ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުމެއް މަޖިލީހަށް ފޮނުވަން ނުޖެހޭނެ: އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުމެއްނަމަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށްވެސް އެއްބަސްވުން ހާމަކުރަން ނުޖެހޭނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހާމަކޮށްދިނުމަށް އެދި އެމައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް އުމަރު އެމައްސަލަ ހުށައެޅުއްވުމުން، އެއްބަސްވުން ދިނުމަށް ދެކޮޅު ހަދާފައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް އެދި ޑިފެންސް މިނިސްޓްރީއަށް ވަނީ ސިޓީއަކުން ދަންނަވާފައެވެ.

އެއްބަސްވުން މަޖިލީހަށް ހާމަކޮށްދިނުމަށް އެދުމުން، ޑިފެންސް މިނިސްޓްރީއިން ވަނީ އެއްބަސްވުމުގައިވާ ކަންކަން ހާމަކޮށް ޕްރެޒެންޓޭޝަނެއް މަޖިލީހުގެ 241 ކޮމެޓީއަށް ހުށައަޅާފައެވެ. އެއްބަސްވުމުގައި ހުރި ކަންކަން ހާމަވެފައިވާއިރު، މީގެ ތެރޭގައި އުތުރުތިލަފަޅުގައި ތިބޭ އިންޑިޔާ މީހުންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ދިނުމަށް ނިންމާފައިވާކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުންތައް އިދިކޮޅުން ވަނީ ފާޅުކޮށްފައެވެ. އަދި އެއްބަސްވުން ދިރާސާކުރުމުގެ ފުރުސަތު ނުދީ ހަމައެކަނި ޕްރެޒެންޓޭޝަނެއްގެ ސިފައިގައި އެއްބަސްވުން ދެއްކުމަށްފަހު އެކަން ނިންމާލުމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަމަށް އިދިކޮޅުން ބުނެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، އާންމު ފަރުދެއްގެ ހައިސިއްޔަތުން ގަބޫލުކުރާ ގަބޫލުކުރުންތަކެއް ހުންނަކަމަށެވެ. މެމްބަރު އަހުމަދު ވިދާޅުވީ ގައުމުގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމެއްގައި ހާމަކުރެވޭނެ އެއްބަސްވުންތަކަކާއި ހާމަނުކުރެވޭނެ އެއްބަސްވުންތަކެއް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގައުމީ ސަލާމަތަށް އެކަމުގެ ސަބަބުން ނުރައްކާވާ ކަމެއްނަމަ، ވަކި ފަރުދަކު ބޭނުންވެގެން އެއްބަސްވުން ހާމަކުރަންޖެހޭ ކަމަށް ގަބޫލުނުކުރައްވާކަމަށް މެމްބަރު އަހުމަދު ވިދާޅުވިއެވެ. އެއީ ހަމައެކަނި މިރާއްޖޭގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔޭގައިވެސް އެކަމުގައި އަމަލުކުރަމުންދާ އުސޫލުކަމަށް މެމްބަރު ވިދާޅުވިއެވެ.

“އާންމު އެއްބަސްވުމެއްނަމަ މަޖިލީހަށް ގެނެސް ހާމަކުރުމަކީ މައްސަލައެއްނޫން” މެމްބަރު އަހްމަދު އަބްދުﷲ

މީގެ އިތުރުން މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ކަމުގައިވިޔަސް މަޖިލީހުގައި ތިއްބެވީވެސް ސިޔާސީ ޕާޓީތަކުގެ ސިޔާސީ ބޭފުޅުންކަމަށެވެ. މީގެކުރިންވެސް، ސިއްރު ކޮމެޓީތަކުގައި ހިއްސާކޮށްފައިވާ ސިއްރު މައުލޫމާތުތައް މީޑިޔާތަކަށާއި އާންމުންނަށް ލީކުވެފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، އާންމުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެ އެކަން ބޮޑު މައްސަލައަކަށް ވެގެންދިޔަ ކަމަށެވެ. އެހެންކަމުން، މިފަދަ އެއްބަސްވުންތައް ހިއްްސާކުރުމާއި ހާމަކުރުމުގައި ވަކި ހައްދެއް އޮންނަންވާނެކަމަށް ގަބޫލުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމާއިމެދު އިދިކޮޅުގެ ކަންބޮޑުވުން ފާޅުކޮށް އެންމެ ފަހުން އާންމުކުރި ނޫސްބަޔާނުގައި ޕާޓީއިން ވަނީ އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެކަން ހާމަވާ ކަމަށެވެ. އަދި މި އެއްބަސްވުމުން ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިން ތިބުމަށް މަގުފަހިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުން ނެތި އެފަދަ ނިންމުމެއް ނިންމުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާއި ހިލާފުވުންކަމަށް ބަޔާނުގައި ވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: