ބޭރު ގައުމުތަކަށް ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު ދީގެންނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އުޅޭ ސަބަބާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު އަލީ ހުސެއިން ކުރެއްވި ވިދާޅުވީ ރާއްޖޭގައި ކޮންސިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަން ވާނީ ދިވެހި ދައުލަތުން ކަމަށެވެ.
”މޮންގޯލް މީހުން ސެލްޖުކް ދައުލަތް ހިންގި ގޮތަށް ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ“ އަލީ ވިދާޅުވިއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރާތީ އެކަމާ ދެކޮޅަށް ވެސް ބަޔަކު ނިކުމެފައިވާއިރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުން އައްޑޫ އަދި ދެކުނުގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބުނަމުންނެވެ.

