މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލޭގާގައި އިންޑިއާއިން ސިއްރުން އެމީހުންގެ އަސްކަރީ މަރުކަޒެއް ހަދާކަން ”އަލް ޖަޒީރާއިން“ ފަޅާ އަރުވައިލީ، އެރަށު ރައްޔިތުންނަށް ކަމުގެ އެއްވެސް ހަގީގަތެއް ނޭނގި އެވެ.
އާބާދީ ކުޑަ ރަށެއްގައި އެފަދަ ބޮޑު ތަރައްގީތަކެއް ފެންނަމުން ދާއިރު، އިންޑިއާ އާއި މޮރިޝަސް ސަރުކާރުން ވެސް ބުނީ އެރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އަސްކަރީ އެއްވެސް ބޭނުމަކާ ގުޅުމެއް ނުވާ ކަމެއް ކަމަށެވެ. ދެ ސަރުކާރުން ވެސް ބުނަމުންދަނީ އެއީ، އެ ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފައިދާއަށް ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށެވެ.
އެހެންނަމަވެސް 300 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި، ބޮޑު ދެ ޖެޓީ އާއި ތިން ކިލޯމީޓަރުގެ ދިގު ރަންވޭއެއް އަޅަމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެފައިވާއިރު، މިއީ އެ ރައްޔިތުންގެ ބޭނުމަށާއި ފައިދާއަށް ކުރެވޭ ކަމެކޭ ބުނުމުން އުފެދެނީ ގިނަ ސުވާލުތަކެކެވެ.
އިންޑިޔާގެ އިތުރުން މޮރިޝަސް ސަރުކާރުން މިކަން ދޮގުކޮށްފައިވާއިރު، އެއީ އިންޑިޔާގެ ސާވައިލެންސް ހަރަކާތްތައް އިތުރުކުރުމަށް ބޭނުންވާ ވަޔާއި ކަނޑުގެ އުޅަނދުތައް ދުއްވޭނެ ގޮތަށް ހަދާ އިންޓެލިޖެންސް ފެސިލިޓީއެއް ކަމަށާއި، އެ މަރުކަޒު ބޭނުން ކުރެވޭނީ އިންޑިޔާ އަސްކަރިއްޔާގެ މަނަވަރުތައް މަޑު ކުރުމަށް ކަމަށް ނިއު ދިއްލީގެ ތިން ކްޓޭންކު، އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ އެސޯސިއޭޓް ފެލޯ އަބީޝޭކް މިޝްރާ އަލް ޖަޒީރާއަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
މިކަން މިހެން ވާއިރު، ހަމަމިފަދަ ހަބަރެއް ދިވެހިންނަށް ވެސް މީގެ ދުވަސްތަކެއް ކުރިން އަޑު އިވިގެން ދިޔައެވެ. އެއީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލެޓް ޖެނެރަލްއެއް ޤާއިމް ކުރަން އިންޑިއާގެ ކެބިނެޓުން ނިންމި ނިންމުމެވެ.
މިއީވެސް ވާނުވާ ނޭނގި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. މިކަމާއި ގުޅޭގޮތުން އެކިޒާތުގެ ވާހަކަތައް ތުންތުން މަތިންނާއި އިންޑިޔާއާއި ރާއްޖޭގެ އެކި މީޑިޔާތަކުގައި ދެކެވެމުންދާއިރު، އެތަނުގައި ކުރެވޭ މަސައްކަތްތަކާއި މެދުގައިވެސް އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
އެއްބަޔަކު ބުނާގޮތުގައި މިކަމަކީ ދިވެހި ރާއްޖޭގައި އިންޑިޔާ މީހުން ވަޒަންވެރިވުމަށް ރާއްޖެ ސަރުކާރުން އަޅާ ފިޔަވަޅެކެވެ. އަނެއް ބަޔަކު ސިފަ ކުރަނީ މިއީ ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.
India is secretly transforming a Mauritian island into a military hub for its navy.
An Al Jazeera investigation reveals a construction project funded by the Indian government with potentially devastating consequences for its residents. #IslandOfSecrets | https://t.co/4GsDP0xA9d pic.twitter.com/XyawWLc5m6
— Al Jazeera English (@AJEnglish) August 3, 2021
ހަމައެހެންމެ އެއްބަޔަކު އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެކޮޅުހަދާއިރު، ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ދަނީ އައްޑޫގައި ކޮންސިއުލޭޓެއް އެޅުމަކީ ރާއްޖެއަށް އެންމެ ފައިދާކުރާނެ އެއްކަމެއް ކަމަށް ބުނެފައެވެ.
މިގޮތުން އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އައްޑޫގެ ތަރައްޤީއަށް ކޮންސިއުލޭޓް މުހިންމު ކަމަށް ބުނެ، އެކަމަށް ތާއީދުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫއާއި ރާއްޖޭގެ ކުރިއެރުމަށްވެސް ކޮންސިއުލޭޓް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އަމިއްލަ ނޭފަތު ކުރީގައި ތަޅު އެޅުވިފައިވާ ވިސްނުމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމުގެ ސަބަބުން އައްޑޫއަށާއި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް އިދިކޮޅު ޕާޓީން ވަނީ ރާއްޖޭގައި އިންޑިޔާ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެކޮޅުހަދައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ”ސަންގު“ ގެ ސުވާލަކަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާކަމަށް ގަބޫލުކުރާކަމަށެވެ.
އަދި ސަރުކާރުން މިފަދަ އެތަށް މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންދާކަމަށާއި، މީގެތެރޭގައި ހއ. ފިއްލަދޫ ގެ އިހްތިޞާސްގައިވާ ދައްޕަރު ގައި ސެކަންޑް ހޯމް އެއް ދިނުމަށް އެރަށު ކައުންސިލަށް އެނގުމެއް ނެތި ޕެޓިޝަންއެއް އެކުލަވާލަމުން ގެންދާކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
އަދި މި ދަނޑުވަޅަކީ ކޮންސިއުލޭޓެއް އަޅަން އެންމެ މުނާސަބު ވަގުތެއް ނޫންކަމަށާއި، މިކަމާއި ގުޅޭގޮތުން އެކި ފަަހަރުމަތިން އެ ޕާޓީގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އަޅަން އަދި ނުނިންމާ ކަމަށެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ކޮންސިއުލޭޓް އެޅުމާ ގުޅޭގޮތުން ދެ ހިޔާލެއް އެބަ ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
ކަންމިހެންވި ނަމަވެސް އައްޑޫގައި މި މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބުނެ އިންޑިޔާގެ ސަރުކާރުން ދަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އައްޑޫއަށް ނިސްބަތްވާ މީހުންނާއި ގިނަ ދިވެހީން ދަނީ މިކަން މިހެން ނުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. މިކަމާއިމެދު އެކި މީސްމީޑިޔާގައި ”ސޭވް އައްޑޫ“ އާއި ”އިންޑިޔާ އައުޓް“ ގެ ނަމުގައި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުނުކުރުމަށް ގޮވައި ހަޅުތާލުކުރަމުންނެވެ.
ރައްޔިތުން އެންމެ ބޮޑަށް ނުރުހުން އަމާޒު ކުރަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ގޮވާލަ އެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މައުލޫމާތަކަށް ވާތީ އެމްއެންޑީއެފުން ވަނީ، އެކަން ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.
ސިއްރިއްޔާތުގައި އެކި ގައުމުތަކާއި އެކުގައި ހިންގޭ މިފަދަ މަޝްރޫއުތަކާއިއެކު ރާއްޖޭގެ މިނިވަންކަމާއިމެދު އެކިކަހަލަ ސުވާލުތައް އަމާޒުވާއިރު، ރާއްޖޭގައި ބޭރު ސިފައިންނާއި ބޭރު ގައުމުތަކާއި އެކު ކުރިއަށް ގެންދާ އެކިއެކި މުއާހަދާތަކަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްބާލަށް ރައްކާތެރިވެހުރެ ކުރެވޭ މުއާހަދާއެއްތޯވެސް ސުވާލުއުފެދެ އެވެ. ނުވަތަ މިފަދަ އެއްބަސްވުންތަކަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއްތޯ ނުވަތަ ރާއްޖޭއަށްވެސް އޮތީ މޮރިޝަސްއަށް އޮތް ގޮތްތޯ، މިއީވެސް އުފެދޭ ސުވާލެކެވެ.

