ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އާ ޕީޖީއަކު އައްޔަނު ކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ޝަމީމް ވަކި ކުރަން ރޭ ބޭއްވި ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ޝަމީމްގެ އިސްތިއުފާ ސިޓީ ރައީސް އޮފީހަށް ލިބުނުތޯ ކަށަވަރު ކުރުމަށްފަހު، ނުލިބޭކަން ކަށަވަރު ވުމުން މަގާމުން ވަކި ކުރަން ވޯޓަށް އެހިއެވެ.
ވޯޓަށްފަހު ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ޕީޖީގެ ގާނޫނުގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި އާ ޕީޖީ އައްޔަން ކުރަން ވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް މަޖިލިސް ޗުއްޓީއަށް ދާތީ ޕީޖީއަކު އައްޔަނު ކުރުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނަން ފުޅު ފޮނުއްވުމުން އެ ނަންފުޅު އިއްވަން ބާއްވާ ޖަލްސާއަކާއި ދެން ނަންފުޅު ކޮމެޓީން ފޮނުވުނީމަ ކޮމެޓީން ނިންމާފައި މަޖިލީހަށް އެންގީމާ އެ ނަންފުޅު ފާސް ކުރުމަށް ބާއްވާ ޖަލްސާ،
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަަދައްކަވަމުން ނައިބު ރައީސް ނާޒިމް ވިދާޅުވީ، 22 ވަނަ ދުވަހުގެ ރޭގައި ބޭއްވިގެންދިޔައީ މި ދައުރުގެ އެންމެ ފަހު ޖަލްސާކަމަށެވެ. ނާޒިމް ވިދާޅުވީ، މި ދައުރުގައި ރައްޔިތުންގެ މި ދައުރުގައި މަޖިލީހުގެ ޖުމްލަ 33 ޖަލްސާ ބޭއްވިފައިވާކަމަށާއި މަޖިލީހުގެ ޖަލްސާތަކުގައި ޖުމުލަ 75 ގަޑިިއިރު ހޭދަކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމަށްފަހު ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިންގަނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.

