ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫޓީއެފްއާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރެއްގެ ފަރާތުން ޝަކުވާއެއް ނުލިބޭ: އަސްލަމް

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭއްވި ކޮމިޓީގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން، ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީޙުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުމުން އެއްވެސް މެމްބަރެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަޑައިގެން އެއްބަސްވުން ދިރާސާ ކުރެއްވުމުގެ ފުރުސަތު ދެއްވީ ސަލަމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުންނަށެވެ. އުތުރުތިލަފަޅުގެ އެއްބަސްވުންކަމަށް ބުނެ ހުށަހެޅީ، ޕްރެޒެންޓޭޝަނަކަށްވާތީ އެކަމަށް ފާޑުކިއުން އަމާޒުކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ބަޔާނެއް ވެސް އާއްމު ކުރި އެވެ. އަދި އެއްބަސްވުމުގައި ވާކަންކަން ކޮމިޓީގެ މެމްބަރުނަށް ދިރާސާ ކުރަން ފުރުސަތު ނުދިނުމަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ހެއްކެއްކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމަށް ފަހު ކޮމިޓީގެ އެއްވެސް މެމްބަރެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިވޭތޯ “ސަންގު” އިން ސުވާލު ކުރުމުން، އަސްލަމް ވިދާޅުވީ ވިދާޅުވީ އަދި މިހާތަނަށް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ވާކަންކަން ހާމަކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވެސް އެކި ފަހަރުމަތީން ކުއްލި މައްސަލަތައް ހުށަހަޅާފައި ވެއެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ އެ މައްސަލަތައް ގިނަ ފަހަރަށް ބޭރުކޮށްލަނީ، އެއީ އަވައްޓެރި ގައުމުތަކާއި އެކު އޮންނަ ގުޅުން ހީނަރު ކުރުމަށް ސިޔާސީ ބޭނުމެއްގައި ހުށަހަޅާ މައްސަލަތަކެއްކަމަށް ބުނެ އެވެ. ނުވަތަ ބަހުސް މަރުހަލާގައި ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ފާޑުކިއުން އިދިކޮޅު މެމްބަރުންނަށް އަމާޒު ކުރަނީ ބޭރު ގައުމުތަކުގެ ނުފޫޒުގައި ޖެހިވަޑައިގެން މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ބުނެ އެވެ.

އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން ހާމަކޮށްދިނުމަށާއި، އޭގެ ދަށުން ރާއްޖޭގައި ހަތިޔާރާއި އެކު ތިބޭނެ އިންޑިއާ ސިފައިގެން އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެންގި އެވެ.

ބައްދަލުވުމަށް ފަހު ކޮމިޓީގެ މުގައްރިރު، އަސްލަމް ވިދާޅުވީ އުތުރުތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖެއިން އިންޑިއާއި އެކު ވެފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަންނަކަމަށް އިދިކޮޅުން ބުނި ނަމަވެސް މަޝްވަރާ ކުރެވިފައި ހުރި ކަންތަކާއި އެއްބަސްވެފައިވާ ނިންމުންތައް ވެސް ކުރީގެ ސަރުކާރަށް ވުރެ ކުޑަވެފައި މަދުކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން އެދުނު ގޮތަށް، މާރިޔާ އާއި އެމްއެންޑީއެފްގެ އިސް ބޭފުޅުން މައުލޫމާތުތައް ދެއްވި އެވެ. އެގޮތުން، އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016 އަށް، ރައީސް ޔާމީން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި “އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ” ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާކަމަށް ވިދާޅުވި އެވެ.

“އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާއީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ ކަންކަމަކީ، މިއެކްޝަން ޕްލޭނަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރައްވާފައިވާ ކަންކަމެވެ.” ޑިފެންސް މިނިސްޓްރީ

އިއްޔެގެ ކޮމިޓީ ބައްދަލުވުމަށް އެމްއެންޑީއެފްގެ ފަރާތުން ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅި އެވެ. އޭގައި ވާ ގޮތުން އުތުރުތިލަފަޅު އެއްބަސްވުމުގެ ޝަރުތުތައް ކަނޑައަޅާފައި އޮތީ ކުރީ ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅި ގޮތަކަށް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: