ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗްސީއެފްސީ ބޭނުންކުރުން ރާއްޖެއިން ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރެއިން އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ބޭނުން ކުރުން ރާއްޖެއިން ހުއްޓާލައިފިއެވެ.

ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން، ނުވަތަ ކުރުކޮށް ’އެޗްޕީއެމްޕީ‘ ، އަކީ 2010 ވަނަ އަހަރު އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއިން ނައްތާލުމުގެ ގޮތުން 2010 ގައި ފެށި 10 އަހަރުގެ މަޝްރޫޢުއެކެވެ.

މިމަޝްރޫއު ހިންގާފައިވަނީ މަލްޓިލެޓަރަލް ފަންޑްގެ (އެމްއެލްއެފް) ހިލޭ އެހީ މެދުވެރިކޮށެވެ. 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ދިވެހިރާއްޖެއަށް އެތެކުރެވިފައިވާއިރު، 10 އަހަރުގެ މުއްދަތެއް ތެރޭގައި 2020 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކުރެވިފައެވެ.

މިއީ ޕްރޮޓޮކޯލް އިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިއެވެ. އަދި ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޗްސީއެފްސީ ފޭސްއައުޓް ކުރި ޤައުމެވެ.

ރަސްމީ ގޮތެއްގައި މިމަޝްރޫއު ނިންމާލުމަށް، މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަސައްކަތްކުރި ހުރިހާ އޮފީސްތަކާއި ވުޒާރާތަކުގެ އިސްބޭފުޅުން ބައިވެރިކޮށްގެން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

’A Cool Move: Maldives Quits HCFC‘ ގެ ނަމުގައި ބޭއްވި މިރަސްމިއްޔާތުގައި، އެޗްޕީއެމްޕީ ތަންފީޒުކުރެވުނު ގޮތާއި ކާމިޔާބުކަމާއި އެކު ފޭސް-އައުޓް ކުރުމުގައި ގެންގުޅުނު އުސޫލުތަކާއި ބެހޭގޮތުން އެކި ދާއިރާތަކާއި ވުޒާރާތަކުން ވަނީ ވާހަކަދައްކަވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އާމިނަތު ޝައުނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހައިޑްރޯފްލޯރޮކާބަންސް (އެޗްއެފްސީ) ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރިކަމަށާއި އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިބަދަލުތައް ގެނެވުމުން މި ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓެކްނޯލޮޖިކަލް ގޮތުންނާއި ފައިސާގެ ގޮތުން ލިބެންޖެހޭ ސަޕޯޓް ލިބިއްޖެކަމަށްވާނަމަ، އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރީޖަނަލް ބަނދަރުތައް ހިމެނޭގޮތުގެ މަތީން ރަސްމީ ބަނދަރުތަކުގައި އެޗްސީއެފްސީ މާއްދާތައް ބަލައި ފާސްކުރެވޭނެ ނިޒާމުތަކެއް ޤާއިމުކުރެވުނު ކަމަށާއި އެގޮތުން މުދާ ޗެކްކޮށް، ދޫކުރުމުގައި އެޗްސީއެފްސީ ގެ ބާވަތްތައް ލޭބަލް ކުރެވިފައި ހުންނަ ގޮތާއި، އޮޅުވާލުންތައް ދެނެގަނެވޭނެ ގޮތާއި، ޓެސްޓް ކުރެވޭނެ ގޮތްތައް ކަސްޓަމްސްގެ ސަރަޙައްދުތަކުގައި ޤާއިމުކުރެވި ބޭނުންކުރެވެމުން ދާކަމަށާއި އަދި މިފަދަ ގޭސްތައް ޓެސްޓް ކިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ޤާބިލުކަމާއި ތައްޔާރީތައް ފުރިހަމައަށް ޤާއިމުވެފައި ހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: