ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން ސާވިސް ބިލާއެކު، މިނިސްޓަރަށް ބޮޑެތި ބާރުތަކެއް!

މިނިސްޓަރ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން ސާވިސް ބިލު ފާސްކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިބިލު ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ޝަހީމެވެ.

ސަރުކާރުގެ ފަރާތުން މިބިލު ހުށައެޅި މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ބިނާކުރުމަށްޓަކައި، ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމްކުރުމެވެ. އެ ހިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް މިބިލާއެކު އެކުލަވާލެވިގެން ދާނެއެވެ.

މިބިލު ކޮމެޓީ މަރުހަލާއަށް ހުށައެޅުމުން ކޮމެޓީ މަރުހަލާގައި ވަނީ ބައެއް އިސްލާހުތައް ގެނެސްފައެވެ. އެހެންނަމަވެސް، މާ ބޮޑެތި އިސްލާހުތަކެއް ކޮމެޓީ މަރުހަލާގައިވެސް ބިލަށް ގެނެސްފައެއް ނުވެއެވެ. ކޮމެޓީ މަރުހަލާގައި ބިލަށް ގެނެސްފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރަ ދިނުން ފިނޭންސް މިނިސްޓްރީގެ ލަފަޔާއިއެކު ޕޭކޮމިޝަނަށް ބަދަލުކުރުމެވެ. މިބަދަލު ގެނައި މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ބޮޑު މުސާރައަށް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ބަދަލުވާ ބަދަލުވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެޓީ ރިޕޯޓު ހުށައަޅުއްވައި ދެއްވަމުން، ޚާރިޖީ ކޮމެޓީގެ މުގައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ މިބިލު ކޮމެޓީ މަރުހާލއަށް ހުށައެޅުމުން ކަމާއި ގުޅުން ހުރި ގިނަ ދާއިރާތަކެއްގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ބިލު ގާނޫނަކަށްވުމުން ކެރިއަރ ޑިޕްލޮމޭޓުން ތަމްރީންކޮށް، ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރަށް ލިބިދޭ ޚާއްސަ ބާރުތައް

މިބިލު މިހާރު ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މިބިލު ތަސްދީގުކުރާާ ހިސާބުން ފޮރިން މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. ފޮރިން ސާވިސްގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. ފޮރިން ސެކްރެޓަރީއަށް ބޭފުޅަކު އައްޔަންކުރައްވާނީ ފޮރިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ފޮރިން މިނިސްޓަރަށް ލިބޭ އިތުރު ބާރުތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ގާއިމްކުރުމާއި އެތަންތަން ބަންދުކުރުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް މިނިސްޓަރު ލަފާ ދޭން ޖެހޭނެއެވެ. ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ގަބޫލުކުރުމާއި، ގަބޫލުކުރުން އަނބުރާ ގެންދިޔުމާއި، ސިޔާސީ ގުޅުން ގާއިމްކުރުމާއި އަދި އެގުޅުން ކަނޑާލުމުގައިވެސް ރައީސަށް މިނިސްޓަރު ލަފާ ދެއްވާނެއެވެ.

ފޮރިން ސާވިސްގެ ބިލު ފާސްވެގެންދިޔުމާއިއެކު މުޅި ފޮރިން ސާވިސްގެ އިހުތިސޯސް ވަކިވެގެންދާނެއެވެ. އަދި ފޮރިން ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ވަކި ތައުލީމާއި ތަމްރީން ފޯރުކޮށްދެވިގެންދާނެއެވެ.

“މިނިސްޓަރަށް އެދެނީ މާބޮޑު ބާރުތަކެއް، އޮޕަރޭޓްކުރައްވާނީ ރައީސަށްވުރެވެސް މަތިން!”

ކޮމެޓީ މަރުހަލާއިން ބިލް ފާސްކޮށް، ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި އިދިކޮޅު މެމްބަރުން ވަނީ މިބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ބޮޑެތި ބާރުތަކެއް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދިނުމަށް ނިންމި ނިންމެވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ފޮރިން ސާވިސްގެ ބިލަކީ މިސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން ހައްދަވާ ގޯހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިބިލަކީ އަމިއްލަ ލޮލަށް ހެރޭނެ އިލޮށްޓެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލޮލަށް މިއިލޮށި ހެރޭނެކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަކަށްވާއިރު، މިބިލާއި އެކީގައި ރާއްޖޭގައި އޮތް ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ފޮރިން ސާވިސްގެ ބިލާއިއެކީ މުޅި ޚާރިޖީ ސިޔާސަތުގެ އިހްތިސާސް ވަކިކޮށް، މިނިސްޓަރަށް ވަކިން ބޮޑެތި ބާރުތަކެއް ދިނުމަކީ ރައީސް ސޯލިހު ހައްދަވާ ބޮޑު ގޯހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

“ފޮރިން މިނިސްޓަރަށް ދިނުމަށް ނިންމާފައިވާ ބާރުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއިން އޭގެ ޒާތުގައި ތަންދޭ ކަމެއްނޫން! އެހެންނަމަވެސް، މިއަދު ފެނިގެންމިދަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އެހެން ވަޒީފާއެއް އަދާކުރައްވާ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާއަށް ވުރެވެސް މަތިން ކަންކަން ހިންގުމަށްޓަކައި އެބޭފުޅާގެ ކުޅަދާނަކަން ބޭނުންކުރަމުންގެންދާ މަންޒަރު!” އާދަމް ޝަރީފް އުމަރު

ކޮންމެ ފަސް އަހަރަކުން ވަޒީރު ބަދަލުވާއިރު، މިނިންމުން ރަނގަޅުބާ؟

ބިލު ފަރުމާކުރެވިފައިވާގޮތުން، ފޮރިން މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދެއެވެ. ފޮރިން ސާވިސްއަކީ މުޅިން ވަކި ދާއިރާއެއްގެ ގޮތަށް ކަނޑައެޅި، ނިންމުންތައް ނިންމުމުގައި ގޮތް ވިދާޅުވުމުގެ ބާރު ފޮރިން މިނިސްޓަރަށް ލިބިގެންދާނެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުވެސް، ވެރިކަމާއި މަގާމުގައި ތިއްބަވާ ބޭފުޅުންވެސް ދާދި އަވަސް އަވަހަށް ބަދަލުވެގެންދާއިރު ވަކި މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މާބޮޑެތި ބާރުތަކެއް ދިނުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ. މަގާމަށް އަންނަ ބޭފުޅެއްގެ ސަބަބުން، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިހާރުވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ވެރިކަމުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވާ ގޮތްތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއެވެ.

ވެރިކަމުގައި ތިއްބަވާ ބޭފުޅުން ވަކި ގައުމަކާއިއެކު މާގާތް ގުޅުންތަކެއް ބޭއްވުމާއި، ވަކި ގައުމުތަކަކާއި ޖަމިއްޔާތަކާއި ގުޅުން ކަނޑާލުމަކީ މިހާރަކަށް އައިސް އާންމު ކަމަކަށްވެފައިވާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް މާކަމުދާ ސިޔާސަތުތަކަކަށް ނުވެއެވެ. އެހެންކަމުން، މިފަދަ ގޮތަކަށް ކަންކަން ބަދަލުވަމުންދާ މުޖުތަމައެއްގައި ވަކި މަގާމަކަށް އަންނަ މީހަކަށް ބޮޑެތި ބާރުތަކެއް ދީ ނިންމާލުމަކީ، ބުއްދިވެރި ގޮތެއް ނޫންކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: