުން ކަނޑައަޅާ ނިންމާ ހިސާބުން މި ގައުމުގެ އަމިއްލަ ވަންތަކަން ގެއްލުނީ،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިއީ ބިރުވެރި ނާމާން ކަމެއް ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ބޭނުމަކަށް ނުވަތަ ހުށަހެޅުމަކަށް ނޫނީ ވެގެންވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅޫވެފައިވެއެވެ. ”ފުރަތަމަ ނިންމަން ޖެހޭނީ ރާއްޖެއިން، ރާއްޖޭގެ ވަޒީރުންނާއި މަޖިލީހަކުން ނޫންތަ؟ މި ކަމަކީ ރަނގަޅަށް ބަހުސް ކުރެވި ވަކި ރަށެއްގައި  އަޅަން ޖެހޭ ސަބަބަކާއި އެކަމުގެ ސަބަބުން ގައުމީ ސަލާމަތާއި އަމިއްލަ ވަންތަ ކަމަށް ލިބޭނެ މަންފާއާއި ގެއްލުންތައް ދިރާސާ ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެން،“ ކުރީގެ ސީޕީ ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ޢުމަރު ވިދާޅުވީ  ދިވެހި ސަރުކާރުގެ އާނ ބަސްނެތި އިންޑިއާއިން އެފަދަ ކަމެއް ކެބިނެޓުން ފާސް ނުކުރާނެ ކަމަށެވެ. މި ކަމާބެހޭ ގޮތުން އިންޑިއާއިން ބުނެފައިވަނީ މިއީ ވިސްނުމެއް ކަމަށެވެ. އަދި އެއްވެސް ކަމެއް ފައިނަލް ނުވާކަމަށެވެ. ކެބިނެޓުން ނިންމެވިޔަސް މިކަމުގައި ދިވެހިސަރުކާރުގެ ބަސް ބޭނުންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: