ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބެވުމަށްފަހު، ޕާޓީގެ އެހެން މެމްބަރުން ބޭނުންކޮށްގެން އެހެން ޕާޓީތައް އުފެއްދުން އެއީ އާ ވާހަކައެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަމުންދާ ދެ މެމްބަރަކު، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ. މި ކަމުގައި އިސްކޮށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައްޔިތުންގެ މެދުގައި މަގުބޫލުކަމާއި ތާއީދުކަން ލިބިގެން ދިޔަ ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. ޕާޓީ އުފެއްދުމުގައި ނާޒިމާއި އެކު ދެން އެންމެ ގާތުން މަސައްކަތް ކުރަނީ ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ކާނަލް ނާޒިމް އާއި ރިޔާޒު އިސްވެ ތިބެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންމެ ފުރަތަމަ މީޑިއާތަކުގައި ދެކެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭރު ދެކެވުނު އެ ވާހަކަތައް ދޮގުކޮށް ދެ ބޭފުޅުން ވެސް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދާނަމަ އެކަން ކުރާނީ ސިއްރުން ނޫންކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައި ވެއެވެ. ކޮވިޑު-19 ގެ ސަބަބުން އެ މަސައްކަތް މިދިޔަ އަހަރު މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާވެސް މަސައްކަތް ފަށައި މިހާރު ކުރިޔަށް ދަނީ ޕާޓީ ރެޖިސްޓްރީ ކުރަން ބޭނުންވާ މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތެވެ.
ޖޭޕީގެ ބައެއް މެމްބަރުން ވެސް މި ޕާޓީއާއި ގުޅޭނެކަމަށް ބެލެވެ އެވެ. އަދި އެނގިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕާޓީއާއި ގުޅިވަޑައިގަންނަވާނެ އެވެ.
ސަރުކާރު ހިއްސާވާ ޖޭޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތަކުގެ އަޑުތައް މީޑިއާތަކުގައި ގަދަވެފައިވާތީ، ސުވާލު ކުރުމުން ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެހެން ޕާޓީތަކުގެ މަސައްކަތް ކުރުން އެއީ އާކަމެއް ނޫން ކަމަށެވެ. ހަމައެބީދައިން ބަޔަކު އެ މަސައްކަތް ކުރަނީކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އެވަގުތަކު ހުންނަ ސިޔާސީ ޕާޓީއަކައި ދެކޮޅުވެ، ގިނަ ބޭފުޅުން ޖޭޕީއާއި ގުޅެނީ ވެސް މަގާމުތަކުގެ ބޭނުމުގައިިކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރިޔާސީ އިންތިހާބުތަކުގައި، ކެނޑިޑޭޓަކަށް ކާމިޔާބީ ހޯދަދޭން އެންމެ ބޮޑު މަސައްކަތް ކުރަނީ އެ ޕާޓީއަށްވުންކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
ޕާޓީގެ ތެރޭގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބަޔަކު، މިހެން ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފެއްދުން އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި އަލީ ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ޖުމްހޫރީ ޕާޓީ އާއި، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރާ މަސައްކަތްތަކަށް ހުއްޓުމެއް އައުން ނޫންކަމަށް ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ، ސިޔާސީ މައިދާނަށް އިތުރު ޕާޓީތައް އުފަންވުމަކީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ސިފަ ކުރެއްވީ މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބަޔަކު ވާ ތައްޔާރީއެއްގެ ގޮތުގަ އެވެ. އަދި އެއީ އާއްމުކޮށް ހިނގާ ކަމެއްގެ ގޮތުގައި ފާހަގަކޮށް އަލީ ސޯލިހު ވިދާޅުވީ އިންތިހާބަށް ނިކުންނަން ބޭނުންވާ ބޭފުޅުން ކުރިޔަށް އޮތް ތަނުގައި ވެސް ފެންނަމުންދާނެ ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކުން ”ސަންގު“ އާއި ވާހަކަ ދައްކަމުން ބުނީ އަނެއްކާވެސް ޕާޓީގެ މަސައްކަތް ފެށި މިހާރު ކުރިޔަށް ދަނީ ޕާޓީގެ ރެޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީގެ ލީޑާޝިޕާއި އަދި ޕާޓީ އުފެއްދުމުގެ މަގްސަދާއި ގުޅޭގޮތުން އިތުރު ތަފްސީލުތަކެއް ލިބިގެންދާނެ ކަމަށެވެ.
އެނގިވައިވާ ގޮތުން މި ޕާޓީއާއި މަޖިލީހުގެ ބައެއް މެމްބަރުން ގުޅިވަޑައިގަންނަވާނެ އެވެ. އެއީ ކޮން މެމްބަރުނެއްކަން އަދި ސާފެއް ނޫނެވެ.

