ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވާފައިވާ ޢައްބާސް ޝަރީފާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި، ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވާފައިވެއެވެ. އަދި ސިޓީގައި ވާގޮތަށް މަޖިލީހުގެ ތަޅުމުން މިހާރުވަނީ ނަން ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
މުއައްސަސާތަކަށް އައްޔަންކުރައްވާ މެންބަރުން އައްޔަން ކުރެއްވުމުގެ ކުރިން ކޮމިޓީ މަރުހަލާގައި އާންމުންގެ ޝަކުވާއާއަށް ހުޅުވާލާއިރު ޢައްބާސް އާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލީ ޖުޑީޝަރީ ކޮމިޓީން ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ޢައްބާސް އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއަށް ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އަދި އެ ދުވަހު އޭނާއާ އިންޓަވިއު ކުރުމަށް ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ ވިދާޅުވެފައެވެ.
ޕީޖީއަކު މަގާމުން ވަކި ކުރާތާ 30 ދުވަހުގެ މުއްދަތެއްގައި އެ މަގާމަށް އާ މީހަކު އައްޔަނުކުރުމަށް ގާނޫނު ބަޔާންކުރެއެވެ. ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަކި ކުރުމަށް ފާސްކޮށް މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 27 ވަނަ ދުވަހުގައެވެ.
ނަން ހުށައަޅާފައިވާ އައްބާސްއަކީ ގާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ 2011 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.
ޝަމީމް މަގާމުން ވަކި ކުރުމަށް ފާސްކުރީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓާއިއެކުއެވެ. އޭނާ ވަކި ކުރުމަށް ޖަލްސާއެއް ކުރިއަށް ގެންދަވަނިކޮށް ޝަމީމްވަނީ އިސްތިއުފާ ދެއްވާފައެވެ.

