ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަވަހާރަކޮށްލަން މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ވޯޓު ނަގަން ނުކެރުނީ އެއީ އެމްޑީޕީގެ މިނިސްޓަރަކަށް ވާތީތޯ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ސުވާލު ކުރައްވައިފި އެވެ.
ނިހާދު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ނިހާދު ވިދާޅުވީ ސިއްރު މައުލޫމާތުތަކެއް ލީކުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ނަޝީދަށް ދިން ހަމަލާއަށް މިއަދާހަމައަށް 25 ދުވަސް ވީއިރު ކުރެވުނު ކަމެއް ނެތްކަމަށެވެ.
ނިހާދު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ނުކުރި ކަމަށް ބުނެ މަލީހްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރި ކަމަށާއި، އަދި އެގޮތަށް އެކި ވަޒީރުންނާގެ ކަންކަމުގައި ކުރަންޖެހުނު މަސައްކަތްތައް ކުރި ކަމަށެވެ.
”އަޅުގަނޑުމެންގެ ކޮންމެ އިއްޒަތްތެރި މަޖިލިސް މެމްބަރަކު ތެދުވެފައި ވާހަކަ ދައްކަމުން އެބަ ވިދާޅުވޭ އެމްއެންޑީއެފްގެ އިހުމާލު އޮތް ވާހަކަ. ކީއްވެގެންތޯ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ލާން އަޅުގަނޑުމެން ނަށް ނުކެރިގެން މިއުޅެނީ؟ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށް ވީތީ މި އޮތް ބޮޑު ޓެރަރިޒަމްގެ ހަމަލާ ހިނގައި އިހުމާލުވި ފަރާތްތަކާ ދޭތެރޭ ފިޔަވަޅެއް އަޅަން ނުކެރި ފަސް ޖެހެން ތިބޭ ސަބަބަކީ ކޮބައިތޯ؟“ ނިހާދު ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ މިކަން ރަނގަޅަށް ނުބެލި ދެން ސަލާމަތްތެރިކަން ޔަގީން ނުކުރެވޭނެކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު، އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުވިލާތުގައެވެ. އެހަމަލާއަށް ފަހު ސީރިއަސް ތަހުގީގެއް ހިންގަން ފަށައި މިހާތަނަށް މި މައްސަލައާ ގުޅުން ހުރި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

