ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއިރެއްގަ އޮންނަ ސަރުކާރެއްގެ ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލްވޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއިރެއްގަ އޮންނަ ސަރުކާރެއްގެ ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލްވާކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީ އައުމުން އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ކަމަށެވެ. ދައުލަތް ވާން ޖެހޭނީ މީޑިއާތައް ރެގިއުލޭޓް ކުރާ ތަނަކަށް ކަމަށާއި ނަމަވެސް ފެންނަނީ ކޮންމެ އިރަކު ވެސް އެ އިރެއްގެ އޮންނަ ސަރުކާރެއްގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނަކަށް 24 ގަޑިއިރު ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ވެގެންދާ މަންޒަރު ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އޭގެ އިތުރުން މިހާރު ފެންނަމުންދާ މަންޒަރަކީ ނޫސްތައް ގަނެގެން ނޫސްތަކުގެ ކޮންޓްރޯލް ސަރުކާރުން ނަގަމުންދާ މަންޒަރު ކަމަށް ވެސް ވިދާޅުވިއެވެ.

”ކީއްތޯ އަސްލު މި ކުރައްވަނީ. އެއްކޮޅުން މީޑިއާ ރެގިއުލޭޓް ކުރައްވާފަ އަނެއް ކޮޅުން މީޑިއާ ހިންގަނީ. މިއީ ހަޤީގަތުގައި ދައުލަތުން ކުރައްވާ ކަމަކީ. ހަމައެއާއި އެކީގައި ހިންގުމުގެ ނިޒާމުގައި އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވާ ވާހަކައަކީ ދައުލަތުން އާންމު ރައްޔިތުންނަށް ކުރެވޭ ވިޔަފާރިތައް ހުއްޓާލެވެން އެބަޖެހޭ. އެހެން ނަމަވެސް ކޮންމެ ވިޔަފާރި ނަމެއް ކީ ނަމަވެސް ކޮންމެ ވައްތަރެއްގެ ނަމެއް ކިޔަސް އެންމެ ބޮޑު ކުންފުނި ހުންނަނީ ދައުލަތުގެ ދަށުގަ. ދިވެހި ރާއްޖޭގެ އެންމެ ބޮޑު 40 ކުންފުނި ހިންގަނީ ދައުލަތުން ސަރުކާރުން. ރައީސަކަށް ހުންނަވާ ބޭފުޅާ އަލުން ތިންތިޚާބުވުމަށް މި ކުންފުނިތައް ބޭނުންކުރޭ.“ އަލީ ހުސައިން ވިދާޅުވިއެވެ.

އިންތިހާބުތަކަށް ދައުލަތުން، ސަރުކާރުން ނުފޫޒު ފޯރުވާ ވާހަކަ ދައްކަން ޖެހޭ އެއްސަބަބަކީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ތަސައްވަރު ކޮށްފައިވާ ކަންކަން ވެސް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ސަރުކާރާއި އިދިކޮޅުގައި ތިބޭއިރު ކޮންމެ ބަޔަކު ވެސް އެވާހަކަ ދައްކާ ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން އަނެއްކާވެސް އޮންނަނީ ކުރިން ކުރި ގޯސް ކަންކަން ތަކުރާރު ކުރުން ކަމަށެވެ.

”ކުރަން އައީ ކޮންކަމެއްކަމެއް، ބަދަލު ކުރާން ވައުދުވީ ކޮން ކަމެއްކަމެއް، އިސްލާހު ކުރާނީ ކޮންކަމެއްކަން ހަނދާނެއް ނެތް.“ އަލީ ހުސެއިން ވިދާޅުވިއެވެ.

”ކުންފުނިތައް ބޭނުން ކުރަނީ ވެސް ދައުލަތުގެ މާލިއްޔަތު ގާނޫނަށް އަމަލު ނުކުރަން ވެގެން. އެއީ ޕްރޮޖެކްޓްތަކާއި ވަޒީފާތައް ދިނުމަށް ބޭނުންކުރާ ވެހިކަލެއްގެ ގޮތުގައި ފެނިގެން މިދަނީ. ޕްރައިވެޓް ސެކްޓަރުގައި ކްރެޑިޓެއް އޮތިއްޔާ އެވެސް ނަގަނީ ދައުލަތުން. ކުޑަކުޑަ މިސާލަކަށް ބަލާނަމަ ފެނަކައިގެ ދަރަނި ފުދޭ. ފެނަކައިގަ އޮތް ދަރަންޏަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ފައިސާ، އެވިޔަފާރިތަކުގެ ސޭވިން.“ އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެކަނިވެސް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު ފެނިގެން ހިނގައްޖެކަމަށެވެ. ވަޒީފާ ބެހުމުން ފެށިގެން ޕްރޮޖެކްޓް ދިނުން ވެސް ބިންތައް ބެހުން ވެސް މިނެއް ފޮތެއް، ގޮތެއް ނެތި ސަރުކާރުން ކުރަމުން ގެންދިޔަ މަންޒަރު އިންތިހާބުގެ ކުރީ ދުވަހު ވެސް ފެނިގެން ދިޔަ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

”އިސްލާހް ކުރަން ހުރި ކަންކަން ވަރަށް ގިނަ.“ އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ފާހަގަކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: