އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ ންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، 22 މާރިޗު 2021 ގައި މި ހުޅުވައިލުމުން އެކަމަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި އެއްވެސް ނަމަކަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާކުރެއްވުމަށްފަހު ނެގުނު ވޯޓުން ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިފައިނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އަލުން ހުޅުވާލާ ކަމަށެވެ.
މައުލޫމާތޫ ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ނަމަ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ވާނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް މިހާރު ވަނީ ހަމަވެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ތިން ނަމެއް ފޮނުވާފައިވަނީ އޭޕްރިލް 25 ވަނަ ދުވަހުއެވެ. އެ ބޭފުޅުންނަކީ އަލްއުސްތާޛު ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޛު އަހުމަދު އާހިދު ރަޝީދު އަދި މަރިޔަމް އަލީމްއެވެ.
ރައީސް ފޮނުވި ތިން ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ތިން ފަރާތުގެ ތެރެއިން އެއްވެސް ފަރާތަކަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓު ހަމަވެފައިނުވާތީ އެއިން އެއްވެސް ފަރާތެއްގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވެފައި ނުވާކަމަށެވެ.

