މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރޭ ދިން ނޫސްވެރިކަމުގެ އިނާމުގެ ތެރެއިން އެންމެ ޝަރަފުވެރި ދެ އެވޯޑް ސަންގު ޓީވީގެ ދެ ނޫސްވެރިޔަކަށް ލިބިއްޖެއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ބްރޯޑްކާސްޓިންއާއި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ. އެގޮތުން ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެންމެ ގިނަ އެވޯޑް ހާސިލްކުރީ ސަންގު ޓީވީންނެވެ.
ރޭގެ ހަފްލާގައި އެވޯޑް ދީފައިވަނީ އެވޯޑަށް ހުޅުވާލި 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއަކަށެވެ. އެއީ ތަހުގީގީ ދާއިރާ، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ.
އިނާމު ލިބުނު ނޫސްވެރިން:
- ތަހުގީގީ ނޫސްވެރިކަން: މުހައްމަދު އަޒްހީމް (ވަގުތު)
- ސިޔާސީ ދާއިރާ: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)
- އިޖްތިމާއީ އަދި ތަރައްގީގެ ދާއިރާ: އަމްނާ އިމާދު (ރާއްޖެ ޓީވީ)
- ޝަރުއީ އަދި ގާނޫނީ ދާއިރާ: ލައިޝާ އަހްމަދު (ރާއްޖެ ޓީވީ)
- ވިޔަފާރި އަދި އިގްތިސާދީ ދާއިރާ: ފާތިމަތު ޝަނާ މުހައްމަދު (މިހާރު)
- ކުޅިވަރު ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު)
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ: އިބްރާހީމް ޝާބިލް (ވަގުތު)
- ވީޑީއޯ ޖާނަލިޒަމްގެ ދާއިރާ: ހައްވާ މިންހާ (ސަންގު ޓީވީ)
- ފީޗާ/ރިޕޯޓް ދާއިރާ: މާހަތު ހުސައިން ރަޝީދު (ސަންގު ޓީވީ)
އެވޯޑް ދިނުމުގެ މިޙަފްލާގައިވަނީ ދާއިރާއަށް ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށް އަރުވާ ”ހަޔާތީ އަރުތައިގެ އިނާމް“ ދެ ބޭފުޅަކަށް އަރުވާފައެވެ. އެއީ އަލްމަރުޙޫމް އަލީ ހުސައިން، މ.ވާރޭވިލާ އާއި އަލްމަރުޙޫމް ހުސައިން މުޙައްމަދު، ގ.ލިއެނާއެވެ.

