ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް އެއްވެސް އިރެއްގައި ތާއީދުކޮށް، އެއްބަސްވުމެއް ހަދާފައި ނުވާނެކަމަށް، ވެރިކަން ކުރަމުންދާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.
އެމްއާރްއެމްއިން މިފަދައިން ބުނެފައިވަނީ އަދާލަތު ޕާޓީ އަދި އެމްއާރްއެމް އިން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއިދު ކުރިކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދީއެވެ.
އެމްއާރުއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި އެނޫން ނިޒާމެއް ރާއްޖެއަށް ގެނައުމަށް ތާއީދުކޮށް، އެއްވެސް ބަޔަކާއި އެގްރިމަންޓް ހަދައި، ވާހަކަ ދައްކާފައި ނުވާނެކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމްއާއި، ޝައިޚު އިމްރާންގެ އަދާލަތު ޕާޓީން ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިހުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ.

