ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުވުން ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 1 އިން 4 އަށެވެ.
އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިގްތިސާދާއި، ތިމާވެއްޓާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ ”އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު“ މި ޝިއާރުގެ ދަށުންނެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ވުނަކުރުމަށް ފުރުސަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިގްތިސާދީ ކުރިއެރުމެއް ހޯދުމާ ގުޅޭގޮތުންނެވެ.

