ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 އިންސައްތަ އިންޓްރެސްޓާއެކު ލޯނު އަނބުރާ ދެއްކުމަކީ ނިކަމެތި އާއިލާއަކަށް ތަކުލީފެއް!

ރައީސް ސޯލިހާއި މިނިސްޓަރ އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ދެއަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެެވެ. ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި އާންމުންވެސް މިކަން ފާހަގަކުރަމުން އާދެއެވެ. ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތަކާއި އެއްގޮތަށް ގިނަ ކަންކަން ނުދިޔުމުގެ ސަބަބުން ސަރުކާރާއިމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަން ޕާޓީތައް ގުޅިގެންކުރި ޖަޒީރާ ރާއްޖެ ކެމްޕެއިންގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ވައުދުވެފައެވެ. ތަރައްގީއާއި ގުޅުންހުރި އެކި މަޝްރޫއުތަކާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ހުށައަޅާފައިވެއެވެ. ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެފައިވާ ވައުދުގެ ދަށުން އާއިލާތަކަށް ދިރިނޫޅެވޭވަރުގެ ކުދި ބިންކޮޅުތަކުގައި އުޅޭ މީހުންނަށް އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ގޯއްޗެއް ފޯރުކޯށްދޭނެކަމަށް އެމްޑީޕީއިން ހުށައެޅި ވައުދުނާމާގައިވެއެވެ. މީގެ އިތުރަށް، ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި، ޓްރެފިކަށް ލުއިހޯދައިދިނުމަށް ވަނީ ހުށައަޅާފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ގޮތްކަމުގައި އެމްޑީޕީއިން އަބަދުވެސް ފާހަގަކުރަނީ ހުރިހާ ހިދުމަތެއް މާލެއިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ބަދަލުގައި އަތޮޅުތަކަށް ހިދުމަތްތައް ފުޅާކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ ސެންޓްރަލައިޒްކުރުމުގެ ބަދަލުގައި އެމްޑީޕީއިން އަބަދުވެސް ގެންގުޅޭ ލާމަރުކަޒުކުރުމުގެ ސިޔާސަތަކީ މިކަންކަމަށް އޮތް ހައްލުގެ ގޮތުގައި އެމްޑީޕިއިން އަބަދުވެސް ފާހަގަކުރެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިއްވި ރިޔާސީ ބަޔާނުގައި ރައީސްވަނީ މިއަހަރު ކުރިއަށްގެންދިޔުމަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތަފްސީލްުތައް ހިއްސާކުރައްވާފައެވެ.

“މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވަނީ ސޮއިކޮށްފައި. އަދި މިޔުނިޓުތަކުގެ ޢަމަލީ މަސައްކަތް، މޭ މަހުގެ ތެރޭގައި ފެށޭނެ. މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ. އޭގެ އިތުރުން، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.” މިއަހަރުގެ ރިޔާސީ ބަޔާން 

މިމަޝްރޫއުތަކުގައި އަމަލީ ސިފައެއް ޖެހި، މިހާރު މިވަނީ ބައެއް މަޝްރޫއުތަކުގެ ބިންގާ އަޅާފައެވެ. މަޝްރޫއުތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ސަރުކާރުން ވަނީ މިމަޝްރޫއުތަކުގެ ދަށުން އަޅާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ހިލާފަށް ޖާގައިގެ ގޮތުން ތަނަވަސް އަދި އަގު ހެޔޮ ފްލެޓްތަކަކަށް ވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުޅުމާލޭގައި ތަރައްގީކުރާ 1000 ހައުސިން ޔުނިޓުގެ ބިންގާ އަންގާރަ ދުވަހު އަޅާފައިވާއިރު އަތޮޅުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެންވެސް މިވަނީ ބޯހިޔާވަހިކަމަށް ޚާއްސަ ލޯނުތަކެއް ދޫކުރަން ފަށާފައެވެ.

އަތޮޮޅުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޫކުރަނީ ހަތްލައްކަ ރުފިޔާގެ ލޯނުތަކެކެވެ. މިލޯނުގެ އިންޓްރެސްޓް ގޮތުގައި 6 އިންސައްތަ ކަނޑައަޅާފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ޑިޕޮސިޓްގެ ގޮތުގައި އެއްވެސް އެއްްޗެއް ދައްކަން ނުޖެހޭއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. މިމުއްދަތުގެ ތެރޭގައި އިންޓްރެސްޓް ނުނަގާނެކަމަށް ވަނީ ހާމަކޮށްފައެވެ.

ލޯނަށް އަލަށް ހުށައަޅާނަމަ ލޯނަށް އެދޭ ފަރާތުން 20 އިންސައްތަ ޕްރޮޖެކްޓަށް ލާންޖެހެއެވެ. އެހެންނަމަވެސް 20 އިންސައްތައަށްވާ ފައިސާ ކޮންމެހެން ބޭންކް އެކައުންޓްގައި ހުންނާކަށް ނުޖެހެއެވެ. ޕްރޮޖެކްޓަށް ކޮށްފައިވާ ހަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ހުންނަ އިމާރާތެއް ނުވަތަ އިމާރާތެއް ނެތްނަމަ އިމާރާތް ކުރުމަށް ގަސްދުކުރާ ގޯތީގެ ބިންވެސް މި ވިހި އިންސައްތައިގެ ތެރޭގައި އަގުކުރެވޭނެއެވެ. އަދި ލޯނުގެ މޯގޭޖްގެ ގޮތުގައި ނަގާނީ ހަމައެކަނި އިމާރާތްކުރާ ތަންކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޖުމްލަގޮތެއްގައި މިމަޝްރޫއަކީ އަތޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ މީހުންނަށް ރަނގަޅު މަޝްރޫއެއްކަމުގައި ބެލެވެެއެވެ. އެހެންނަމަވެސް، ލޯނުގެ ގޮތުގައި ނަގާ ހަތްލައްކަ ރުފިޔާގެ ތެރެއަށް އިތުރުވާ ހަ އިންސައްތައިގެ އިންޓްރެސްޓާއިމެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ލޯނު ނަގައި ގެދޮރު އިމާރާތްކުރުމަށްފަހު އުމުރުގައި ބާކީ އޮތް ދުވަސްތައް ބޮޑު އިންޓްރެސްޓެއްގައި ލޯނު އަނބުރާ ދައްކަން ޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަތޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބަލާއިރު، 20 އަހަރަށް ބަހާލައިގެން މަހަކު ފަސްހާސް ރުފިޔާ ލޯނަަށް ދެއްކުމަކީވެސް އާއިލާތަކަށް ބޮޑު ތަކުލީފަކަށްވުން އެކަށީގެންވެއެވެ. އަތޮޅުތަކުގައި އާމްދަނީ ހޯދުމަށް ހުރި ގޮތްތަކާއި ވަސީލަތްތަކަށް ބަލާއިރު އަދި މިލޯނަކީ ނިކަމެތި އާއިލާތަކަށް ޚާއްސަކޮށް ތައާރަފްކޮށްފައިވާ ލޯނަކަށް ވާއިރު އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލޯނުގެ ގޮތުގައި މަހަކު ފަސްހާސް ރުފިޔާ ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށްފަހު ބާކީ ދިރިއުޅުމުގެ އެހެންކަންކަން ދެކޮޅު ޖައްސާނެ ގޮތާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މާލެ ސަރަހައްދުގައި ހަދާފައިވާ އިމާރާތްތަކުގެ ތެރެއިން ލޯނު ނަގައިގެން ހަދާފައިވާ އިމާރާތްތަކަށް ބަލާއިރު، ލޯނު އަނބުރާ ދެއްކުމަށް ގެތަކުގެ ވެރިފަރާތަށް ލިބޭ މައިގަނޑު އާމްދަނީއެއްގެ ގޮތުގައި ބެލެވެނީ ކުލީގެ ގޮތުގައި ލިބޭ ފައިސާއެވެ. މާލެ ސަރަަހައްދުގެ އިމާރާތްތަކުގެ ވެރިންނަށް ކޮންމެވެސް ވަރަކަށް މިލުއިފަސޭހަ ލިބެން އޮންނައިރު، އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މިއީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން، މިއިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުމަކީ ރައްޔިތުންނަށް ލިބޭ ފަސޭހައަކަށްވުރެ ރައްޔިތުންގެ ބޮލުގައި އަޅުވާ ދަރަނި ދަންތޫރައެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: