ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރުމާއި މެދު މި މަހު ގޮތެއް ނިންމާނެ!

- ކުރީގެ ހެލްތް މިނިސްޓަރު އަމީން އާއި އޭސީސީގެ ރައީސް ޝިއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައި ތަހުގީގު ނިންމައި އަލުން ރިވިއުއަށް ފޮނުވުމާއި މެދު މި މަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

މިއީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއިއެކު ވީ އެއްބަސްވުން ފާހަގަކުރެވެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ޖެހެއެވެ. މިއަދާއި ހަމައަށް ވެސް އެ ވެންޓިލޭޓަރުގެ ހިލަމެއް ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ. އެ ކުންފުންޏާއި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

މައްސަލަ ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަގުގީގަށް ބޭނުންވާ ހުރިހާ ބަޔާނެއް ނަގައި ނިންމާލާފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކުރުމާއި މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެކަމަށް ޝިއުނާ ވިދާޅުވި ނަމަވެސް، މައްސަލައިގައި އިތުރު ބަޔަކަށް ތުހުމަތެއް ކުރެވޭތޯ ނުވަތަ ނޫންތޯ ވިދާޅެއް ނުވެ އެވެ. އަދި ކުރިން ދައުވާކޮށްފައި ނުވާ ބަޔަކަށް ދައުވާ ކުރުމާއި މެދު ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޝިއުނާ ވިދާޅުވީ ކޮމިޝަނުން ތަހުގީގު ކުރިޔަށް ގެންދިއުމުގައި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައި އިސްލާހު ކުރަން އެދުނު ބައެއް ކަންކަމަށް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތަށް ގެއްލުންވާ ގޮތަށް ނިންމާފައި ހުރި، ބައެއް ނިންމުންތަކާއި އޭގެ ސަބަބުން ކުރި އަސަރުތަކަށް ތަހުގީގީ ނަޒަރަކުން ބަލާފައިވާނެކަމަށް ޝިއުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޖީން އެދުނީ މާލީ މުއާމަލާތްތަކާއި ބެހޭ ތަފްސީލު ހިމަނައި، ތަހުގީގު ރިޕޯޓު ފޮނުވުމަށް ކަމަށެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ސުވާލު އުފެދި، އެކަމާއި ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް މީގެ ކުރިން ސުވާލު ކުރިއެވެ. ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް އެންއީއޯސީގެ އޭރުގެ ތަރުޖަމާނު އަދި ސަރުކާރުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: