ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރާއި ބެހުމަކީ ކޮބައިކަން މާނަކޮށް، ބަދަލު ނަގައިދިނުމުގެ އުސޫލު ހިމެނޭ ބިލް މަޖިލީހަށް ހުށަހަޅަނީ!

ރައީސް ޔާމީންގެ ސަރުކާރުން ގެނައި އަބުރުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަބުރާއި ބެހުމަކާއި ކޮބައިކަން މާނަކޮށް، އެފަދަ ހާލަތެއް މެދުވެެރިވެއްޖެނަމަ މަދަނީ ބަދަލު ނަގައިދެވޭނެ ގޮތް ބަޔާންކޮށް މިއަހަރުގެ ދެވަނަ ދައުރުގެ މަޖިލީހަށް ބިލު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތީން ރައްޔިތުންގެ މަޖިލީހަށް އަބުރުގެ ބިލް ހުށަހެޅުމަށް އެޖީގެ އޮފީހުން ތައްޔާރުވި އެވެ. އެހެން ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ބައެއް ބިލުތައް ހުށަހެޅުން ލަސްވެ، މިހާރު ބިލު ހިމަނާފައި ވަނީ މި އަހަރުގެ ދެ ވަނަ ދައުރު ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 19 ބިލްގެ ތެރޭގައެވެ.

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުންކަމަށް ނުބެލެވޭނެ ހާލަތްތައްކެވެ. އަދި މީހެއްގެ އަބުރާ ބެހިއްޖެނަމަ އެކަމުގެ ސަބަބުން އަބުރާ ބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލު ނަގައި ދިނުމުގެ އުސޫލުތައް ވެސް ބިލުގައި ހިމެނޭނެ އެވެ. މި ބިލުގައި އަބުރާ ބެހުމުގެ މަދަނީ ދައުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާއު ތަކާއިގުޅޭ އުސޫލުތައް ވެސް ހިމެނޭނެއެވެ.

“އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު” ގައި ހިމެެނޭނެ ކަންތައްތައް ފާހަގަކޮށް އޭޖީގެ އޮފީހުން މީޑިއާތަކަށް ބުނީ މި ބިލަކީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު” އަށް ބާރު ލިބިދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށް އެކުލަވާލާ ބިލެއް ކަމަށެވެ.

ޢާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ، މިހާރުވެސް ތަންފީޛުކުރެވެމުންދާ ގަވާއިދެކެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ ގާނޫނުގެ ޖަދުވަލު 1 އާއި 2 ގައި ހިމެނޭ އެންމެހައި ގަވާއިދުތަކަކީ، އެއަށް ބެލެނިވެރިކަން ލިބިދޭ ގާނޫނެއް ވުޖޫދަށް އަންނަންދެން، އެ ގާނޫނުގެ ދަށުން ބާރު ލިބިދޭންޖެހޭ، އެއަށް އަމަލު ކުރުމުގެ މުއްދަތެއް ކަނޑައެޅިފައިވާ ގަވާއިދުތަކެއް ކަމަށެވެ. ބިލު އެކުލަވާލުމަށް ނިންމާފައި ވަނީ، ގަވާއިދުގެ މުއްދަތު ހަމަވުމުގެ ކުރިންކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

2016 ވަަނަ އަހަރުގެ ތެރޭގައި އަބުރުގެ ބިލެއް ތަސްދީގުކޮށް އަމަލު ކުރަން ފެށީ ކުރީގެ ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭރު ގެނައި އެ ގާނޫނުގެ ދަށުން ޓީވީތަކުން ލައިވްކޮށް ކުރިޔަށް ގެންދާ ބޮޑެތި ހަރަކާތްތަކުގައި ސިޔާސީ ބޭފުޅަކު ދައްކަވާ ވާހަކަތަކެއްގެ ސަބަބުން އެއީ އަބުރާ ބެހުންކަމަށް ކަނޑައަޅައި ބޮޑެތި އަދަދުތަކުން އެ ޓީވީތައް ޖޫރިމަނާ ކުރި އެވެ. އަދި ނޫސްވެރިން ލިޔާ ރިޕޯޓުތަކުގެ ސަބަބުން އެ ނޫސްވެރިނަށް ވެސް އަބުރުގެ ދައުވާ ކުރާނެކަމުގެ އިންޒާރު ދިނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލައި، ނޫސްވެރިންނަށް މިނިވަންކަން ގާއިމް ކުރުން ހިމެނެ އެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި އެ ގާނޫނު އުވާލި އެވެ.

އަލަށް ގެންނަ ގާނޫނުގެ ސަބަބުން ނޫސްވެރިންނަށް އެއްވެސް ފިއްތުންތަކެއް ކުރިމަތި ނުވާނެކަމަށް އޭޖީގެ އޮފީހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: