އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ ދުޅަހެޔޮ ރަނގަޅު ޖީލެއްވެސް އަޅުގަނޑުމެންނަށް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުރެވިގެން ކަމަށެވެ. ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި މުޖްތަމަޢުގައި ބޮޑެތިވަމުންދާ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ޤައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށް އެކަމަނިކުފާނު ވިދާޅުވިއެވެ.
ރޭ ހާފިޒް އަޙްމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
މި ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް، 45 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 1، 38 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 2، 28 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 3، 16 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 4، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ.

